ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް 25،000 މުސްޙަފް ހަދިޔާކޮށްފިއެވެ.

މިއަދު އިސްލާމީ މަރުކަޒުގެ ހޯލުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި މުސްޙަފްތައް ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ ހަވާލުކޮށްފައެވެ. މި ރަސްމިއްޔާތުގައި ސަޢުދީ އެމްބަސީގެ ފަރާތުން ޗާޖް ޑި އެފެއަރޒް ފަހުދު އަލްދޯސްރީ ވަނީ މުސްޙަފްތައް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާ ހަވާލުކޮށްދެއްވާފައެވެ.

Ad
rt

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ، މި ހަދިޔާއަކީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބުން ޢަބްދުލް ޢަޒީޒާއި އެ މަނިކުފާނުގެ ވަލިއްޔުލް ޢަހުދު އަލްއަމީރު މުޙައްމަދު ބުން ސަލްމާންގެ ދީލަތި އެހީތެރިކަމުގެ ނަތީޖާއެއް ކަމަށެވެ. އަދި މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން ހާމަކޮށްދޭ ކަމެއްކަމަށާއި، ކީރިތި ޤުރުއާނުގެ ޢިލްމު ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤުރްއާން ކުލާސްތަކާއި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު ފުޅާކުރުމަށް ވަރަށް އިސްކަމެއް ދެއްވާކަން ފާހަގަކުރެވެއެވެ. މިގޮތުން، މިއަދު ހަދިޔާކުރެވުނު 25،000 މުސްޙަފަކީ މި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ބޭނުންކުރެވޭނެ މުހިންމު ވަސީލަތެކެވެ.

މި މުސްޙަފްތައް ހަދިޔާކޮށްފައިވަނީ މާލެއާއި އަތޮޅުތަކުގެ ޤުރްއާން ކުލާސްތަކާއި ޤުރްއާން ހިތުދަސްކުރުމުގެ މަޝްރޫޢުތަކަށް ބޭނުންކުރުމަށްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއްވަ އެވެ.