ނަރުހުން އަދާކުރާ މުހިންމު މަސްއޫލިއްޔަތުގެ އަގު، މީގެ ކުރީގެ އެއްވެސް ދުވަސްވަރަކަށްވުރެ ބޮޑަށް މި ސަރުކާރުން ވަޒަންކުރާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ނަރުހުންގެ ދުވަހާ ގުޅިގެން މިއަދު ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

Ad
rt

ރައީސް މުޢިއްޒުގެ ޚިޠާބުގައި، ނަރުހުންނަކީ ޞިއްޙީ ޚިދުމަތުގެ އެންމެ މުހިންމު ބައެއްގެ ގޮތުގައި ފާހަގަކުރައްވައި، އެ ފަރާތްތަކުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރެއްވިއެވެ. އަދި ރައީސް ވަނީ ނަރުހުންނަކީ، ޞިއްޙީ ޚިދުމަތުގެ ހިތް ކަމުގައިވެސް، ވިންދު ކަމުގައިވެސް، މައިބަދަ ކަމުގައިވެސް ސިފަކުރަށްވާފައެވެ.

ރާއްޖޭގައި ޚިދުމަތްކުރާ ނަރުހުންގެ 92 އިންސައްތައަކީ އަންހެނުން ކަމަށް ފާހަގަކުރައްވައި، ޞިއްޙީ ދާއިރާގައި ދިވެހި އަންހެނުން އަދާކުރާ މުހިންމު ދައުރު ރައީސް ފާހަގަކުރެއްވިއެވެ. އަދި ޞިއްޙީ ނިޒާމު ފުޅާކޮށް ޒަމާނީ ކުރުމަށްޓަކައި އިތުރު ނަރުހުން ބޭނުންވާ ކަމަށާއި، މި ދާއިރާގައި ދިވެހިންގެ ނިސްބަތް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައިވެސް ވިދާޅުވިއެވެ.

''ވަރުބަލިވުމެއް، ފޫހިކަމެއްނެތި ނަރުހުން މި އަދާކުރާ ބޮޑު މަސްއޫލިއްޔަތުގެ އަގު، މީގެ ކުރީގެ އެހެން އެއްވެސް ދުވަސްވަރެއްގައި ވަޒަންނުކުރާ މިންވަރަށް މި ސަރުކާރުން ވަޒަންކުރާނަމެވެ. ނަރުހުންގެ އަޑުއަހައި އިޖާބަދޭނަމެވެ. އިރާދަކުރެއްވިއްޔާ، ނަރުހުންނަށް ފައިދާހުރި އެތައްކަމެއް، އިސްކަންދީގެން ސަރުކާރުން ފަހިކޮށްދޭނަމެވެ.'' ރައީސް ވިދާޅުވެފަވެއެވެ.

ނަރުހުންގެ ދުވަހާ ގުޅިގެން ރައީސް މުޢިއްޒު ފޮނުއްވި މި ޚިޠާބުގައި، ނަރުހުންގެ ޚިދުމަތަކީ މުސާރައަށްވުރެ މާ މަތިވެރި އަދި އަގުހުރި ޚިދުމަތެއްކަން ފާހަގަކުރައްވައި، އެ ފަރާތްތަކުގެ ހިންމަތާއި މިންނަތަށް ޝުކުރު އަދާކުރެއްވިއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން 2023 ގެ ނިޔަލަށް ރާއްޖޭގައި 3716 ނަރުހުން ދަނީ ޚިދުމަތް ކުރަމުންނެވެ. އެއީ 3413 އަންހެން ނަރުހުންނާއި އަދި 303 ފިރިހެން ނަރުހުންނެވެ.