ކުޅުދުއްފުށި ސިޓީގެ މަސްްޖިދުލް ޖަމާއަތް އަނެއްކާވެސް އަލުން މަރާމާތު ކުރުމަށްފަހު ހުޅުވަން ތައްޔާރުވެފައިވާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފިއެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ މަސްޖިދުލް ޖަމާއަތް ބާވެ ވީރާނާ ވަމުން ދަނިކޮށް މަރާމާތުކޮށް އާބަރުތައް ފިލުވުމަށް ފަހު ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް މިއަހަރުގެ ފެބްރުއަރީ މަހު ހުޅުވާފައެވެ. އެހެންނަމަވެސް އިތުރަށް މަރާމާތްކުރަން ޖެހުމުގެ ސަބަބުން މި މިސްކިތް ވަނީ މިދިޔަ އޭޕްރީލް މަހު ބަންދުކޮށްފައެވެ.
އެގޮތުން ސިޓީ ކައުންސިލުން ބުނިގޮތުގައި މިސްކިތުގައި މަރާމާތު ކުރަންޖެހޭ ކަންކަން އެއްކޮށް ނިންމުމަށް ފަހު މިރޭ (02 މެއި 2025 ވާ ހުކުރު ދުވަހު)ގެ ފަތިސް ނަމާދުން މި މިސްކިތް އަލުން ހުޅުވުމަށް މިހާރުވަނީ ހަމަޖެހިފައެވެ.
ޖަމާއަތު މިސްކިތް މަރާމާތުކުރުމަށް ކުރެވުނު މައިގަނޑު ކަންތައްތަކުގެ ތެރޭގައި، މިސްކިތު ބައެއް ތަންތަނުގެ މުށިތައް އައު ކުރުމާއި، މުޅި މިސްކިތުގެ ސީލިންގ އައު ކޮށް، 2 ފަރާތު ފެންޑާ ހެދުމާއި މިހުރާބުގޭގެ އިންޓީރިއަރ މަސައްކަތުގެ އިތުރުން މިސްކިތުގެ މިންބަރު އައު ކޮށްފައިވެއެވެ.
މީގެ އިތުރުން މިސްކިތު އިސްކުރުބަރިއާއި ފާހަނަ އަލުން މަރާމާތުކޮށް، މިސްކިތު ގޯތިތެރެ ލޭންޑް ސްކޭޕްކޮށް ވޯކްވޭ ހަދައި، ގައު އަތުރައި ބައެއް ސަރަހައްދުތަކުގެ ވަށާފާރާއި ލައިޓިންގ އައުކޮށްފައިވެއެވެ.
އަދި، މިސްކިތް ހުންނަ ސަރަހައްދުގެ ޓްރެފިކް މައްސަލަތައް ހައްލުކުރުމާއި ގުޅިގެން މިސްކިތު ޕާކިންޒޯން އިތުރަށް ފުޅާކޮށް ތަނަވަސްކޮށްދިނުމަށް، މިސްކިތުގެ ހުޅަނގުގައި ބޭނުންނުކޮށް އޮތް ސަރަހައްދުުގައި ތަޅުން އަޅައި ތަރައްޤީކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!