ހއ.ދިއްދޫ، ދި-ފައުންޑޭޝަންއިން އެރަށުގައި ބާއްވާ ބޭސިކް ފޮޓޯގްރަފީ ވޯކްޝޮޕް ފަށައިފިއެވެ.
މި ވޯކްޝޮޕަކީ ދި-ފައުންޑޭޝަންގެ ފަރާތުން އެ ރަށުގެ ސްކޫލްގެ ގްރޭޑް ހަތަކުން މަތީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގައި ވަނީ 18 ދަރިވަރަކު ބައިވެރިވެފައެވެ.
މި މަހުގެ 22 އިން 24 އަށް ކުރިއަށް ގެންދާ މި ވޯކްޝޮޕްގެ ސެޝަންތައް ކުރިއަށް ގެންދަނީ ދިއްދޫ ކޮމިއުނިޓީ ސެންޓަރުގައެވެ.
މި ވޯކްޝޮޕްގައި ކިޔަވައިދެނީ ފޮޓޯގްރަފީގެ ދާއިރާގައި ތަޖުރިބާކާރެއް ކަމަށްވާ އިބްރާހީމް ނަސޫހްއެވެ. އޭނާއަކީ ވެސް ދިއްދޫއަށް އުފަން ދިއްދޫ ރައްޔިތެކެވެ.
މި ވޯކްޝޮޕްގެ މަގުސަދަކީ ދިއްދޫގައި ޒުވާން ފޮޓޯގްރާފަރުން އުފެއްދުމާއި، މި ދާއިރާއިން ކުރިއަށްދާން ޝައުގުވެރިވާ ކުދިންނަށް އެ ފުރުސަތު ހޯދައިދީ އާމްދަނީ ހޯދޭނެ ދޮރެއް ހުޅުވާލަ ދިނުމެވެ.
ދި-ފައުންޑޭޝަންއަކީ ދިއްދޫގެ ކުރިއެރުމަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ފައުންޑޭޝަނެކެވެ. އެ ފައުންޑޭޝަނުން އަންނަނީ ތަފާތު ޕްރޮގްރާމްތައް ހިންގައި ދިއްދޫގެ ކުރިއެރުމަށް ފުޅާދާއިރާއެއްގައި މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!