އިނގްލިޝް ޕްރިމިއަރ ލީގުގައި ތާވަލްގެ ތިންވަނައިގައި އޮތް ލެސްޓަރ ސިޓީ އަދި ހަތަރުވަނައިގައި އޮތް ޗެލްސީ މިއަދު ކުޅުނު މެޗް ނިމިފައިވަނީ އެއްވެސް ޓީމެއް މޮޅުނުވެ 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެގެންނެވެ.

ލެސްޓަރގެ ކިންގް ޕަވަރ ސްޓޭޑިއަމްގައި 32 ހާހައްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިމެޗްގެ ފުރަތަމަ ހާފް ނިންމާލީ 0-0 ގެ ނަތީޖާއަކުންނެވެ. މެޗްގެ ފުރަތަމަ ގޯލް ޖަހާ ލީޑްނެގީ ޗެލްސީންނެވެ. ދެވަނަ ހާފްގެ ފުރަތަމަ މިނިޓްގައި ޗެލްސީ އަށް ލީޑް ނަގައިދިނީ މޭސަން މައުންޓް ތަނަވަސްކޮށްދިން ފުރުސަތަކުން އެންޓޯނިއޯ ރުޑިގަރ އެވެ.

Ad
rt

މެޗްގެ 54ވަނަ މިނިޓްގައި ލެސްޓަރ ސިޓީގެ ޔޫރީ ޓެލެމަންސް ތަނަވަސްކޮށްދިން ފުރުސަތަކުން ހާވީ ބާންސް ވަނީ ލެސްޓަރއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަދި އޭގެ ދިހަ މިނިޓްފަހުން ބެން ޗިލްވިލް ވަނީ ގޯލެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ ލެސްޓަރ ކޮޅަށް އަނބުރާލާފައެވެ. ޗިލްވިލްގެ ގޯލްކީވެސް ޓެލެމަންސް ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބުކުރި ގޯލެކެވެ.

މެޗްގެ ފަހު ގޯލް މެޗްގެ 71 ވަނަ މިނިޓްގައި ކާމިޔާބުކޮށް ޗެލްސީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މޭސަން މައުންޓް ތަނަވަސްކޮށްދިން ފުރުސަތަކުން ފުރަތަމަ ގޯލްވެސް ކާމިޔާބުކޮށްދިން އެންޓޯނިއޯ ރުޑިގަރއެވެ.

ޗެލްސީ އަތުން ލިބުނު ޕޮއިންޓާއިއެކު ޖުމްލަ 49 ޕޮއިންޓް ހަމަކޮށް ލެސްޓަރ އޮތީ ތާވަލްގެ ތިންވަނައިގައެވެ. ލެސްޓަރގެ ފަހަތުން 41 ޕޮއިންޓާއިއެކު ޗެލްސީ އޮތީ ހަތަރުވަނައިގައެވެ.