ކުޅުދުއްފުށި ސިޓީ ކައުންސިލުން، ކުޅުދުއްފުށީގެ ބޯޒިޔާރާތް ބީޗް ތަރައްޤީކުރުމުގެ މަސައްކަތް ޕްލަސް ބީ ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްފިއެވެ.

އެގޮތުން މި އެއްބަސްވުމުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ބޯޒިޔާރާތް ބީޗް ސަރަހައްދުގެ އެންޓްރެންސް ވީލްޗެއަރ އެކްސެސްއާއިއެކު ތަރައްޤީކޮށް، ބައުންޑަރީ ވަކިކޮށް، ފާހަނަބަރި، 11 ބީޗް ހަޓް، ބާބަކިއު އޭރިއާ، 2 ޝަވަރާއި، ވޯކްވޭއެއްގެ އިތުރުން ސަރަހައްދުގެ ލޭންޑްސްކޭޕިންގެ މަސައްކަތް ހިމެނެއެވެ.

Ad
rt

77 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 1 މެއި 2025 ވާ ބުރާސްފަތި ދުވަހުއެވެ. މި މަސައްކަތުގެ އަގަކީ މުޅި ޖުމްލަ 3،791،981.28ރ ( ތިންމިލިއަން ހަތްލައްކަ ނުވަދިހަ އެއްހާސް ނުވަސަތޭކަ ތިރީސް އެއް ރުފިޔާ އަށާވީސް ލާރި) އެވެ.

މި މަސައްކަތުގެ އިތުރުން، ނިމިދިޔަ މާރޗް މަހު މި ސަރަހައްދުގެ ގޮނޑުދޮށް ހިމާޔާތްކުރުމަށްޓަކައި ބެންޒީ ޕްރައިވޭޓް ލިމިޓެޑްއާއި ވަނީ ހަވާލުކޮށްފައެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން މި ސަރަހައްދުގައި ޖިއޯ ބޭގްސް ޖަހައި، ވެލިގަނޑު ގިރުން ހުއްޓުވުމަށް ގައު ފުރާނައި ގައުތައް ނެގުމުުގެ މަސައްކަތް ކުރިއަށްދާނެއެވެ.

ސިޓީ ކައުންސިލުން މިއަހަރުގެ މަސައްކަތުގެ ތާވަލް އެކުލަވާލުމަށް ބޭއްވި އާންމުންގެ ބައްދަލުވުމުގައި ފާހަގަ ކުރެވުނު އެއްކަމެއްގެ ތެރޭގައި ރައްޔިތުން އެދިފައިވަނީ ބޯޒިޔާރާތް ބީޗް ސަރަހައްދު ތަރައްޤީކުރުމަށެވެ. ރައްޔިތުންގެ އެދޭ ކަންތައްތައް އަޑުއަހައި، ރައްޔިތުންގެ ހިޔާލު ހޯދުމަށް ފަހު، ރަށަށް ތަރައްޤީއާއި މަންފާ ހޯދުމަށްޓަކައި ސިޓީ ކައުންސިލުން ހާއްސަ އިސްކަމެއްދެއެވެ.