މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ޔުއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ޓޮޓެންހަމުން ކާމިޔާބު ކޮށްފިއެވެ. ރޭ އެތުލެޓިކް ބިލްބާއޯގެ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ޓޮޓެންހަމުން ވަނީ 1-0 ގެ ނަތީޖާއިން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދާފައެވެ.
މިއީ ޔުނައިޓެޑާއި ޓޮޓެންހަމަށް ވެސް ޕްރިމިއާ ލީގުގައި ވަރަށް ދަށް ސީޒަނެކެވެ. ލީގުގައި ކޮންމެ ޓީމަކަށް ބާކީ އެއް މެޗު އޮތްއިރު މިވަގުތު ޔުނައިޓެޑް އޮތީ ޕޮއިންޓް ތާވަލުގެ 16 ވަނާގައެވެ. ޓޮޓެންހަމް އޮތީ 17 ވަނާގައެވެ. މި ސަބަބާއި ގުޅިގެން ޔޫރޮޕާ ލީގު ކާމިޔާބުކޮށްގެން އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ މުހިންމުކަން ދެ ޓީމަށް ވެސް އޮތީ ވަރަށް ބޮޑުވެފައެވެ. ފައިނަލުން ބަލިވުމުން އަންނަ ސީޒަންގައި ޔޫރަޕްގެ އެއްވެސް މުބާރާތަކުން ޔުނައިޓެޑް ނުފެންނާނެއެވެ.
ނަތީޖާތަށް ދަށްވުމުން މިދިޔަ ނޮވެމްބަރ މަހު ޔުނައިޓެޑާއި ހަވާލުވި ޕޯޗުގީސް ކޯޗު، ރުބެން އަމޮރިމް އަށާއި ޓޮޓެންހަމްގެ ކޯޗް ޕޮސްޓެކްގްލޫ އަށް އޮތީ ޕްރެޝަރ ބޮޑުވެފައެވެ. ނަމަވެސް މި ތައްޓާއިއެކު ޓޮޓެންހަމްގެ ކޯޗަށް ލުޔެއް ލިބުނު ނަމަވެސް ޔުނައިޓެޑްގެ ކޯޗުގެ މުސްތަގުބަލާއި މެދު ވަނީ ސުވާލު އުފެދިފައެވެ.
17 އަހަރު ފަހުން ޓޮޓެންހަމުން ތައްޓެއް ހޯދިއިރު، މިއީ މި މުބާރާތް އެ ޓީމުން ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. މީގެ ކުރިން، 1972 އަދި 1984 ވަނަ އަހަރު އެ ޓީމުން ވަނީ މި މުބާރާތް ކާމިޔާބުކޮށްފައެވެ.
ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން، 2017 ވަނަ އަހަރު ހޯދި ޔުނައިޓެޑް ވަނީ 2021 ވަނަ އަހަރުގެ ފައިނަލުގައި ވެސް ބަލިވެފައެވެ. އެ ފަހަރު ޔުނައިޓެޑް ބަލިވީ ޕެނަލްޓީ ޖަހައިގެން ސްޕެއިންގެ ވިޔަރެއާލް އަތުންނެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ، 42 ވަނަ މިނިޓްގައި ބްރެނަން ޖޯންސަންއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ޕަޕޭ މަޓަ ސާ ނަގައިދިން ހުރަހަކަށް އަރާ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.
މެޗު ކޮންޓްރޯލް ކޮށްގެން ޔުނައިޓެޑުން މޮޅަށް ކުޅުނެވެ. ހާއްސަކޮށް ޔުނައިޓެޑުން ވަނީ ދެވަނަ ހާފުގައި އެޓޭކްތައް ވަރުގަދަކޮށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް މި އެއްވެސް ހަމަލާއެއް ކާމިޔާބުނުވެ ޔުނައިޓެޑް ވަނީ ބަލިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!