ޤުދުރަތީ ރީތިކަމަކީ، ދިވެހިރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ދުނިޔޭގެ ދިރޭތަކެތީގެ ނަސްލުގެ ދުވަހާއި ގުޅިގެން މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.
އެ މެސެޖުގައި ރައީސް ވިދާޅުވެފައި ވަނީ ޤުދުރަތީ ރީތިކަމަކީ، ދިވެހިރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތްކަމަށެވެ. އަދި މި އަގުހުރި ނިޢުމަތަށް ރައްކާތެރިވެވޭނީ، ދިރޭ ތަކެތީގެ ނަސްލު ޙިމާޔަތްކޮށް ދަމަހައްޓައިގެންކަމަށް ރައީސް ވިދާޅުވެފަވެއެވެ.
ބަޔޯލޮޖިކަލް ޑައިވަރސިޓީއަށް ޚާއްޞަ ބައިނަލްއަޤްވާމީ ދުވަސް ފާހަގަކުރެވެނީ ކޮންމެ އަހަރެއްގެ މެއި 22 ވަނަ ދުވަހުއެވެ. މި ދުވަހަކީ ދުނިޔޭގައިވާ ދިރުންތަކުގެ ތަފާތުކަން ފާހަގަކުރުމަށް ޚާއްޞަކުރެވިފައިވާ ދުވަހެކެވެ. މީގެ ތެރޭގައި ހުރިހާ ގަސްގަހާގެއްސާއި، ޖަނަވާރުތަކާއި، ފަންގަސްތަކާއި އަދި މައިކްރޯ އޯގަނިޒަމްތައް ހިމެނެއެވެ.
އެކުވެރި ދައުލަތްތައް (އދ.) އިން މި ދުވަސް ތަޢާރަފްކޮށްފައި ވަނީ އެކްސްޓިންކްޝަން (ނެތިދިއުން) ގެ ނުރައްކަލާ ކުރިމަތިލާންޖެހިފައިވާ ބާވަތްތަކާއި، ބަޔޯޑައިވަރސިޓީ ރައްކާތެރިކުރުމުގެ މުހިންމުކަމާއި އަދި އިންސާނުންގެ ދުޅަހެޔޮކަމަށް އޭގެ މުހިންމުކަން ހާމަކޮށް، އެކަމާމެދު ހޭލުންތެރިކަން އިތުރުކޮށް، އަދި އެކަމަށް ޢަމަލީ ގޮތުން މަސައްކަތްކުރުމަށް ބާރުއެޅުމަށްޓަކައެވެ.
ބަޔޯލޮޖިކަލް ޑައިވަރސިޓީއަށް ޚާއްޞަ ބައިނަލްއަޤްވާމީ ދުވަހެއް އދ. އިން ކަނޑައޅާފައިވަނީ އެ ޖަމިއްޔާގެ ބަޔޯލޮޖިކަލް ޑައިވަރސިޓީއާ ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއާގެ ދަށުންނެވެ. މި ދުވަސް ފާހަގަކުރަނީ މެއި 22 ކަމަށް ކަނޑައަޅާފައިވާ މި ދުވަހުގެ މަޤްޞަދަކީ ބަޔޯޑައިވަރސިޓީ ރައްކާތެރިކުރުމުގެ މުހިންމުކަމާއި، ދިރުންތަކަށް އެހީތެރިވެދޭ އެކި ބާވަތުގެ އިކޯސިސްޓަމްތަކުގެ މުހިންމުކަމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމެވެ.
މި ދުވަހާއި ގުޅުވައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙަރަކާތްތަކާއި ހަފްލާތައް ބާއްވަމުން އަންނައިރު އެއިގެތެރޭގައި އާންމު ގޮތެއްގައި ހިމެނެނީ ތަޢުލީމީ ޕްރޮގްރާމްތަކާއި، ދިރާސާތަކުގެ ހުށަހެޅުންތަކާއި، އަދި ޤުދުރަތީ ވަސީލަތްތައް ރައްކާތެރިކުރުމާއި ބަޔޯޑައިވަރސިޓީއަށް އަމާޒުކޮށްގެން ހިންގޭ މުޖުތަމަޢު ހޭލުންތެރިކުރުވުމުގެ މަސައްކަތްތަކެވެ.
މިއަހަރުގެ ދިރޭތަކެތީގެ ނަސްލުގެ ދުވަހުގެ ޝިއާރަކީ "ހާމަރނީ ވިތް ނޭޗަރ އެންޑް ސަސްޓެއިނަބަލް އެނަރޖީ"އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!