އިސްރާއީލް ސިފައިން ޣައްޒާގައި ފުޅާ ދާއިރާއެއްގައި އެއްގަމު ހަނގުރާމަ ފަށައިފިކަމަށް އިސްރާއީލުން ބުނެފިއެވެ.

އާދީއްތަ ދުވަހު އިސްރާއީލް ސިފައިން ވަނީ ހަނގުރާމައިގެ ހަލަބޮލިކަން އޮތް ޣައްޒާގައި "ފުޅާ ދާއިރާއެއްގައި އެއްގަމު ހަނގުރާމައެއް" ފަށާފައިކަން އިސްރާއީލް ސިފައިންގެ ފަރާތުން ވަނީ އިއުލާން ކޮށްފައެވެ.

Ad
rt

"ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި، އައިޑީއެފްގެ ދެކުނު ކޮމާންޑްގެ ދާއިމީ އަދި ރިޒާވް ބާރުތަކުން ވަނީ އޮޕަރޭޝަން ގިޑިއަންސް ޗެރިއަޓްސްގެ ދަށުން ޣައްޒާގެ އުތުރާއި ދެކުނުގައި ފުޅާ ދާއިރާއެއްގައި އެއްގަމު ހަނގުރާމައެއް ފަށާފައެވެ،" އިސްރާއީލް ސިފައިންގެ ބަޔާނެއްގައި ބުނެފައިވެއެވެ.

އިސްރާއީލް ސިފައިންގެ ތަރުޖަމާނު އަވިޗައި އަދްރައީ ބުނި ގޮތުގައި، ވޭތުވެދިޔަ ދުވަސްތަކުގައި ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަނީ ހަރުދަނާ ކޮށްފައެވެ. އަދި މިގޮތުން ހަމާސްގެ 670 އަށް ވުރެ ގިނަ އަމާޒުތަކަށް ހަމަލާދީފައިވާ ކަމަށް ބުނެފައިވެއެވެ. މިއީ "ދުޝްމަނުންގެ ތައްޔާރީތަކަށް ހުރަސްއެޅުމަށާއި އެއްގަމު ހަނގުރާމައަށް އެހީތެރިވުމަށް" ކަމަށް އޭނާ ބުނެފައިވެއެވެ.

ވޭތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި އިސްރާއީލުން ވަނީ ޣައްޒާއަށް ދޭ ވައިގެ ހަމަލާތައް ވެސް އިތުރު ކޮށްފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައުދީ އަރަބިއްޔާ، ޤަޠަރު އަދި އެމިރޭޓްސް ހިމެނޭ ގޮތަށް ގަލްފް ދަތުރެއް ކުރެއްވި ދަނޑިވަޅެއްގައެވެ.

ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނާ ގޮތުގައި މި ހަމަލާތަކުގައި މަދުވެގެން ފަލަސްތީނުގެ 378 ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އަދި އެތައް ބަޔަކަށް ވަނީ އަނިޔާވެފައެވެ.

އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ވަނީ ޣައްޒާއަށް އަނިޔާވެރި ހަމަލާތަކެއް ދެމުން ގެންގޮސްފައެވެ. މިހާތަނަށް މި ހަމަލާތަކުގައި ފަލަސްތީނުގެ 53,300 އަށް ވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.