އެ ކައުންސިލެއް ހިމެނޭ ރަށަކުން ނަގާ ޓެކްސްގެ އިންސައްތައެއް ލިބިދިނުމަށް ވަކާލާތު ކުރަށްވާނެކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވެއްޖެއެވެ.

ރަށްރަށުގައި ކުނި މެނޭޖް ކުރުމުގައި ދިމާވެފައިވާ ދަތިތަކާއި ގުޅޭގޮތުން އަމިއްލަ ޓީވީ ޗެނަލްއަކަށް ދެއްވި ބަސްދީގަތުމެއްގައި މޭޔަރ އާޠިފް ވިދާޅުވެފައިވަނީ ގެސްޓް ހައުސްތައް ފަދަ ޓޫރިސްޓު މަސައްކަތްތައް ގިނަ ރަށްރަށުގައި ގިނައިން ކުނި އުފެދޭއިރުގައި، ކުނި މެނޭޖްކުރުމަށް ކައުންސިލްތަކަށް ވަރަށް ބޮޑަށް ބުރަވާކަމަށެވެ. އެހެންނަމަވެސް ގްރީން ޓެކްސް ގެ އެއްވެސް މިންވަރެއް ކައުންސިލަށް ނުލިބޭއިރު އެ މާލީ ބުރަ ނަގަންޖެހެނީ ބްލޮކްގްރާންޓްގެ ކުޑަ މިންވަރަކުން ކަމަށްވެސް މޭޔަރ ވިދާޅުވެފައިވެއެވެ.

Ad
rt

އެގޮތުން މަރުކަޒީ ޓެކްސް ތަކުން ނެގޭ ޓެކްސްތަކުގެ ތެރޭގައި ހިމެނޭ ވިޔަފާރި ޓެކްސް ފަދަ، މީރާ އިން ނަގާ ޓެކްސް އިން އެ ކައުންސިލްއެއް ހިމެނޭ އިހްތިސާސް އަކުން ނެގޭ ޓެކްސް ގެ ކޮންމެވެސް އިންސައްތައެއް އެ ކައުންސިލަކަށް ލިބޭނެ ގޮތް ވަކާލާތުކުރާނެކަމަށް މޭޔަރު ވިދާޅުވެފަވެއެވެ.

މިކަމުގެ ސަބަބުން އެ ރަށެއްގެ އިކޮނޮމީ ޖެނެރޭޓް ކުރާ ވަރެއް ނުވަތަ ރަށެއްގެ ޖީޕީޑީ ވެސް ކައުންސިލަށް އެނގިގެން ދިއުމަކީ އެ ރަށަކަށް އިންވެސްޓްމަންޓް ފުރުޞަތުތައް ހޯދުމަށް ފަހިވެގެންދާނެކަމެއްކަމަށް މޭޔަރ ފާހަގަކުރެއްވިއެވެ.

މި ކަމާއި ގުޅުވައިގެން މި ބަސްދީގަތުމުގައި މޭޔަރ ވިދާޅުވެފައިވަނީ އެ ރަށުގައި ހިނގަމުންދާ އިކޮނޮމިކް އެކްޓިވިޓީތަކުގެ މަންފާއެއް އެ ރަށުގެ ރައްޔިތުންގެ މާލިއްޔާއަށް ވުމަކީ މުހިންމު ކަމެއްކަމަށެވެ.

މީގެ އިތުރުން މޭޔަރ ފޭސްބުކްގައި ކުރެއްވި ފޯސްޓެއްގައި ވިދާޅުވެފައިވަނީ ކުނީގެ މައްސަލައަށް ހައްލު ހޯދުމަށް އެކި ގޮތްގޮތުން ގިނަ މަސައްކަތްތަކެއް ސިޓީ ކައުންސިލުން ކުރެވިއްޖެކަމަށެވެ. އެގޮތުން މި ޕޯސްޓުގައި ސިޓީ ކައުންސިލުގެ ދައުރު ފެށުނީއްސުރެއް މިއަހަރުގެ ނިޔަލަށް ކައުންސިލުން ކުރި މަސައްކަތްތަކުގެ ޓައިމްލައިންއެއް ވަނީ ހިމަނާފައެވެ.

"މިހާރުވެސް ކުނި މެނޭޖްކުރުމަށް ބޭނުންވާ މެޝިނަރީސްއާއި ބައެއް އާލާތް ހޯދުމަށް، ޕްރޮޕޯސަލް ތައްޔާރުކޮށް ބޭރުގެ ބައެއް އޭޖެންސީތައް މެދުވެރިކޮށް މަސައްކަތްތަކެއް ކުރަމުން އެބަ ގެންދަން" މޭޔަރ އާޠިފް ވިދާޅުވެފައިވެއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ކުނި މެނޭޖްކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން މެކްސް އާއި ވޯލްޑްބޭންކް އާއި ޔޫއެން ކުރިއަށް ގެންދާ ޕީސް ޕްރޮޖެކްޓްގެ ދަށުން "ނަމޫނާ ޗޭންޖްމޭކަރ ވޯކަޝޮޕް" އެއް ވަނީ މި ނިމިދިޔަ ހަފްތާ ކުރިއަށް ގެންގޮސްފައެވެ. މި ވޯކްޝޮޕު ނިންމާލުމުގެ ރަސްމިއްޔާތުގެ ތެރެއިން ކުޅުދުއްފުށި ސިޓީ ކައުންސިލުގެ މެންބަރު އަޙުމަދު އަބްދުالله (ރޯޒޭ) ވެސް ވަނީ ކުނި މެނޭޖްކުރުމަށް ކައުންސިލުން ކުރާ ހޭދަ އާއި މަސައްކަތްތައް ފާހަގަކުރައްވާފައެވެ.