ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫޢުގެ ސިޔާސަތުތައް އެކަށަހެޅުމަށް ބާއްވާ "މޯލްޑިވްސް 2.0" މިރޭ ފަށައިފިއެވެ.
މިއީ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ހިންގާ މަޝްރޫޢުގެ ސިޔާސަތުތައް އެކަށައެޅުމަށް ބާއްވާ ދެ ދުވަހުގެ ސަމިޓެކެވެ.
މިކަމަށް މާލޭގެ ބާސެލޯ ނަސަންދުރައިގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢު އިފްތިތާޙް ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދާޚިލީ ވަޒީރު އަލީ އިހުސާން ވިދާޅުވީ، ދުނިޔޭގައި ޑިޖިޓަލް ދާއިރާއިން ކުރިއަރާފައިވާ ޤައުމުތަކާއި ރާއްޖޭގައި މި ދާއިރާގައި ތިއްބެވި ތަޖުރިބާކާރުންގެ އެހީގައި މިރެއިން ފެށިގެން ސިޔާސަތު ތަންފީޒު ކުރަން ފެށުނީ ކަމަށެވެ.
އިހުސާން އިތުރަށް ވިދާޅުވި ގޮތުގައި، ދައުލަތުގެ ހުރިހާ އިދާރާތައް ހިމެނޭ ގޮތަށް ދެ ދުވަހުގެ ސަމިޓެއް ކުރިއަށް ގެންދާނެއެވެ. މި ސަމިޓުގައި ރާއްޖެ ޑިޖިޓަލައިޒް ކުރާނެ ގޮތާ މެދު ފުޅާ ދާއިރާއެއްގައި ބަހުސްކޮށް، ހުރިހާ އިދާރާތަކުން އެއްބަސްވާ ކަންކަން ނިންމާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫޢުގެ ސިޔާސަތުތައް އެކަށަހެޅުމަށް ބާއްވާ "މޯލްޑިވްސް 2.0" ރައީސް އިފްތިތާހްކޮށްދެއްވުން، ފޮޓޯ: ރައީސް އޮފީސް
"މޯލްޑިވްސް 2.0" އަކީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މގެން މަސައްކަތްކޮށް، ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ސަރުކާރުން އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. މި މަޝްރޫޢަކީ ކުރިއަށް އޮތް 3 އަހަރަށް ހިންގާނެ މަޝްރޫޢެއް ކަމަށް ސަރުކާރުން ބުނެއެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ސަރުކާރު މިހާރަށްވުރެ "ސްމާޓް" ކޮށް، ހަލުވި ޚިދުމަތް ދިނުމާއި، ކޮރަޕްޝަން ނައްތާލައި، ދެފުށް ފެންނަ ގޮތަށް ޓެކްނޮލޮޖީގެ އެހީގައި ހިންގުން ބަދަލުކުރުން ހިމެނެއެވެ. އަދި ފިޒިކަލް އަދި ޑިޖިޓަލް ކިއުތަކުގެ ބަދަލުގައި މަދު ކްލިކްތަކަކުން ޚިދުމަތް ލިބޭނެ ގޮތަށް ޚިދުމަތްތައް ފަރުމާކުރުމަށްވެސް މި މަޝްރޫޢުން އަމާޒު ކުރެއެވެ.
"މޯލްޑިވްސް 2.0" ގެ މުހިންމު އަސާސްތަކުގެ ތެރޭގައި ދެފުށް ފެނުމާއި ހާމަކަން އިތުރުކުރުން، ހުރިހާ ފަރާތްތައް ޝާމިލުކުރުން، ގުޅިގެން މަސައްކަތްކުރުން، ޚިދުމަތް ހޯދާ ފަރާތް އިސްކުރުން، އަދި ސަލާމަތާއި ސިޔާދަތީ ކަންކަން ކަށަވަރުކުރުން ހިމެނެއެވެ.
މި މަޝްރޫޢުގެ ދަށުން ރާއްޖެއަށް ޑިޖިޓަލް ޓްރާންސްފޯމޭޝަނެއް ގެނައުމަށް ކުރާ މަސައްކަތް ކުރިއަށް ގެންދާނީ ރައީސް މުއިއްޒު ޗެއަރ ކުރައްވާ އަދި އެ ދާއިރާގެ ތަޖުރިބާކާރުން ހިމެނޭ ޑިޖިޓަލް ޓްރާންސްފޯމޭޝަން ކައުންސިލްގެ ދަށުންނެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި މި މަޝްރޫޢުގެ ސަބަބުން ޚިދުމަތްތައް ލިބުމުގައި ދިމާވާ ލަސްވުންތަކަށް ފަރުވާ ހޯދައި، އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށާއި ނަތީޖާ ނެރުމަށް އިސްކަންދެވޭނެއެވެ. އަދި ޚިދުމަތް ހޯދުމުގައި ކަންކަން ވާންވީ ގޮތް ނޭނގޭ ގޮތަށް އޮންނަ އޮތުންޮތުން ބަދަލުކޮށް، ދެފުށް ފެންނަ ހުޅުވާލެވިފައިވާ ޚިދުމަތް ދިނުމުގެ ނިޒާމެއް ބައްޓަންކުރެވޭނެއެވެ.
"މޯލްޑިވްސް 2.0" މަޝްރޫޢުގެ މުހިންމު އަމާޒުތަކުގެ ތެރޭގައި ހިމެނެނީ:
1. ޑިޖިޓަލް ސިސްޓަމްތަކުގެ ތެރެއިން ކޮރަޕްޝަން ނައްތާލުމާއި ހާމަކަން އިތުރުކުރުން
2. ހުރިހާ ރައްޔިތުންނަށް ވެސް ޚިދުމަތްތަކަށް ވާސިލުވެވޭނެ ގޮތް ހެދުން
3. ދައުލަތުގެ މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމާއި ގުޅާލެވިފައިވާ ޑިޖިޓަލް ވިއުގަތައް ޤާއިމުކުރުން
4. ޚިދުމަތް ހޯދާ ފަރާތްތަކަށް އިސްކަންދީގެން ޚިދުމަތްތައް ފަރުމާކުރުން
5. ޒާތީ މަޢުލޫމާތު ހިމާޔަތްކުރުމާއި ޑިޖިޓަލް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން
މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް ވަސީލަތްތައް ތަރައްޤީވެ، ސަރުކާރުގެ ޚިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތް ވުމާއެކު، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާތަކަށް ވެސް ފައިދާކުރާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!