ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އުދުވާން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް ދުނިޔޭގެ ޤައުމުތަކުގެ ކިބައިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވައިލައްވައިފިއެވެ.

އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ވަނީ ޣައްޒާއަށް އަނިޔާވެރި ހަމަލާތަކެއް ދެމުން ގެންގޮސްފައެވެ. މިހާތަނަށް މި ހަމަލާތަކުގައި ފަލަސްތީނުގެ 53,300 އަށް ވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

Ad
rt

އިސްރާއީލުން އިއްޔެ ވަނީ ޣައްޒާގައި ފުޅާ ދާއިރާއެއްގައި އެއްގަމު ހަނގުރާމަ ފެށިކަން ޢިއުލާންކޮށްފައެވެ. އިސްރާއީލްގެ މި ލާއިންސާނީ އުދުވާންތަކަށް އިންސާނީ ހައްގުތަކުގެ ޗެމްޕިއަނުންކަމަށް ދައުވާކުރާ ހުޅަނގުގެ ބާރުތަކުން ވާގިވެރިވަމުން އަންނައިރު، އިސްރާއީލުން މި ޢަމަލުތައް ހިންގަމުން ދަނީވެސް އެ ޤައުމުގެ އެހީތެރިކަމާއި މަދަދާއިއެކުގައެވެ.

އިސްރާއީލުން ހަނގުރާމަ ވަރުގަދަކޮށްފިކަމަށް ޢިއުލާންކޮށްފައި ވަނިކޮށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ، އިސްރާއާއީލުން ޣައްޒާގައި ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަމަލާ ހަރުކަށިވަމުން ދާއިރު، އިސްރާއީލުން ކުށެއްނެތް އާންމު ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ވަރަށް ހަރުކަށި އިބާރާތުން އަދި އެއްވެސް ޝައްކެއްނެތް ގޮތެއްގައި ކުށްވެރިކުރަށްވާކަމަށެވެ.

''ދިވެހިރާއްޖެއިން ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލަނީ އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، އިތުރަށް ގޯސްވަމުންދާ އަނިޔާވެރިކަން ހުއްޓުވައި، ވަގުތުން ހަނގުރާމަ ހުއްޓާލުމަށެވެ. އަޅުގަނޑުމެން އަލުން ތަކުރާރުކޮށް ގޮވާލަނީ ބައިނަލްއަޤްވާމީ ޤާނޫނީ އަދި އަޚްލާޤީ ޒިންމާތަކާ އެއްގޮތްވާ ގޮތުގެ މަތިން އާންމު ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތައް އެޅުމަށާއި، އިސްރާއީލުގެ ޢަމަލުތަކަށް ޖަވާބުދާރީ ކުރުވުމަށެވެ.'' ރައީސްގެ މެސެޖުގައި ވިދާޅުވެފަވެއެވެ.

ދިވެހިރާއްޖެ އަކީ އިސްރާއީލްގެ ޢަމަލުތައް ކުށްވެރިކޮށް، ފަލަސްތީންގެ ރައްޔިތުންގެ ހައްގުގައި އެންމެ ބޮޑަށް ވަކާލާތުކުރަމުން އަންނަ އެއް ޤައުމެވެ. އަދި އިސްލާމީ ޤައުމުތަކުގެ އެންމެ އިސް ސަފުގައި ރާއްޖޭގެ އަޑު މިކަމުގައި ދަނީ މެދުނުކެނޑި އިއްވަމުންނެވެ.

މި މައްސަލާގައި ރާއްޖޭގެ ސްޓޭންޑަކީ 1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިރުމަތީ ޤުދުސް އަކީ އެ ޤައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅައި، ފަލަސްތީން އިސްރާއީލުގެ އަތްދަށުން މިނިވަންކޮށް، އެއީ މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ޤައުމަކަށް ހެދުމެވެ. އަދި ރާއްޖޭން މެދުނުކެނޑި ވަކާލާތުކުރަމުން އަންނަނީ ވެސް މި ސްޓޭންޑްގެ މަތީގައެވެ.