ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްްޓޭޓް މިނިސްޓަރ ހަސަން ރަޝީދު އާއި އެ ވުޒާރާގެ ބައެއް އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.

ހޯމަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް އާއި ބައެއް ކައުންސިލަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Ad
rt

ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތު ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގައި، ކުޅުދުއްފުށި ސިޓީގައި ސަރުކާރުން އިމާރާތްކުރަން ފަށާފައިވާ 400 ހައުސިންގ ޔުނިޓުގެ މަސައްކަތް ހުއްޓިފައިވާތާ އަހަރަކަށް ވުރެއް ގިނަދުވަސްވެފައިވުމުގެ ސަބަބުން ކައުންސިލުން ވަނީ އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް އަވަސް ހައްލެއް ހޯދައިދެއްވުމަށް އެދިފައެވެ.

އަދި 2024 ވަނަ އަހަރު ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ 2000 ހައުސިންގ ޔުނިޓުގެ މަސައްކަތާއި، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުޅުދުއްފުށީގައި އެޅުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނާއި އެމެރިކާގެ ސްޓްރަކްޗަރސް އަންލިމިޓެޑް އާއި ދެމެދު ސޮއި ކުރެވިފައިވާ 1000 ހައުސިންް ޔުނިޓުގެ މަސައްކަތް އަވަހަށް ފަށްޓާއިދެއްވުމަށްވެސް ސިޓީ ކައުންސިލުން އެދިފައިވެއެވެ.

މީގެ އިތުރުން ސިޓީ ކައުންސިލުން ބުނީ، މި ބައްދަލުވުމުގައި، 2024 ވަނަ އަހަރު ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވާ ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ހިއްކުމާއި ލޯކަލް ކޮމާސަލް ހާބަރ ތަރައްޤީ ކުރުމުގެ މަޝްރޫޢުއާއި، އެ ވުޒާރާގެ ދަށުން ކުޅުދުއްފުށީގައި ހިންގުމަށް ވޭތުވެދިޔަ އަހަރު ބަޖެޓް ކުރެވުނު އެއްވެސް އައު މަޝްރޫޢުއެއް ފެށިފައި ނުވުމުގެ ކަންބޮޑުވުން ހިއްސާކޮށް މިއަހަރުގެ ބަޖެޓްގެ ތެރެއިން އެ މަސައްކަތް ވީހާވެސް އަވަހަށް ފައްޓަވައިދެއްވުމަށް އެދި ބުނެފައިވާކަމަށެވެ.

ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް އާއި ކައުންސިލުގެ ބައެއް މެމްބަރުން މި ހަފްތާ ރަސްމީ ދަތުރުފުޅެއްގައި މާލެ ވަޑައިގަންނަވާ، ސަރުކާރުގެ އެކި ވުޒާރާތަކާއި ބައްދަލުކުރައްވައި، ސިޓީގެ ތަރައްޤީއާއި ގުޅޭ މަސައްކަތްތައް އަވަސްކުރުމަށް މަސައްކަތްކުރައްވާފައިވެއެވެ.