ބަލޫޗިސްތާނުގެ މިނިވަންކަމަށް ގޮވާލައި، ޕާކިސްތާނުން ވަކިވިކަން އިއުލާންކުރުމަށްފަހު، ބަލޮޗް ލީޑަރަކު އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ހިންދުސްތާން ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މީރް ޔާރު ބަލޮޗް، ބުދަ ދުވަހު ވަނީ، ''އެތައް އަހަރެއް ވަންދެން ހިންގަމުން އަންނަ އަނިޔާވެރިކަމާއި، މީހުން ގެއްލުވާލުމާއި، އަދި އިންސާނީ ހައްގުތަކަށް އަރައިގަތުން ފަދަ ކަންކަމުގެ ސަބަބުން، ބަލޮޗިސްތާނަކީ ޕާކިސްތާނުން މިނިވަންވެފައިވާ ތަނެއް ކަމަށް'' ބުނެ އިއުލާންކޮށްފައެވެ.

Ad
rt

އޭނާގެ "އެކްސް" ޕޯސްޓެއްގައި، މީރް ޔާރު ބަލޮޗް ބުނެފައި ވަނީ ބަލޫޗިސްތާނުގެ ރައްޔިތުން އެމީހުންގެ "ގައުމީ ނިންމުން" ނިންމާފައިވާ ކަމަށާއި، ދުނިޔެއިން ދެން އެކަމަށް ހަނު ހުރެގެން ނުވާނެ ކަމަށެވެ. އޭނާ ވަނީ އިންޑިއާގެ ރައްޔިތުން، ހާއްސަކޮށް މީޑިއާ، ޔޫޓިއުބަރުން، އަދި ބުއްދިވެރިން، ބަލޮޗް މީހުންނަކީ "ޕާކިސްތާނުގެ އަމިއްލަ މީހުން" ނޫން ކަމަށް ގަބޫލު ކުރުމަށްވެސް ގޮވާލައްވާފައެވެ.

"އަހަރެމެންނަކީ ޕާކިސްތާނީންނެއް ނޫން، އަޅުގަނޑުމެންނަކީ ބަލޮޗިސްތާނީން. ޕާކިސްތާނުގެ އަމިއްލަ މީހުންނަކީ ޕަންޖާބީން، އެމީހުންނަށް ދުވަހަކުވެސް ވައިގެ ހަމަލާތަކާއި، މީހުން ގެއްލުވާލުމާއި، އަދި ނަސްލު ނައްތާލުމުގެ އަމަލުތަކާ ކުރިމަތިލާން ޖެހިފައެއް ނުވޭ،" މީރް ޔާރު ބަލޮޗް ބުނެފަވެއެވެ.

މީގެ އިތުރުން، މީރް ޔާރު ބަލޮޗް ވަނީ ޕާކިސްތާނުގެ ދަށުގައިވާ ޖައްމޫ ކަޝްމީރު (ޕީއޯޖޭކޭ) އާއި މެދު އިންޑިއާއިން ގެންގުޅޭ ސިޔާސަތަށް ފުރިހަމަ ތާއީދުކޮށްފައެވެ. އަދި އެ ސަރަހައްދުން ޕާކިސްތާނު ފޭބުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ޕާކިސްތާނަށް ފިއްތުންތައް ކުރިމަތި ކުރުމަށްވެސް އޭނާ ގޮވާލާފަވެއެވެ.

އިންޑިއާއަކީ ޕާކިސްތާނުގެ ސިފައިން ބަލިކުރުމުގެ ގާބިލްކަން ލިބިފައިވާ ގައުމެއް، އަދި ޕާކިސްތާނުން މިކަމަށް ސަމާލުކަމެއް ނުދީފިނަމަ، ލޭއޮހޮރުވުމުގެ ޒިންމާ އުފުލަންޖެހޭނީ ހަމައެކަނި ޕާކިސްތާނުގެ ސިފައިންގެ ޖެނެރަލުން، ސަބަބަކީ އިސްލާމްއާބާދުން ޕީއޯކޭގެ ރައްޔިތުން އިންސާނީ އައްޑަނައެއްގެ ގޮތުގައި ބޭނުންކުރަމުންދާތީ،" މީރް ޔާރު ބުނެފަވެއެވެ.

އޭނާ ވަނީ ބަލޫޗިސްތާނުގެ މިނިވަންކަމަށް އިންޑިއާ އަދި ދުނިޔޭގެ މުޖުތަމައުގެ އިޢުތިރާފާއި އެހީތެރިކަމަށްވެސް ގޮވާލާފައެވެ.

މީރް ޔާރު ބަލޮޗް ބުނިފައިވާ ގޮތުގައި، ބަލޫޗިސްތާނާ ބެހޭގޮތުން ޕާކިސްތާނުން ދައްކާ ވާހަކަތައް ދުނިޔެއިން ގަބޫލުކޮށްގެން ނުވާނެއެވެ. އެއީ ބޭރުގެ ބާރުތަކުގެ އެހީތެރިކަމާއެކު، ގަދަކަމުން ހިފާފައިވާ ސަރަހައްދެއް ކަމަށް އޭނާ ވިދާޅުވިއެވެ. ބަލޮޗިސްތާނަކީ އެތައް ޒަމާނެއް ވަންދެން އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ސީރިއަސް މައްސަލަތައް ހިނގަމުން އަންނަ ތަނެކެވެ. އޭގެ ތެރޭގައި މީހުން ގެއްލުވާލުން، ގާނޫނާ ޚިލާފަށް މީހުން މެރުން، އަދި އިދިކޮޅު އަޑުތައް ކަނޑުވާލުން ހިމެނެއެވެ.

ބެލެވޭގޮތުގައި މީރް ޔާރު ބަލޮޗް އަކީ އިންޑިއާގެ ފުރިހަމަ މަދަދު ލިބިފައިވާ ލީޑަރެކެވެ. ބަލޯޗިސްތާނަކީ ޒަމާނުއްސުރެ ގަބީލާ ވާދަވެރިކަން ބޮޑު ސަރަހަރެކެވެ.

މީރް ޔާރު ބަލޮޗް ބަލޫޗިސްތާންގެ މިނިވަންވުމަށް ޢިއުލާންކޮށްފައި މިވަނީ އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދު ނުތަނަވަސްކަން އިތުރުވެ ކުރު ހަނގުރާމައެއް ހިނގާފައިވާ ދަނޑިވަޅެއްގައެވެ.

ބަލޫޗިސްތާން: ބަލޫޗިސްތާން އަކީ ޕާކިސްތާނުގެ ޕްރޮވިންސް އެކެވެ. ޕާކިސްތާނުގެ ދެކުނު ހުޅަނގު ސަރަޙައްދުގައި އޮންނަ ބަލޫޗިސްތާނަކީ ބިމުގެ ބޮޑުމިނުން ޕާކިސްތާނުގެ އެންމެ ބޮޑު ޕްރޮވިންސް ނަމަވެސް އާބާދީ އެންމެ ކުޑަ ޕްރޮވިންސް އެވެ. މި ޕްރޮވިންސްގެ އިރުމަތީ އުތުރުގައި ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚުވާ ޕްރޮވިންސް އޮވެއެވެ. އަދި އިރުމަތީގައި ޕަންޖާބު ޕްރޮވިންސް އޮންނައިރު، އިރުމަތީ ދެކުނުގައި ސިންދު ޕްރޮވިންސް، ހުޅަނގުން މި ޕްރޮވިންސް އޮންނަނީ އީރާނާ އިންވެގެން އަދި އުތުރުން އަފްޣާނިސްތާނާ އިންވެގެންނެވެ. އަދި ދެކުނުން އަރަބި ކަނޑާ އިންވެގެން އޮންނަ ބަލޫޗިސްތާނަކީ އުސް އަދި ވަރުގަދަ ފަރުބަދަތަކުގެ ސިލްސިލާތަކަކުން ވަކިވެފައިވާ ސަރަޙައްދުތަކަކަށް ބެހިފައިވާ ޕްރޮވިންސް އެކެވެ.