ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފިއެވެ.

ޖޭއެސްސީން މިއަދު ކުރި އިޢުލާނުގައިވާ ގޮތުން، މި މަޤާމަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އަށް ވަނީ ހުޅުވާލާފައެވެ.

Ad
rt

ޖޭއެސްސީގެ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފަނޑިޔާރުކަމަށް ކުރިމަތިލެވޭނީ އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ނުވަތަ ހާޑް ކޮޕީ ހުށަހަޅައިގެންނެވެ.

މި މަގާމަށް ކުރިމަތިލެވެނީ އުމުރުން 30 އަހަރު ފުރިފައިވާ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވާ ފަރާތްތަކަށެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 7 (ހަތެއް) އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައި ހުންނަންޖެހެއެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ މަޤާމު ހުސްވެފައިވަނީ، ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމައި، ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުދަ ދުވަހު އެ ދެ ފަނޑިޔާރުން މަޤާމުން ވަކިކުރުމާ ގުޅިގެންނެވެ. މިގޮތުން ވަކިކޮށްފައި ވަނީ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ.

ފަނޑިޔާރުންގެ ޤާނޫނުގައިވާ ގޮތުން، ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރުމުގެ އިޖުރާއާތުތަކުގެ ތެރޭގައި ހިމެނެނީ، ކުރިމަތިލާ ފަރާތްތަކާ ޖޭއެސްސީން އިންޓަވިއުކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމާއި، ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ނަމެއް ނުވަތަ ނަންތަކެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމެވެ. މަޖިލީހުން ފާސްކުރުމުން، 7 ދުވަހުގެ ތެރޭގައި އެ ފަރާތެއް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވަން ޖެހެއެވެ.