"މީހުން މީހުންނަށް ވާނީ މީހުން މީހުންނަށް ހެދީމަ" އެވެ. މިއީ ދިވެހިރާއްޖޭގެ ޤައުމީ ބަޠަލު ބޮޑު ތަކުރުފާނު ނުވަތަ އުތީމު މަހާރަދުން ވިދާޅުވެފައިވާ ބަސްފުޅެކެވެ. މިހެން ބޮޑުތަކުރުފާނު ވިދާޅުވީ ކަޅުއޮށްފުންމިއަށް ދުވާފަރު ޢަލީ ދަންޑަހެލު ލެއްވި ދުވަހުއެވެ.
ދުވާފަރަށް ވަޑައިގެންނެވި ދަތުރުފުޅެއްގައި ދުވާފަރުގެ އަތިރިމަތީގައި ހުރި ހޮޅުއަށްޓެއްގައި ކަސްއަޅައި ދޮސްއަޅައިފައިވާ އިން ކުއްޖަކު ބޮޑުތަކުރުފާނަށް ފެނިވަޑައިގަތެވެ. އެ ކުއްޖާ ކަޅުއޮށްފުންމިއަށް ލެއްވުމުން ކޮއްކޯފުޅު ޙަސަން ތަކުރުފާނު އެކަމާ ހިތްޕުޅާ ނުވެ ކަސްއަޅައި ދޮސްއަޅާފައި އިން ކުއްޖަކަށް ކުރެވޭނީ ކޮންކަމެއްތޯ ދެއްނެވުމުން ބޮޑު ތަކުރުފާނު ވިދާޅުވި މި ޙިކުމަތްތެރި ބަސްފުޅު ދިވެހީންނަށް ފަރިތައެވެ.
ކޮންމެ އަކަސް ކަޅުއޮށްފުންމީގެ ދަންޑަހެލުވީ ދިވެހި ތާރީޚުގައި އެފަދަ ދެވަނައެއް ނުވާ ކުޅަދާނަ، މޮޅު، އަދި ހޭލުންތެރި ހިތްވަރުގަދަ، ރޭވުންތެރި، މުރާލި، ހީވާގި، ހުނަރުވެރި އަދި އެހާމެ ހުޝިޔާރު ދަންޑަހެލަކަށެވެ.
މި ހާދިސާއިން ލިބިގަންނަން ޖެހޭ އަނެއް ޢިބުރަތަކީ ނުވަތަ ދަސްކުރަން ޖެހޭ ފިލާވަޅަކީ ކޮންމެކޮންމެ މީހަކު މީހަކަށް ނުހެދޭނެކަމެވެ. ބޮޑުތަކުރުފާނަކީ ޕޯޗްގީޒުންނާ ދެކޮޅަށް ހިތްވަރުގަދަ ޖިހާދެއް ކަނޑުމަތީގައި ކުރެއްވި ވަރުގަދަ ފަހުލަވާނެކެވެ. ޖިހާދު ފެށްޓެވުމުގެ ކުރިންނާއި ފަހުން ވެސް ރާއްޖޭގެ އެކިއެކި ރަށްރަށަށް އަރުއްވައި، އެތައް ބަޔަކާ ބައްދަލުވެވަޑައިގެންފައި ވެއެވެ. އެކަމަކު ކަޅުއޮށްފުންމީގެ ދަންޑަހެލުކަމެއް ކޮންމެކޮންމެ މީހަކަށް ނުދެއްވިއެވެ.
ދަންޑަހެލަށްވުރެ ކިޔަވައިގެން ތިބި މީހުންނާއި ހަށިގަނޑުގެ ބާރު ގަދަ މީހުންނާއި އެކިއެކި ރަށްރަށުގެ ބޮޑެތިބޮޑެތި ޢާއިލާތަކުގެ އެތައް ޒުވާނުންނަކާ ވެސް ބޮޑު ތަކުރުފާނާ ވާނީ ބައްދަލުވެފައެވެ. އެހެން ނަމަވެސް ދަންޑަހެލަށް ކުރެއްވި އިތުބާރު އެހެން މީހަކަށް ނުކުރެއްވިއެވެ.
ބޮޑު ތަކުރުފާނަށް ދަންޑަހެލު ފެނިވަޑައިގެންނެވިއިރު އިނީ ދިޔާހަކުރު ނާށްޓަކާއި މަސްގަނޑެއް ހިފައިގެންނެވެ. މެހިފޮޅަމުން މަސްގަނޑުކަމުން އަދި ދިޔާހަކުރު ވެސް ބޮމުން ގެންދިޔަ ހުޝިޔާރުކަން ބޮޑު ތަކުރުފާނަށް ފެނިވަޑައިގަތެވެ. ދަންޑަހެލުގެ ހުޝިޔާރުކަމަކީ ދަންޑަހެލުގެ މައްޗަށް ބޮޑު ތަކުރުފާނުގެ އިތުބާރު އުފެދުނު ސަބަބަށް ވެދާނެއެވެ. އަދި ދަންޑަހެލާ ވާހަކަ ދައްކަވާލެއްވުމުން ދަންޑަހެލު ދިން ހާޒިރު ޖަވާބުތަކަކީ ވެސް ދަންޑަހެލު މީހަކަށް ހެދިދާނެކަން ބޮޑު ތަކުރުފާނަށް ޤަބޫލުފުޅުކުރެއްވުނު ސަބަބަށް ވެދާނެއެވެ.
ކޮންމެކޮންމެ މީހަކަށް ކޮންމެކޮންމެ ކަމެއް ނުކުރެވޭނެއެވެ. ކޮންމެކޮންމެ މީހެއްގެ ކިބައިގައި ހިތްވަރާއި ޢަޒުމެއް ވެސް ނުހުންނާނެއެވެ. ކޮންމެކޮންމެ މީހެއްގެ ޢިލްމާއި ޙިލްމު އެއްވަރެއް ނުވާނެއެވެ. ކޮންމެކޮންމެ މީހަކު މަސައްކަތަކަށްރަނގަޅެއް ވެސް ނުވާނެއެވެ. ކޮންމެކޮންމެ މީހަކު ޚިދުމަތްތެރި، ހިންގުންތެރި، ވިސްނުންތެރި މީހަކަށް ވެސް ނުހެދޭނެއެވެ. ކޮންމެކޮންމެ މީހަކު ހަރުދަނާ ލީޑަރަކަށް ވެސް ނެހެދޭނެއެވެ. ދަންޑަހެލު ކަޅުއޮށްފުންމިއަށް ލެއްވި ހާދިސާއިން ބޮޑުތަކުރުފާނު ހާމަކޮށްދެއްވީ މިކަމެވެ. ކޮންމެކޮންމެ މީހަކު މީހަކަށް ނުހެދޭނެކަމެވެ. މީހަކަށް މީހަކު ހެދޭނީ އެ މީހެއްގެ ކިބައިގައި ވެސް ހަރުދަނާ ރަނގަޅު ސިފަތަކެއް ހުރެގެންނެވެ.
މީހަކަށްވާން ބޭނުންނަމަ އުފަންކުރަންވީ ޝައުޤުވެރިކަމެވެ. އިސްކުރަންވީ އިޚުލާޞްތެރިކަމާއި ވަފާތެރިކަމެވެ. ތެދުވެރިކަމާއި އަމާންނާތްތެރިކަމެވެ. ވާންވީ ތަޤުވާވެރި، އިންސާފުވެރި އަދުލުވެރި މީހަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!