ފަލަސްތީނުގެ ޣައްޒާއިން 1 މިލިއަން ރައްޔިތުން ލިބިޔާއަށް ދާއިމީކޮށް ބަދަލުކުރުމުގެ ޕްލޭނެއް ޓްރަމްޕްގެ ސަރުކާރުން އެކުލަވާލަމުންދާކަމަށް އެން.ބީ.ސީ ނިއުސްއިން ރިޕޯޓުކޮށްފިއެވެ.

މި ޕްލޭނާ ގުޅޭގޮތުން ޓްރަމްޕް އިދާރާއިން ލިބިޔާގެ ވެރިންނާއެކު މަޝްވަރާކޮށްފައިވާކަމަށާއި، ފަލަސްތީނުން މީހުން ބަދަލުކުރުމުގެ ބަދަލުގައި އެމެރިކާއިން 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ލިބިޔާގެ ބިލިއަން ޑޮލަރުގެ ފައިސާ ދޫކޮށްދިނުމަށް ހުށަހަޅާފައިވާކަމަށް ބުނެއެވެ.

Ad
rt

އެމެރިކާގެ ސަރުކާރުގެ ތަރުޖަމާނަކު މި ރިޕޯޓު ދޮގުކޮށް، "މިފަދަ ޕްލޭނަކަށް މިވަގުތު ހާލަތު އެކަށީގެންވާ ނޫން" ކަމަށް ބުނެފައިވެއެވެ. ހަމާސްގެ އިސް އޮފިޝަލެއްކަމަށްވާ ބާސެމް ނައީމް ބުނެފައިވަނީ ފަލަސްތީނުން ލިބިޔާއަށް ބަދަލުކުރުމާ ގުޅޭ އެއްވެސް މަޝްވަރާއެއްގެ މަޢުލޫމާތު ހަމާސްއަށް ލިބިފައިނުވާކަމަށެވެ.

ލިބިޔާއަކީ 2011 ވަނަ އަހަރުން ފެށިގެން ހަމަނުޖެހުންތަކާއި ސިޔާސީ ފިތުނަވެރިކަމުގެ ތެރޭގައި އޮތް ޤައުމެކެވެ. މިވަގުތު ލިބިޔާގައި ދެ ވާދަވެރި ސަރުކާރު ހިންގަމުންދެއެވެ. ސީ.އައި.އޭގެ ހިސާބުތަކުން ދައްކާގޮތުގައި ލިބިޔާގެ އާބާދީއަކީ 7.36 މިލިއަން މީހުންނެވެ.

ޓްރަމްޕް ފެބްރުއަރީ މަހު ބުނެފައިވަނީ އެމެރިކާއިން ޣައްޒާ "މިލްކުކޮށް" އަލުން ބިނާކުރާނެކަމަށާއި، "މެޑިޓެރޭނިއަންގެ ރިވިއެރާ" އަށް ބަދަލުކުރާނެކަމަށެވެ. ޣައްޒާ އަލުން ބިނާކުރުމަށް، ޓްރަމްޕް ބުނެފައިވަނީ އެތަނުގައި ދިރިއުޅޭ ފަލަސްތީނު މީހުން ދާއިމީކޮށް އެހެން ތަނަކަށް ބަދަލުކުރަންޖެހޭނެކަމަށެވެ.

މި ރިޕޯޓުތަކުގައި އެމެރިކާއިން އިސްރާއީލަށް ޣައްޒާ ސަރަހައްދު އެއްކޮށް ސާފު ކުރުމަށް އެހީތެރިވަމުންދާކަމަށް ބުނެފައިނުވެއެވެ.

މަޢުލޫމާތު: އެން.ބީ.ސީ ނިއުސް، އެން.ޑީ.ޓީ.ވީ