ގުޅީފަޅުން ދޭން ކަނޑައެޅި ހުރިހާ ގޯތިތަކެއް ހިއްކާފައިވާ ސަރަޙައްދުން ދިނުމަށް ނިންމައި، އެގޮތަށް ޕްލޭނަށް ބަދަލު ގެނެސް ގެޒެޓުކޮށްފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވި ގޮތުގައި، ގުޅީފަޅުގެ ލޭންޑް ޔޫޒް ޕްލޭން އެންމެ ފުރަތަމަ އިޢުލާން ކުރެވުނީ 2023 ވަނަ އަހަރުގެ އޮގަސްޓު 24 ވަނަ ދުވަހުއެވެ. ނަމަވެސް އެ ޕްލޭނުގައި މީހުން ދިރިއުޅޭ ސަރަޙައްދެއްގައި ހުންނަންޖެހޭ މުހިންމު ބައިތައް ނެތުމާ ގުޅިގެން، 2024 ވަނަ އަހަރުގެ އޮކްޓޯބަރު 27 ވަނަ ދުވަހު އާ ޕްލޭނެއް އިޢުލާނު ކުރެވުނެވެ.

Ad
rt

އާ ޕްލޭނުގައި ސަރުކާރުން އިތުރަށް ހިއްކުމަށް ކަނޑައަޅާފައިވާ ސަރަޙައްދު ހިމެނޭހެން ގޯތި ދިނުމަށް ނިންމައި ގުރުއަތު ނެގުން ބޭއްވުނު ނަމަވެސް، ކުރީގެ ޕްލޭނުގެ ދަށުން ގޯތި ލިބުނު ބައެއް ފަރާތްތަކަށް އަދި ނުހިއްކާ ސަރަޙައްދުން ގޯތި ލިބޭ ގޮތް ވެގެން ދިޔައެވެ. މިކަމުގެ ސަބަބުން ގޯތިތަކުގެ ރަޖިސްޓްރީ ހެދުމަށް ދަތިތަކެއް ކުރިމަތިވިކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ ގޯތިތަކުގެ ރަޖިސްޓްރީ ވީހާވެސް އަވަހަކަށް ދެއްވުން ކަމުގައިވުމާއެކު، މި މައްސަލަ ޙައްލުކުރުމަށްޓަކައި ގުޅީފަޅުން ދޭން ކަނޑައެޅި ހުރިހާ ގޯތިތަކެއް ހިއްކާފައިވާ ސަރަޙައްދުން ދޭން ނިންމައި ޕްލޭނަށް ވަނީ ބަދަލު ގެނެސްފައެވެ.

މި ބަދަލާއެކު، ކޮމާޝަލް، އިންސްޓިޓިއުޝަނަލް އަދި އެފަދަ އެހެން ބޭނުންތަކަށް ބޭނުންވާ ބިން ހިއްކުމަށް ކަނޑައަޅާފައިވާ ސަރަޙައްދަށް ބަދަލު ގެނެސްފައިވާއިރު، އަދި މި ބަދަލު ގުޅީފަޅުގެ ގޯތި ލިބުނު ފަރާތްތައް ތަމްސީލުކުރައްވާ ޖަމްޢިއްޔާއާ ޙިއްޞާކޮށް، ބިންތައް ދޭނެ ގޮތަކާމެދު މަޝްވަރާކުރެއްވިކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، މި މަހުގެ ތެރޭގައި ގުރުއަތުލުން ބާއްވައި ބިންތަކުގެ ރަޖިސްޓްރީ ހަދައިދޭން ފެށޭނެއެވެ. އަދި ސާވޭ ނިމުނުހާ އަވަހަކަށް ޙަވާލު ކުރެވެން ހުރި ބިންތައް ބިމުގެ ވެރިފަރާތްތަކާ ޙަވާލު ކުރެވޭނެއެވެ.

މިނިސްޓަރު ވިދާޅުވީ މިއީ ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުން ކަމުގައިވާ ބިމުގެ ރަޖިސްޓްރީ ހަދައި ގޯތި ޙަވާލުކުރުން އަވަސްކުރުމަށް ގެނެވުނު ބަދަލެއް ކަމަށެވެ.

މި ބަދަލާއެކު، ގުޅީފަޅުން ގޯތި ލިބޭ ފަރާތްތަކަށް އަވަސް މުސްތަޤުބަލެއްގައި ގޯތީގެ ރަޖިސްޓްރީ ލިބި، ގޯއްޗާ ޙަވާލުވުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ގުޅީފަޅު ތަރައްޤީކުރުމުގެ މަޝްރޫޢަކީ މާލޭގެ ބިމުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ. މި މަޝްރޫޢުގެ ދަށުން ގިނަ އަދަދެއްގެ ގޯތި ރައްޔިތުންނަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.