ހދ. ކުޅުދުއްފުށީ ސިޓީ ރަށްމަތި ފަންނުގެ އުތުރުކޮޅު މަސްމާރުކޭޓް ދެކުނުގައި އޮންނަ ސްވިމިންގް ޕްލެޓްފޯމު މަތީގައި މަސްބާނަން ތިބުމަކީ މަނާ ކަމެއްކަން އަންގައި، ސިޓީ ކައުންސިލްގެ އިދާރާއިން އިޢުލާން ކޮށްފިއެވެ.
ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައިވަނީ، ސްވިމިންގް ޕްލެޓްފޯމު މަތީގައި މަސްބޭނުން އާންމުވެ، އާންމުންގެ ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން، މިފަހަކަށް އައިސް އެ ސަރަހައްދުގައި މަސްބާނަން ތިބުމާއި ޕްލެޓްފޯމު މަތީގައި މަސްކެނޑުން ފަދަ ކަންކަން ކުރަމުންދާކަމުގެ ޝަކުވާތައްވެސް ވަނީ ހުށަހެޅިފައެވެ.
މިފަދަ ޙަރަކާތްތަކުގެ ސަބަބުން އެ ސަރަހައްދު ބޭނުންކުރަމުން އަންނަ އާންމުންނާއި ކުޑަކުދިންނަށް އުނދަގޫތަކާ ކުރިމަތިވަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ކުޅުދުއްފުށީގައި ދެވަނަ ސްވިމިންގް ޓްރެކެއް އެޅުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. މިކަމަށް ބޭނުންވާ ސާމާނު ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ފޯރުކޮށްދީފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
ފާއިތުވި ދެ އަހަރު ސްވިމިންގ އެސޯސިއޭޝަނާއި ސިޓީ ކައުންސިލް ގުޅިގެން އިންޓަރ ސްކޫލް ފެތުމުގެ މުބާރާތް ކުޅުދުއްފުށި ސިޓީގައި ކާމިޔާބުކަމާއެކު ބާއްވާފަ އެވެ.
ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި، މި އައު ޓްރެކް ރާވައި ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވަނީ ސިޓީ ކައުންސިލުން މިއަހަރު ކުރިއަށްގެންދިއުމަށް ރާވާފައިވާ ބޯޒިޔާރަތް ބީޗް ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމަށްފަހު އެ ސަރަހައްދުގައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ކުޅުދުއްފުށީގައި ފުރަތަމަ ސްވިމިންގ ޓްރެކެއް އަޅާފައިވަނީ 2020 ވަނަ އަހަރުގައި ކަމެވެ.
ކުޅުދުއްފުށީގެ ފެތުމުގެ ވަސީލަތްތައް އިތުރަށް ފުޅާވެ، ރައްޔިތުންނަށް މި ކުޅިވަރުން ލިބޭ މަންފާ އިތުރުވާނެ ކަމަށް އުންމީދު ކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!