ކުޅުދުއްފުށި ސިޓީ ކައުންސިލުން "ފިނިފެހި ނާސަރީ" ގެ ނަމުުގައި ކުޅުދުއްފުށީގައި އައު ނާސަރީ އައުޓްލެޓެއް މިއަދު ހުޅުވައިފިއެވެ.

"ފިނިފެހި ސިޓީ" މި އިނިޝިއޭޓިވްގެ ދަށުން ފިނިފެހި މާދަމާއަށްޓަކާ ގަސްމުޑުވަށް ކުރުމުގެ ގޮތުން މި ނާސަރީ ހުޅުވައިދެއްވީ ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު އާޠިފްއެވެ.

Ad
rt

ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވީ މި ޕްރޮޖެކްޓަކީ ކުޅުދުއްފުށީ ސިޓީ ފިނިކޮށް ފެހި ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ރަށުގެ ބައިއޯޑައިވަރސިޓީ އިތުރު ކުރުމަށް ކުރެވޭ ޚާއްޞަ އިންވެސްޓްމަންޓް އެއް ކަމަށެވެ. އަދި މި ނާސަރީގައި ކުރީގައި ރަށުގައި ހެދިފައިވާ ގަސްތަކާއި، މަދުވަމުން ދާކަމަށް ފާހަގަ ކުރެވިފައިވާ ގަސްތަކާއި ރަށް ފެހި ކުރުމަށް ބޭނުންވާ ގަސްތައް ހެއްދުމަށަ އިސްކަމެއް ދެވޭނެކަމަށްވެސް ކައުންސިލުން ވިދާޅުވެފައިވެއެވެ.

މި ނާސަރީގެ މައިގަނޑު އެއް ބޭނުމަކީ މުޑުވަށްކުރެވޭ ގަސްތައް އިންދުމަށް ހަމަޖެހިފައިވާ ރަށުގެ އެކި ހިސާބުތައް ފިނިކޮށް ފެހި ކުރުމެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓުތަގެ ލޭންޑްސްކޭޕިން ހެދުމަށް ބޭނުންވާ ގަސް މި ނާސަރީން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ކައުންސިލުން ދީފައިވެއެވެ.

ނާސަރީ ހުޅުވުމުގެ ގޮތުން ބޭއްވުނު ރަސްމިއްޔާތުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެންބަރުންނާއި މުވައްޒަފުން ބައިވެރިވެފައިވާއިރު މި ރަސްމިއްޔާތުގައި ބައިވެރިން ވަނީ ނާސަރީގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ނާސަރީއަށް ގަހެއް ހަދިޔާކޮށް ގަސް އިންދާފައެވެ. އަދި ނާސަރީ ހިންގުމުގެ އަމަލީ މަސައްކަތް ކައުންސިލްގެ މުވައްޒަފުން ކުރުމަށް ހަމަޖެހިފައިވާއިރު، މިކަމަށް ބޭނުންވާ މުވައްޒަފުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއްތަކެއްވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ނާސަރީއަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ބަޖެޓުން ހަރަދު ކޮށްގެން ޤާއިމްކޮށްފައިވާ ނާސަރީއެކެވެ.

މި މި މަޝްރޫޢުގެ ދަށުން ގާއިމު ކުރި ދެވަނަ ނާސަރީ އެވެ.