ކުޅުދުއްފުށި ސިޓީ ކައުންސިލުން މި ހަފްތާ ވުޒާރާތަކުގެ އިސްވެރިންނާ ކުރައްވާ ބައްދަލުވުންތަކުގެ ތެރެއިން ތަޢުލީމީ ވުޒަރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުއްލަތީފް މުޙައްމަދު އާއި ވުޒާރާގެ ބައެއް އިސް ބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ.

މި ހަފްތާގެ ބުދަ ދުވަހު މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް އާއި ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.

Ad
rt

އެގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި މި ބައްދަލުވުމުގައި، ކުޅުދުއްފުށި ސިޓީގައި ޤާއިމްކޮށްފައިވާ ސަރުކާރު 3 ސްކޫލުގައިވެސް ފަށާފައިހުރި އިންފްރާސްޓްރަކްޗަރގެ މަސައްކަތްްތައް ހުއްޓިފައިވާތާ އަހަރަކަށް ވުރެއް ގިނަދުވަސް ވެފައިވާތީ އެކަމަށް އަވަސް ހައްލެއް ހޯދައިދެއްވުމަށް އެދިފައިވާކަމަށެވެ.

އަދި 2024 ވަނަ އަހަރު ދައުލަތުގެ ބަޖެޓުގައި ސްކޫލްތަކުގައި ހިންގުމަށް ހިމަނާފައިވާ އައު ޕީ.އެސް.އައި.ޕީ ތަކާއި، އައު ސްކޫލްގެ މަޝްރޫޢު އަވަހަށް ފެށޭނެ ގޮތެއް ހޯއްދަވައިދެއްވުމަށާއި، ކޫލް ސްކޫލް ޕްރޮޖެކްޓުގެ ދަށުން ކުޅުދުއްފުށީގެ 3 ސްކޫލް ވީހާވެސް އަވަހަކަށް އޭސީ ކޮށްދެއްވުމަށް ސިޓީ ކައުންސިލުން އެދިފައިވެއެވެ.

މީގެ އިތުރުން، ދިރާސީ އައު އަހަރު ފެށުނު ދުވަހުން ކައުންސިލުގެ ފަރާތުން މޭޔަރ އާޠިފް ސްކޫލްތަކަށް ކުރެއްވި ޒިޔާރާތުގައި ފާހަގަކުރެވުނު ގޮންޖެހުންތަކަށް އަވަސް ހައްލެއް ހޯއަދަވައިދެއްވުމާއި ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ.