ޞިއްޙީ ޚިދުމަތް ހަރުދަނާ ކުރުމަށް މިކުރާ މަސައްކަތުގައި ދިވެހި ޑޮކްޓަރުން ދެއްވާ މަޝްވަރާއާއި އެއްބާރުލެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ޝުކުރު އަދާކުރަށްވައިފިއެވެ.

އެމަނިކުފާނު ދިވެހި ޑޮކްޓަރުންނަށް ޝުކުރު އަދާކުރެއްވީ އިއްޔެ ފާހަގަކުރި ދިވެހި ޑޮކްޓަރުންގެ ދުވަހާއި ގުޅުވައިގެން މީސްމީޑިއާގައި ލިޔުއްވި މެސެޖެއްގައެވެ.

Ad
rt

ރައީސް ވިދާޅުވެފައިވާ ގޮތުގައި، ރައްޔިތުންގެ ދުޅަހެޔޮކަމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތު ކަމަށެވެ.

''ޞިއްޙީ ޚިދުމަތް ހަރުދަނާ ކުރުމަށް މިކުރާ މަސައްކަތުގައި ދިވެހި ޑޮކްޓަރުން ދެއްވާ މަޝްވަރާއާއި އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަން. ދިވެހި ޑޮކްޓަރުންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ޞިއްޙީ ޚިދުމަތުގެ ދާއިރާގައި މަސައްކަތް ކުރައްވާ މުޅި ޢާއިލާއަށް އަރިސްކުރަން'' ރައީސްގެ މެސެޖުގައި ވިދާޅުވެފަވެއެވެ.

ދިވެހި ޑޮކްޓަރުންގެ ދުވަސް ފާހަގަކޮށްފައިވާއިރު، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ދިވެހި ޑޮކްޓަރުންގެ އިންސައްތަ ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. އަދި ގިނަ ދިވެހިންގެ އިތުބާރު އެންމެ ބޮޑަށް ހޯދާފައި ވަނީ ވެސް ދިވެހި ޑޮކްޓަރުންނެވެ.

ރާއްޖޭގައި ވެސް ޑޮކްޓަރުކަން ކިޔެވުމުގެ މަގު ފަހިވެފައިވާއިރު، ބަންގްލަދޭޝް، ފިލިޕީންސް ފަދަ ޤައުމުތަކުން ޑޮކްޓަރުކަން ކިޔެވުމަށް ސަރުކާރުން ދަނީ ލޯނުގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.