2028 ވަނަ އަހަރު ފެށޭއިރު ދައުލަތުގެ މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި މީހުންނަށް ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިރޭ ބާސެލޯ ނަސަންދުރައިގައި ބޭއްވި "ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް" ގެ އިފްތިތާޙީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މިހާރު ދައުލަތުގެ އެކި އިދާރާތަކުގައި ގާތްގަނޑަކަށް 49,000 މުވައްޒަފުން މަސައްކަތްކުރަމުންދާ ކަމަށާއި، 2028 ވަނަ އަހަރު އަންނައިރު މި މުވައްޒަފުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުންނަށް ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށެވެ.
"މަހަކު 30 ގަޑިއިރު ނުވަތަ ކަނޑައެޅޭ ވަކި ވަގުތަކު، ގަޑި ހަމަކުރަން އޮފީހަށް އައުން. އޭގެ ތެރޭގައި ހިމެނޭ ގޮތަށް ގޭގައި ތިބެގެން ކުރެވޭ ގޮތަށް ހެދުން. ކޮންމެހެން އޮފީހަށް އަންނަންޖެހޭ ފަރާތްތައް ތިބޭނެ. މިސާލަކަށް ސިއްޙީ ޚިދުމަތްތެރިން، ތަޢުލީމީ ދާއިރާ ފަދަ," ރައީސް މުޢިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑުގެ އުންމީދަކީ، އަދި މިތަނުގައި މިއަދު ކަނޑަނޭޅި ނަމަވެސް، އެންމެން ގުޅިގެން މި މަސައްކަތް ކާމިޔާބުކުރެވޭ މިންވަރަކުން އަޅުގަނޑުގެ އުންމީދަކީ، 2028 ވަނަ އަހަރު ފެށޭ ހިސާބުން މުޅި ދައުލަތުގައި މިހާރު ޚިދުމަތުގައި މަސައްކަތް ކުރަމުންދާ ގާތްގަނޑަކަށް ސާޅީސް ނުވަހާސް…
— Dr Mohamed Muizzu (@MMuizzu) May 9, 2025
މި ބަދަލު ގެނައުމުން ދައުލަތުގެ ޚަރަދުތައް ބޮޑުތަނުން ކުޑަކުރެވޭނެ ކަމަށާއި، ދައުލަތުގެ ހިންގުމަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި މިކަމުން ދައުލަތުގެ ހިންގުން އިތުރަށް ހަރުދަނާވެ، ދެފުށް ފެންނަ މިންވަރު އިތުރުވެ، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ދިވެހިރާއްޖެ 2.0" އަކީ ރައީސް މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް، ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިޞްލާޙީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. މި މަޝްރޫޢުގެ ދަށުން ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގރީ ގޮތުން ހިންގާ ގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް ވަނީ ރޭވިފައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މި މަޝްރޫޢުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް އަވަސްވެ، ފަސޭހަވެ، އަދި ރައްކާތެރިވެގެންދާނެ ކަމަށެވެ. އަދި މިއީ ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލްކޮށްދިނުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ރައްޔިތުންނަށް ފަސޭހައަސޭހައިން، އަވަހަށް އަދި ރައްކާތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދިނުން. މި މަޝްރޫޢުގެ ސަބަބުން އެކަން ޙަޤީޤަތަކަށް ވެގެންދާނެ," ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި ސަމިޓުގައި ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާއި، ޓެކްނޮލޮޖީ ދާއިރާގެ މާހިރުން ބައިވެރިވެ ވަޑައިގަތެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހިރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ މަޝްވަރާތައް ކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!