މުވާޞަލާތީ ގޮތުން ދުނިޔެ މިދެކޭ ހަލުވި ކުރިއެރުމުގެ ބޭނުން ހިފަންވީ ދިވެހިރާއްޖެ އިޝްތިހާރުކޮށް އާމުދަނީ ހޯދޭނެ މަގުތައް ފަހި ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ދުނިޔޭގެ މުވާޞަލާތާއި މަޢުލޫމާތުގެ ދާއިރާގެ ދުވަހާއި ގުޅިގެން މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.

Ad
rt

އެ މެސެޖުގައި ރައީސް ވިދާޅުވެފައި ވަނީ މުވާޞަލާތީ ގޮތުން ދުނިޔެ މިދެކޭ ހަލުވި ކުރިއެރުމުގެ ބޭނުން އަޅުގަނޑުމެން ހިފަންވީ ދިވެހިރާއްޖެ އިޝްތިހާރުކޮށް، މަޤްބޫލުކަން އިތުރުކޮށް، ޤައުމަށް އާމުދަނީ ހޯދޭނެ މަގުތައް ފަހި ކުރުމަށް ކަމަށެވެ.

ރައީސްގެ މި މެސެޖުގައި ވަނީ މުވާޞަލާތާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގެ އެކި މަސައްކަތްތައް ރާއްޖޭގައި ކުރައްވަވާ ހުރިހާ ޚިދުމަތްތެރީންނަށް، ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ޤައުމުގެ ތަރައްޤީއާއި މުސްތަޤްބަލަށް މުހިންމު މި ޚިދުމަތުގައި އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ކޮންމެ އަހަރެއްގެ މެއި މަހުގެ 17 ވަނަ ދުވަހަކީ، ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ ދުނިޔޭގެ މުވާޞަލާތާއި މަޢުލޫމާތުގެ ދާއިރާގެ ދުވަހެވެ. މިއަހަރުގެ ދުނިޔޭގެ މުވާސަލާތީ ދުވަހުގެ ޝިއާރަކީ "ޖެންޑަރ އިކުއަލިޓީ އިން ޑިޖިޓަލް ޓްރާންސްފޯރމޭޝަން" މިއެވެ.