ކުޅުދުއްފުށި ސިޓީ ޕޯޓް އެކްސްޓެންޝަން ޕްރޮޖެކްޓް ފެށުމަށްޓަކައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާ އާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް) އާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިގްތިސާދީ ވުޒާރާގެ ވަޒީރު މުޙައްމަދު ސަޢީދު އެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ މި ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ، (ސީއީއޯ) މުޙައްމަދު ރިޝްވާން އެވެ.

Ad
rt

އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރާއިންނާއި އެމްޕީއެލްއިން ނެރުނު ގުޅިފައިވާ ބަޔާނެއް ގައި ފާހަގަކޮށްފައިވަނީ މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭ ބަނދަރަކީ ދިވެހިރާއްޖޭގެ ސަރަޙައްދީ ބަނދަރުތައް ތަރައްޤީކޮށް ދަތުރުފަތުރުގެ ވިއުގަ އަކުން ރަށްތައް ގުޅާލައި، އަތޮޅުތެރޭގެ ވިޔަފާރި ކުރިއެރުވުމަށް ރައީސް ޑރ މުޢިއްޒު ޙާއްސަ އިސްކަމެއް ދެއްވައިގެން ތަރައްޤީކުރުމަށް ރާވާފައިވާ ބަނދަރުތަކުގެ ތެރޭގައި ހިމެނޭ ބަނދަރެއް ކަމަށެވެ.

އެގޮތުން މި މަޝްރޫޢު ތަރައްޤީކުރުމުގެ އަމާޒަކީ، ހއ، ހދ، ށ، ނ އަދި ވަށައިގެންވާ ރަށްތަކަށް ޚިދުމަތް ލިބޭނެހެން ކުޅުދުއްފުށީގައި އުތުރުގެ ރަށްރަށް ޚާއްޞަކޮށް ލޮޖިސްޓިކަލް ހާބްއެއް ތަރައްޤީކުރުމަށް ކަމަށް މި ބަޔާނުގައިވެއެވެ.

އަދި މި ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ދަށުން، ކުޅުދުއްފުށި ބަނދަރުގެ ކެޕޭސިޓީ އިތުރުކޮށް ކާގޯ ހޭންޑްލިންގ ސިސްޓަމްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށާއި ރައްޔިތުންނަށް ބޭނުންވާ މުދަލުގެ ބާވަތްތައްތަކުގެ އިތުރުން ތަރުކާރީ އާއި މޭވާ ފަދަ އަވަހަށް ހަލާކުވާ ތަކެތި ތާޒާކަންމަތީ ބެހެއްޓޭނެ ފަދަ ވަސީލަތްތައް ޤާއިމްކުރުމަށް ރޭވިފައިވާކަމަށެވެ.

މީގެ އިތުރުން، ސަރުކާރުގެ އަމާޒަކީ އަތޮޅުތެރޭގެ ސަޕްލައި ޗެއިންގެ އެފިޝިއެންސީ އިތުރުކޮށް، މުދާ ގެނައުމުގައި ކުރަންޖެހޭ ޚަރަދު ކުޑަކޮށް ހެޔޮ އަގެއްގައި އަތޮޅުތަކަށް މުދާ އެތެރެކުރެވި، ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއެރައިގެން ދިއުމަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުންކަމަށް ބުނެފަވެއެވެ.

މި މަޝްރޫޢު އަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުޅުދުއްފުށީ ސިޓީގެ ތަރައްޤީއަށް ކޮށްދެއްވާފައިވާ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ވައުދުފުޅެކެވެ. އެހެންކަމުން މި މަޝްރޫޢު ފަށައިގަތުމަށް ސޮއި ކުރެވުނު މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ އުތުރުން ދެކުނަށް، ޝެޑިއުލް ކުރެވިގެން އަތޮޅުތެރެއަށް މުދާ އުފުލާނެ ނިޒާމެއް ޤާއިމްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.