ށ.އަތޮޅުގައި އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް އެ އަތޮޅުގެ ކައުންސިލުން ފަށައިފިއެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް ރައްޔިތުންނަށް އަވަހަށް ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ތެރެއިން، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
އެގޮތުން ރާއްޖޭގެ 17 ރަށަކުން މިހާރު އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ދެމުންދާއިރު، ށ އަތޮޅު ކައުންސިލުން އެ އަތޮޅުގެ ރަށްތަކަށްވެސް އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފައިވާކަމަށް ޑިޕާޓްމަންޓް އޮފް ނޭޝާނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ވަނީ ހާމަކުރަށްވާފައެވެ.
މީގެ އިތުރުން އަންނަ ހަފްތާގައި ށ. މިލަންދޫގައި މި ޙިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަމަށްވެސް ޑީއެންއާރުން ވިދާޅުވެފައިވެއެވެ.
ސަރުކާރުގެ އަމާޒަކީ އަހަރު ނިމުމުގެ ކުރިން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށެވެ.
ސަރުކާރުން އަންނަނީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ އިނގިރޭސިވިލާތުގައާއި، މެލޭޝިއާ އަދި ސްރީލަންކާގެ އިތުރުން އިންޑިއާގަވެސް މި ޚިދުމަތް ފެށުމަށްޓަކައި ތައްޔާރީތައްވަމުންނެވެ.
ރަށްރަށުން އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ މަޝްރޫޢުގެ ތެރެއިން އެންމެ ފުރަތަމަ މިޚިދުމަތް ތައާރަފުކުރީ ގއ. ވިލިނގިލީގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!