" މަންމާ. އަޅުގަނޑު މިއީ މީހުންނަށް އުނދަގޫ ކުރާ ވަރަށް ވުރެ ބޮޑު ކުއްޖެކޭ." ހަސަންއަށް ބަލައިލަމުން ޝަބްނަމް ބުންޏެވެ.

އެ ވަގުތު ރަޝީދު ވެސް ހޭންފެށިއެވެ. އާދައިގެ ގޮތަކަށް ހީލަމުން ހަސަން އަވަސް އަވަހަށް ސައިތަށި ދަމާލީ، ހިތަށް ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ވެގެންނެވެ.

Ad
rt

ހަސަން އިނީ އޭނާއަށް ހާއްސަކުރި ކޮޓަރީގެ އެނދުމަތީގައެވެ. އެނދުގައި ދެ އަތް ވިއްދާލުމަށްފަހު އޭނާ ނަޒަރު ހިންގާލީ ސީލިންގަށެވެ. ކޮޓަރިއަށް ވަދެ، އެކަނިވެލުމާއެކު ހަށިގަނޑުން ބައެއް މަދުކަމުގެ އިހްސާސް އޭނާއަށް ކުރެވެން ފެށިއެވެ. އެ ވަގުތު މަރިޔަމްއާއި ތިން ދަރިންގެ މަތިން އިންތިހާއަށް ހަނދާންވާން ފެށިއެވެ.

" އަދި މި އުޅެނީ އެންމެ ދުވަހެއް ވެސް ނުނިމިގެން. އެ ކުދިންނާ މަރިޔަން ނުފެނި އެހާ ގިނަ ދުވަހު އަހަންނަށް މިތާ ހުރެވިދާނެބާ؟" ހަސަންއަށް ބުނެވުނެވެ.

އެ ވަގުތު ކުއްލިއަކަށް ކޮޓަރި ދޮރުގައި ޓަކި ޖަހާލިއެވެ. އަޑާއެކު ހަސަންއަށް ކޮޅަށް ވެސް ތެދުވެވުނެވެ. ކޮންމެވެސް ކަމެއްގައި ރަޝީދު އޭނާ ހޯދަނީއޭ އޭނާގެ ހިތަށް އެރިއެވެ. ބޮޑު ފިޔަވަޅުގައި އޭނާ ގޮސް ދޮރު ހުޅުވާލީ ނުހަނު އަވަސް އަވަހަށެވެ. ދޮރުމަތީގައި ހުރި މިގުދާދެވެ. ހަސަން ފެނުމާއެކު އޭނާ ހީލިއެވެ.

" މީ ހަސަންއަށް ހުރި ތުވާލިތައް. އެއްޗެހި ދޮންނަން ބޭނުންވީމަ އެ ތާ ހުރި ވަށިގަނޑު ސިޓިންރޫމަށް ނެރެލާ. " މިގުދާދް ބުންޏެވެ.

ތުވާލިތަކުގައި ހިފުމާއެކު މިގުދާދް އެނބުރި ދިޔުމަށް ހިނގައިގަތެވެ. އެ ވަގުތު ހަސަން އަވަސް ކޮޓަރިއަށް ވަންނަން އެނބުރިލިވަގުތު ކަންފަތުގައި ޖެހުނީ ތުއި އަޑަކުން ޝަބްނަމް ހީގަތް އަޑެވެ.

ހަސަން ބަލައިލީ އަޑު އައި ދިމާލަށެވެ. އޭރު ފާރުގައި ލެނގިލައިގެން ޝަބްނަމް ހުރީ ހީލަހީލައެވެ. އޭނާގެ އަތުގައި ދިވެހި ވާހަކަ ފޮތެއް ވެސް އޮތެވެ. ހަސަންއަށް އޭނާއާ ދިމާލަށް ފަރުވާތެރިކަމާއެކު ބަލައިލެވުނެވެ. އޭނާ ލައިގެން ހުރީ ފައިގެ ކަށިމައްޗާ ހަމައަށް އަރާ ބެގީ ހެދުމެކެވެ. ކަނދުރާއާ ހަމައަށް ކޮށާފައި އިސްތަށިގަނޑު އޮތް އިރު، ކަންފަތާ ދިމާލުގައި މަލެއް ޖަހާލާފައި އިނެވެ. އެއީ ހުތުރު ކުއްޖެއް ނޫނެވެ. ލޫޅާފަތި ހަށިގަނޑެއް ލިބިފައިވާ ޝަބްނަމްގެ ހިނިތުންވެސް އެހާމެ ރީއްޗެވެ.

ރަޝީދުއަށް ކުރާ އިހްތިރާމުގެ ސަބަބުން ޝަބްނަމްއަށް ވެސް އޭނާއަށް ޤަދަރު ކުރެވޭ ކަހަލައެވެ. ލުއި ގޮތަކަށް ހިނިތުންވެލުމަށްފަހު، ހަސަން އެތެރެއަށް ވަނެވެ.

" އެ ކުއްޖާ އެހާ ވަރަށް ހެވިފައި އެ ހުރީ ކީއްވެބާ؟ " ހަސަންއަށް ބުނެވުނެވެ.

އަނެއްކާ ވެސް އޭނާ ގޮސް އެނދުގައި ހުރަހަށް އޮށޯވެލިއެވެ.

ބޮޑު ތައްޓަށް ފެން އެޅުމަށްފަހު ތަށި ތެރޭގައި ސާޔާ ބައިންދައިގެން މަރިޔަމް އިނީ ކާންދޭށެވެ. އޭރު ހާނިމްއާއި ސާމިހް ގޭތެރޭގައި ކުޅެން ތިއްބެވެ. ސާޔާއަށް ކުޅިވަރު ދައްކައިގެން ކާންދެމުން ދަނިކޮށް ކުއްލިއަކަށް، މާ ދުރުން ޒުލޭހާ އަންނަތަން ފެނުނެވެ. ޒުލޭހާ ފެނުމާއެކު މަރިޔަމްގެ ހިތަށް ފޫހިކަން ވެރިވެއްޖެއެވެ. އަދި ރާބިއާއާ ހަސަންއޭ ކިޔައިގެން އޭނާ ދެއްކި ވާހަކަތައް ވެސް ހަނދާނަށް އަތުވެއްޖެއެވެ.

ޒުލޭހާ އައި ގޮތަށް އައިސް ޖޯލިފަތީގައި އިށީނދެ މަރިޔަމްއަށް ގޮވާލިއެވެ.

" އެކޮއި ހާދަ ނުފެނެޔޭ. ވަރަށް ބުރަކޮށް ދޯ މިހާރު އުޅެނީ؟" ޒުލޭހާ ބުންޏެވެ.

އެ ވަގުތު މަރިޔަމް ހިނިތުންވެލިއެވެ.

" އަހަންނަކީ އެއް އިރެއްގައި ވެސް ގެއިން ބޭރުގައި އުޅޭ މީހެއް ނޫނެއްނު. ޒުލޭހައްތަ މި ގެއަށް އައީމަ އަހަރެން ފެންނާނެ." މަރިޔަމް ބުންޏެވެ.

އެ ވަގުތު ޒުލޭހާ ކުރު ހިނިގަނޑެއް ޖަހާލިއެވެ. ޒުލޭހާގެ މޫނުމަތީގެ ކުލަވަރުން އޭނާ އެ އައީ ވާހަކައެއް ދައްކަންކަން މަރިޔަމްއަށް ޔަގީން ކުރެވުނެވެ.

" އަހަރެން އަޑުއެހިން މި މަންޖެ ބައްޕަ މާލެ ފައިބަން ދިޔަ ވާހަކަ." ޒުލޭހާ ބުންޏެވެ.

އެއާއެކު މަރިޔަމްގެ ހިތަށް ރުޅިވެރިކަން ޖަމާވާން ފެށިއެވެ. ހަސަންއާ ބެހިނުލައި ޒުލޭހާއަށް ނުހުރެވެނީބާވައޭ އޭނާގެ ހިތަށް އެރިއެވެ.

" ނޫނޭ. މާލެފައިބާކަށް ނުދޭ. ކުޑަ ދުވަސްކޮޅަކަށް އެ ދިޔައީ." މަރިޔަމް ބުންޏެވެ.

" އަނބިން ނުގަބޫލުވާތީ އެހެން ކިޔާފައި އެންމެން ވެސް ދާނީ. ކަތްދަ ގޯތި އީސަ ވެސް، އެއްޗެއް ގަނެލަން މާލެ ދިޔަ ގޮތަށް އެތާ ތަންހަރު. މާލެ އެރުނީމަ ރަށުން ނުފެންނަ ކަހަލަ ރީތި އަންހެން ކުދިން ފެންނާތީ ތޯއްޗެ މި ފިރިހެންވެރިން މާލެ ފައިބަން ދާ ހިތްވަނީ. އެހެންޏަ! ދަރިން ބަލާކަށް ވެސް ނުޖެހޭނެއެއްނު." ޖުމްލަތައް ފަތިފައްޗަށް އަމުނާލުމަށްފަހު ޒުލޭހާ ފުން ނޭވާއެއް ދޫކޮށްލިއެވެ.

ޒުލޭހާގެ ވާހަކަތަކަށް އެއްވެސް ރައްދެއް ނުދީ އިނދެ، މަރިޔަމް ސާޔާއަށް ކާންދެމުން ދިޔައެވެ.

" މަރިޔަމްއަކީ އަނގައެއް ބަހެއް އޮންނަ ކުއްޖެއް ނޫން. ރަނގަޅަށް އޮޅުން ފިލުވައްޗޭ. އެހެން އުޅޭ މީހުންނާއެކު އިނދެގެން ނޫޅެވޭނެ." ޒުލޭހާ ބުންޏެވެ.

އެއާއެކު މަރިޔަމްގެ ކެތްތެރިކަން ކޮޅުން ލީ ކަހަލައެވެ. އޭނާއަށް ތަންކޮޅެއް ބާރަށް ޒުލޭހާއަށް ގޮވައިވެސް ލެވުނެވެ.

" އެހެން މީހުންނާ ހަސަނާ އަޅާ ނުކިޔާ. ޒުލޭހާއްތަ ތި ކަހަލަ ވާހަކަ ދައްކަން މި ގޭ ދޮށަށް ނާދޭ. ޒުލޭހައްތަ ދިމާވާ ކޮންމެ ފަހަރަކު ހަސަންއޭ ކިޔައިގެން ކޮންމެވެސް ވާހަކައެއް އެބަ ދައްކާ. މަގޭ ހަސަނަކީ ދުވަހަކު ވެސް ތިކަހަލަ ވިޔާނުދާ ކަމެއް ކުރި މީހެއް ނޫނޭ." މަރިޔަމް ބުންޏެވެ. ހަރުއަޑުންނެވެ.

އެއާއެކު ފުންމައިގެން ޒުލޭހާ ވެސް ތެދުވެއްޖެއެވެ. ޒުލޭހާއަކީ މީހުންނާ ޒުވާބު ކުރުމުގައި ހައްދުފަހަނައަޅާފައި ހުރި މީހެއްކަން ހުދު މަރިޔަމްއަށް ވެސް އެނގެއެވެ.

" ދުރުތާ ތިމާގެ ކުއްޖަކަށް ވިޔަސް، އަހަރެން ދެކެނީ ތީ ހަމަ އަހަރެންގެ އެއްބަނޑު މީހެއްގެ ގޮތުގައި. ނަސޭހަތެއް ދިނަސް އެންމެ ފަހުން ނުބައިވީ މަށެއްނު." ޒުލޭހާ ބުންޏެވެ.

" ޒުލޭހައްތަ ތި ދެނީ ނަސޭހަތެއް ނޫނޭ. ރާބިއާއޭ ކިޔައިގެން ވެސް ޒުލޭހައްތަ ދެއްކީ ތާކުންތާކު ޖެހޭ ވާހަކައެއް ނޫން. އެ ކަހަލަ ވާހަކަތައް ފެތުރީމަ އާއިލާތައް ރޫޅޭނެޔޭ. ކީއްވެތަ މަގޭ ހަސަނުގެ ވާހަކަ އަބަދު ތި ދައްކަނީ؟ އޭނައަކީ ހާދަ ރަނގަޅު މީހެކޭ." މަރިޔަމްއަށް އެންމެ ފަހުން ރޮވިއްޖެއެވެ.

" ރަނގަޅޭ ރަނގަޅޭ ކިޔަން ހުއްޓާ، މާލެއިން ދޮން އަނބެއް ގެނެސް ގެއަށް ވައްދާތަން ފެންނާނީ. މަގޭ މި ބުނީ ދޮގަކަށް ނުވާނެ." ޒުލޭހާ ބާރުބާރަށް އެހެން ބުނުމަށްފަހު ނިކުންނަން ހިނގައިގަތެވެ.

އޭރު ވެސް މަރިޔަމްގެ ދެ ލޮލުން ފެންތައް ފައިބައެވެ. މީހަކާ ދެ ބަސް ނުވެ، އޭނާ އުޅެމުންދާ ރީތި ދިރިއުޅުމަށް ޒުލޭހާ އައިސް ހިރަފުސް އަރުވާލުމުން މަރިޔަމް އިންތިހާއަށް ހާސްވެއްޖެއެވެ. ޒުލޭހާގެ ވާހަކަތަކުން ހިތަށް އުނދަގޫ ވެސް ވެއްޖެއެވެ. ހަސަންއަށް ކިތަންމެ އިތުބާރެއް ކުރިޔަސް، އެކަހަލަ ވާހަކަ އަޑު އިވުމުން ބައެއް ފަހަރު ހިތަށް ވަހުމް ވަންނަ ގޮތް ވެއެވެ.

ފެން ތަށި ތެރެއިން ސާޔާ ނަގައިގެން ގޮސް، ފެންވަރުވާ، ރީތި ކުރި އިރު ވެސް މަރިޔަމްގެ ހަރަކާތްތައް ނުހަނު އަވަހެވެ. ސިޓިންރޫމްގައި ކުނަލެއް އަޅާލުމަށްފަހު އޭގެ މަތީގައި ސާޔާ ބައިންދަމުން އޭނާ ސާމިހްއަށް ގޮވިއެވެ.

" ކޮއްކޮ ބަލައިލައްޗޭ. މަންމަ މި ދަނީ ބަދިގެއަށް." މަރިޔަމް ބުންޏެވެ.

ސާމިހް އައިސް ސާޔާގެ ކައިރީ އިށީނުމާއެކު މަރިޔަމް ބާރުބާރަށް ބަދިގެއާ ދިމާލަށް މިސްރާބު ޖެހިއެވެ. އޭނާ ހުރީ ދަރިން ނުފެންނަ ހިސާބަށް ދާން އިންތިހާއަށް ބޭނުންވެފައެވެ. ބަދިގެއަށް ވަދެވުމާއެކު މަރިޔަމްއަށް ބާރަށް ރޮވިއްޖެއެވެ. އަޑު ނުވެސް ހިފެހެއްޓުނެވެ.

" މަގޭ ހަސަނަކީ އެކަހަލަ މީހެއް ނޫން. ކޮންމެ ތާކު ހުއްޓަސް އަހަރެން މަތިން ހަސަން ހަނދާނެއް ނުނެތޭނެ." މަރިޔަމްއަށް ބުނެވުނެވެ. ކާމޭޒު ކައިރީ އިނދެގެން ހިތް ފުރެންދެން އޭނާ ރުޔެވެ. އެއަށްފަހު މޫނު ސާފުކޮށްލަމުން ތެދުވިއެވެ. ހަސަން ނެތީމަ އިންތިހާއަށް ގޭތެރެ ފަޅެވެ. ދަރިން އުޅުނަސް މަރިޔަމްގެ ހިތަށް ބައެއް ފަހަރު ފޫހިކަން ވެސް ވެރިވެއެވެ.

" ދޯންޏެއް ދާއިރަށް އަހަރެން ހަސަންއަށް ސިޓީއެއް ވެސް ލިޔާނަން. އަވަހަށް ރަށަށް އަންނާށޭ ބުނާނަން. " މަރިޔަމްއަށް ބުނެވުނެވެ.

އިރު އޮއްސިއްޖެއެވެ. ހަސަން އޮތީ ކޮޓަރީގައެވެ. މި ފަހަރު އޭނާ ކޮޅަށް ޖެހުނީ ރަޝީދުގެ އަޑަށެވެ. އަވަސް އަވަހަށް ބޭރަށް ނިކުތް އިރު، ރަޝީދު ހުރީ ދޮރުމަތީގައެވެ.

" އަހަރެން މިސްކިތަށް ދާން ވެގެން. ހަސަންއަށް އަދި މިސްކިތް ހުރި ތަން ވެސް ނޭނގި ދާނެތީވެ، ދާއިރު ގޮވައިގެން ދާން ކަމަށް." ރަޝީދު ބުންޏެވެ.

އެ ވަގުތު ހަސަންއަށް ހިނިތުން ވެވުނެވެ. އަދި އޭނާ ރަޝީދުގެ ފަހަތުން ހިނގައިގަތެވެ.

" ވަރަށް ކައިރިވާނެ މިސްކިތް. " ރަޝީދު ބުނެލިއެވެ.

މިސްކިތުން އެނބުރި އަންނަމުން ވެސް ރަޝީދު ހަސަންއާ ވަރަށް ވާހަކަ ދެއްކިއެވެ.

" ތިހާ ޅަ އުމުރުގައި ތިހާ ބުރަ މަސައްކަތް ކޮށްގެން އުޅޭ ފިރިހެން ކުއްޖަކު އަދި އަހަރެން ދުވަހަކު ވެސް ނުދެކެން." ރަޝީދު ބުންޏެވެ.

" ހަނދާން ހުންނަން ފެށީއްސުރެ އަހަރެންގެ މަައިންބަައިން ނުދެކެން. ވަރަށް ހާލުގައި ބޮޑުވީ. އެހެންވީމަ އަހަރެމެންނަށް އެއްވެސް ކަމެއް ބުރައެއް ނުވާނެ." ހަސަން ބުންޏެވެ.

" އަހަރެން ވެސް ވަރަށް ކުރިން މާލެ ބަދަލު ވެއްޖައިން. ދެން ޝަބްނަމްގެ މަންމައާ ދިމާވެގެން ކައިވެނިކޮށްގެން މާލޭގައި ދިރިއުޅެމުން އައީ. ޝަބްނަމް ވެސް ލިބުނީ ވަރަށް ދުވަހުން." ރަޝީދު ބުންޏެވެ. އަޑުއަހަމުން ދިޔަ ހަސަން އިރުއިރު ކޮޅާ ރަޝީދުގެ މޫނަށް ބަލައިލައެވެ.

" އެކަނިމާއެކަނި ބޮޑުވި ކުއްޖަކާ ބަލާފައި ހަސަންގެ އަހުލާޤު ވަރަށް ރަނގަޅު. އަހަރެން ވެސް ތި ކަހަލަ ދަރިޔަކު ބޭނުން. އެކަމަކު ދެން އަހަރެމެން އެހާ އުމުރުން ދުވަސްވީމަ އެއީ އެހާ ރައްކާތެރި ކަމަކަށް ނުވާނެތާ ދޯ. ދެން ޝަބްނަމް ގެއަށް ގެންނާނެ މީހަކު ނޭނގެނީ." ރަޝީދު ބުންޏެވެ.

ރަޝީދު ވާހަކަ ދައްކާ މައުޟޫއަަކަށް އެއްޗެއް ބުނާކަށް ހަސަންއަކަށް ނުކެރުނެވެ. އޭނާ ހަމައެކަނި ބޯ ޖަހާލުމަށްފަހު ހިނިތުންވުމަކުން ފުއްދާލަނީއެވެ.

" ހަސަން ވަދޭ ދެން ގެއަށް. އަހަރެން އަދި ތަނަކަށް ދާން ޖެހިގެން މި ދަނީ." ގެއާ ހަމައަށް އަރާފައި ރަޝީދު ބުންޏެވެ.

ރަޝީދު ހިނގައިގަތުމާއެކު ދޮރާށި ހުޅުވާލުމަށްފަހު، ހަސަން އެތެރެއަށް ވަނެވެ. ގޯތި ތެރޭގައި ހުރި ބަގީޗާ ގަސްތައް ކައިރިން ގޮސް އޭނާ ގެއަށް ވަތް އިރު، ސިޓިންރޫމްގައި ޝަބްނަމް އިނެވެ. ހަސަން ފެނުމާއެކު ޝަބްނަމް ތެދުވެއްޖެއެވެ. ޝަބްނަމް އެއްޗެއް ބުނަން އުޅެނީ ކަމަށް ހިތާ ހަސަންއަށް ވެސް މަޑުކޮށްލެވުނެވެ.

" ބައްޕަ ނުދުރުވަނީތަ؟" ޝަބްނަމް އެހިއެވެ.

" އާނ." ހަަސަން ދިނީ ކުރު ޖަވާބެކެވެ. އެއަށްފަހު އޭނާ ކޮޓަރިއާ ދިމާލަށް ހިނގައިގަތީ ޝަބްނަމްއާމެދު އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ.

" ދަނީތަ؟" ޝަބްނަމް ބުންޏެވެ.

" ކީ..ކޭ؟" ސިހިފައި ހަސަންއަށް ބުނެވުނެވެ.

" އަޅުގަނޑު މި ބުނީ ދަނީހޭ. ވާހަކަ ފޮތް ކިޔާ ނިމިގެން ވަރަށް ފޫހިވޭ." ޝަބްނަމް ބުންޏެވެ.

ހަސަންއަށް ހަދާނެ ގޮތް ހުސްވެއްޖެއެވެ. ޝަބްނަމްގެ ފޫހި ފިލުވައިދޭން ޖެހޭނެ އެއްވެސް ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ.

" ކިހިނެއްވީ؟ އާދެބަލަ." ސޯފާ ދައްކާލަމުން ޝަބްނަމް ބުންޏެވެ.

ހަސަންއަށް އިންކާރު ކުރާކަށް ވެސް ނުކެރުނެވެ. އޭނާ ގޮސް ސޯފާގެ އެއް ކޮޅުގައި އިށީނުމާއެކު އަނެއް ކޮޅުގައި ޝަބްނަމް ވެސް އިށީނެވެ. އޭރު ޝަބްނަމްގެ ހިނިތުންވުމުން އެ މޫނަށް އިތުރު ރީތި ކަމެއް ގެނެސްދޭ ކަހަލައެވެ.

" މާދަމާއަކީ ހުކުރު ދުވަސް. ކޮންމެ ހުކުރު ދުވަހަކު ބައްޕަ އަޅުގަނޑު ގޮވައިގެން ޕިކުނިކް ދުރުވާނެ. ހަސަން އަޅުމެންނާއެކު ދާނަންތަ؟" ޝަބްނަމް އެހިއެވެ. އެ ވަގުތު ހަސަންއަށް ހިންދިރުވާލެވުނެވެ.

" ނޫން... އެހާ ޕިކްނިކް ދާ ހިތެއް ނުވެ." ހަސަން އިންކާރު ކުރުމާއެކު ޝަބްނަމް ތަންކޮޅެއް ބާރަށް ހީގަތެވެ.

ހަސަން އިނީ ހައިރާންވެފައި ޝަބްނަމްގެ މޫނަށް ބަލަހައްޓައިގެންނެވެ.

" އެހެންތަ؟ އެހެންވިއްޔާ މި ހުކުރުގައި ޕިކްނިކް ކެންސަލް. ހަސަން ދާހިތް ވަނީ ކޮންތާކަށް؟" ވަރަށް ގަޔާވެލާފައި ޝަބްނަމް ސުވާލު ކުރިއެވެ.

ނުނިމޭ

މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، ހޯމަ އަދި ބުދަ ދުވަހެވެ.

(ނިމުނީ)