ދިވެހިރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ 25 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ޚާއްޞަ ޕްރޮމޯޝަނެއް ތަޢާރަފްކޮށްފިއެވެ.

މި ޕްރޮމޯޝަންގައި އެންމެ ބޮޑު އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ޝަންހާއީގެ ޑިޒްނީ ލޭންޑަށް ކުރެވޭ މުޅިން ހިލޭ ދަތުރެކެވެ.

Ad
rt

މޯލްޑިވިއަންއިން ބުނެފައިވާ ގޮތުގައި، 2025 އޭޕްރިލް 13 އިން 25 އަށް އެ އެއަރލައިންގައި ދަތުރުކުރާ ފަރާތްތަކަށް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ދަތުރުކުރާ ފަރާތްތަކުން ބައިވެރިވުމަށް، އެމީހުންގެ ބޯޑިންގ ޕާސްގެ އުފެއްދުންތެރި ފޮޓޯއެއް ނަގައި ސޯޝަލް މީޑިއާގައި ޙިއްޞާކުރަން ޖެހޭނެއެވެ. ނަގާ ފޮޓޯގައި ދަތުރުގެ ތާރީޚް ސާފުކޮށް ފެންނަން ހުންނަންވާނެކަމަށް ވެސް މޯލްޑިވިއަން އިން ބުނެފައިވެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުން އެ ފޮޓޯ ޕޯސްޓް ކުރާއިރު #Maldivian25Years ހޭޝްޓެގް ބޭނުންކޮށް، @MaldivianAero ޓެގްކުރަންވާނެއެވެ. އަދި @MaldivianAero، @IASLaero އަދި @MaldivianHol މި ތިން އެކައުންޓް ފޮލޯކޮށްފައި ހުންނަންވެސް ޖެހޭނެއެވެ.

މި ޕްރޮމޯޝަންގެ ސުންގަޑިއަކީ 2025 އޭޕްރިލް 25 ވަނަ ދުވަހުގެ ރޭ 23:55 ކަމަށްވެސް މޯލްޑިވިއަންއިން ހާމަކޮށްފައިވެއެވެ. ޝަންހާއީ ޑިޒްނީ ލޭންޑަށް ދެވޭ ދަތުރުގެ އިތުރުން އެހެނިހެން އަގުހުރި އިނާމުތަކެއްވެސް ހިމެނޭކަމަށް މޯލްޑިވިއަންއިން ބުނެފައިވެއެވެ.

ފޮޓޯތަކުގެ އުފެއްދުންތެރިކަމާއި ފަންނުވެރިކަމަށް ބަލައި މި އިނާމުތައް ލިބޭ ފަރާތްތައް ހޮވޭނެކަމަށް ބުނެފައިވާއިރު، މި ޕްރޮމޯޝަނާގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް މޯލްޑިވިއަންގެ ރަސްމީ ވެބްސައިޓަށް ނުވަތަ ސޯޝަލް މީޑިއާ ޗެނަލްތަކަށް ޒިޔާރަތްކުރުމަށް އެދިފައިވެއެވެ.