ނަރުހުން ކުރަމުންދަނީ މުޅި ޤައުމު ފަޚުރުވެރިވާ މަސައްކަތެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހާއި ގުޅިގެން މީސްމީޑިއާ އާންމުކޮށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.

Ad
rt

ރައީސްގެ މެސެޖުގައި ވިދާޅުވެފައި ވަނީ، ފަރުވާ ދިނުމަށް ހަސްފަތާލުތަކުން މަރްޙަބާ ކިޔަނީ، އަދި ބަލި ފަސޭހަވެ އެނބުރި ދިއުމާއި ހަމަޔަށް ޚިދުމަތުގައި ދެމި ތިބެނީ މުރާލި ނަރުހުން ކަމަށެވެ.

ރައީސް ހުޅުމާލެ ހޮސްޕިޓަލްގެ ބައެއް ނަރުހުންނާ ވާހަކަފުޅު ދައްކަވާލަނީ، ފޮޓޯ: ރައީސް އޮފީސް

'ކޮންމެ ދުވަހަކު އެތައް ބަޔަކަށް އޯގާތެރިވުމުގައި، ހިނިތުންވުމާއި އެކު ތިޔަ ކުރަނީ، މުޅި ޤައުމު ފަޚުރުވެރިވާ މަސައްކަތެއް. ދިވެހި ނަރުހުންނަށް އިތުރު ކުރިއެރުމާއި ކާމިޔާބީ އެދެމުން، މި އުފާވެރި ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރަން'' ރައީސް ވިދާޅުވެފަވެއެވެ.

ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މޭ މަހުގެ 12 ވަނަ ދުވަހުއެވެ. އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، 2023 ވަނަ އަހަރު ދުނިޔޭގައި ގާތްގަނޑަކަށް 29.8 މިލިއަން ނަރުހުން ޚިދުމަތް ދެމުންދެއެވެ. މިއީ 2018 ވަނަ އަހަރު ހުރި 27.9 މިލިއަނަށްވުރެ އިތުރު އަދަދެކެވެ.

މި ބޮޑު އަދަދު އޮތް ނަމަވެސް، ދުނިޔެ ދަނީ ނަރުހުންގެ ބޮޑު ދަތިކަމެއް ކުރިމަތިވަމުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގެ އަންދާޒާގައި 2023 ވަނަ އަހަރު 5.8 މިލިއަން ނަރުހުންގެ ދަތިކަން ހުރިކަމަށާއި، 2030 ވަނަ އަހަރާ ހަމައަށް އައިއިރު މި އަދަދު 4.1 މިލިއަނަށް ދަށްވާނެ ކަމަށް ލަފާކުރެވެއެވެ. އިންޓަނޭޝަނަލް ކައުންސިލް އޮފް ނަރސަސް (އައި.ސީ.އެން) ފަދަ އެހެން ޖަމްޢިއްޔާތަކުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ 2030 ވަނަ އަހަރާ ހަމައަށް އައިއިރު މި ދަތިކަން 13 މިލިއަނަށް އަރައިދާނެކަމަށް އިންޒާރުދީފައެވެ.