ސިފައިން އަމިއްލަ ނަފުސާ ޢާއިލާތަކަށްވުރެ އަބަދުވެސް އިސްކުރީ ދިވެހި ޤައުމާއި ރައްޔިތުންގެ މަޞްލަޙަތުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

Ad
rt

މި ޚިޠާބުގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި ދިވެހީންގެ އެވޭލާ ތާރީޚުގެ ވާހަކަތައް ފެންނާން އޮތް އެންމެ ދުރު ހިސާބުން ފެށިގެން މިއަދާއި ހަމަޔަށްވެސް ޖަޒީރާ ރަށްތަކެއްގެ ގޮތުގައި އޮތް މި ޤައުމު، އެއް ވެރިކަމެއްގެ އަމުރުމަޢުރޫފުގެ ދަށުގައި، މުސްތަޤިއްލު ވަޒަނެއްގެ ގޮތުގައި ދެމިއޮތީ، އެއްވެސް ޝައްކެއްނެތް ގޮތުގައި ޤައުމުގެ މިނިވަންކަމާއި އެއްބައިވަންތަކަން ހިފަހައްޓައިދިނުމަށް ކެނޑިނޭޅި ސިފައިންވީ ގުރުބާނީގެ ސަބަބުންނެވެ.

މި ގުރުބާނީގެ ފަހަތުގައި އެންމެ މުހިންމު ދައުރެއް އަބަދުވެސް އަދާކުރީ، ޤައުމު ދިފާޢުކޮށް، އަމާންކަމާއި ރައްކައުތެރިކަން ކަށަވަރުކޮށްދިނުމަށް ރުކުރުވާލާފައިވާ ލަޝްކަރު، ދިވެހި ޤައުމީ ދިފާޢީ ބާރު، ނުވަތަ ދިވެހި ސިފައިން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

''ސިފައިން، އަމިއްލަ ނަފުސާ ޢާއިލާތަކަށްވުރެ އަބަދުވެސް އިސްކުރީ ދިވެހި ޤައުމާއި ރައްޔިތުންގެ މަޞްލަޙަތެވެ. ޤައުމަށް ދިމާވި ކޮންމެ ބޮޑުކަމަކާއި ކޮންމެ އުނދަގޫ ވަގުތަކު، ދިވެހީންނަށްޓަކައި ދަލާއި ލޭ އޮހޮރުވައި، ރެޔާއިދުވާލު ވަރުބަލިވުމެއް ނެތި ބުރައުފުލުމުގައި އިސްނެގީ ދިވެހި ސިފައިންނެވެ.'' ރައީސް ވިދާޅުވެފަވެއެވެ.

މިފަދަ ކޮންމެ ޚުޠޫރަތްތެރި ވަގުތަކުވެސް، "ޤައުމުގެ ޙައްޤުގައި ހޭވައްލާ ތައްޔާރު"ވެ ޚިދުމަތަށް އަވަސްވެގަތީ ދިވެހި ސިފައިންކަން ފާހަގަކުރަށްވައި، ކޮންމެ ކަންބޮޑުވުމަކުން ރައްޔިތުން ދަފަރާކުރުމަށް، އެއްގަމާއި ކަނޑާއި ވައިގެތެރޭގައިވެސް 24 ގަޑިއިރު ހުއްޓުމެއްނެތި ހަރަކާތްތެރިވަމުން ދަނީ ދިވެހި ސިފައިންކަން ރައީސްގެ ޚިޠާބުގައި ވަނީ ފާހަގަކުރަށްވާފައެވެ.

''ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި، އެކި ޒަމާނާއި އެކި ޙާލަތުގައި އެކި މިސްރާބަށް ކަންކަން އެނބުރެމުން މިދާ ދިއުމުގައި، ދިވެހި ދައުލަތާއި ދީބަށް ލޮޅުމެއް އެރިޔަ ނުދީ، މަސަލަސްކަމާއި މަޖްދާއި ކަރާމާތް ދެމެހެއްޓުމުގެ އެންމެ މަތިވެރި ގައުމީ ޒިންމާ އުފުލާނީ ދިވެހި ސިފައިންނެވެ.'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުގައި، ދިވެހި ސިފައިންގެ މުލައްދަނޑިތަކުގައި ޤައުމީ ލޭ ދައުރުވާހައި ހިނދަކު، ދިވެހި ޢަސްކަރީންގެ ހިތްތަކުގައި މިނިވަންކަމުގެ ވިންދު ޖަހަމުންދާހާ ހިނދަކު، ''އިރާދަކުރެއްވިއްޔާ ދިވެހީންގެ މިނިވަންކަމަކަށް، ދެމިތިބުމަކަށް، އިރުއޮއްސުމެއް ނެތެވެ.''