ޗައިނާގެ އޮންލައިން މާކެޓްޕްލޭސް ކަމުގައިވާ ޓެމޫ އަދި ފާސްޓް-ފެޝަން ރީޓެއިލަރ ޝެއިން އިން އެ ދެ ކުންފުނީގެ އުފެއްދުންތަކުގެ އަގުތައް މައްޗަށް ޖައްސާނެ ކަމަށް އިއުލާން ކޮށްފިއެވެ.
މި ބަދަލު ގެންނަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވިޔަފާރި ސިޔާސަތުތަކުގެ ސަބަބުން ކުންފުނިތަކުގެ ޚަރަދުތައް އިތުރުވުމާ ގުޅިގެންނެވެ.
މި ހަފްތާގައި ކަސްޓަމަރުންނަށް ފޮނުވި ސިޓީއެއްގައި ދެ ކުންފުނިން ވެސް ބުނެފައިވަނީ އެޕްރީލް 25، 2025 އިން ފެށިގެން އަގުތައް މައްޗަށް ޖައްސާނެ ކަމަށެވެ. އަދި މިހާރުގެ އަގުތަކުގައި ތަކެތި ގަތުމަށް ކަސްޓަމަރުންނަށް ހިތްވަރު ދީފައިވެއެވެ.
"ބައިނަލްއަޤްވާމީ ވިޔަފާރީގެ ޤަވާއިދުތަކާއި ޓެރިފްތަކަށް އައި ބަދަލުތަކާ ގުޅިގެން އަޅުގަނޑުމެންގެ ހިންގުމުގެ ޚަރަދުތައް ވަނީ މައްޗަށް ގޮސްފައެވެ. ތިޔަ ބޭފުޅުން ލޯބިވާ އުފެއްދުންތައް ފެންވަރު ދަށްނުކޮށް ފޯރުކޮށްދިނުމަށްޓަކައި، އެޕްރީލް 25 އިން ފެށިގެން އަގުތަކަށް ބަދަލު ގެންނަން ޖެހޭނެއެވެ،" ދެ ކުންފުނީގެ ބަޔާނުގައި ބުނެފައިވެއެވެ.
ކުޅޭ ތަކެއްޗާއި ސްމާޓްފޯނާ ހަމައަށް ވިއްކާ މި ދެ ކުންފުނި އެމެރިކާގައި އަވަސް ދުވެލީގައި ކުރިއަރަމުން އައީ "ޑީ މިނިމިސް" އިސްތިސްނާގެ ސަބަބުން އަގުތައް ދަށްކޮށް ބެހެއްޓުމުގެ ފުރުސަތު ލިބުމުންނެވެ. ނަމަވެސް، ޗައިނާ އަދި ހޮންކޮންގ އިން 800 ޑޮލަރަށްވުރެ ދަށް އަގުގެ ޕެކޭޖްތައް ޑިއުޓީ ނުނަގައި އެމެރިކާއަށް ވެއްދުމުގެ ފުރުސަތު ބަންދުކުރުމަށް ރައީސް ޓްރަމްޕް ސޮއިކުރި އެގްޒެކެޓިވް އޯޑަރާ ގުޅިގެން އެ ކުންފުނިތަކުގެ ވިޔަފާރި މޮޑެލްއަށް ބޮޑު ބަދަލެއް އަންނާނެއެވެ. މި އޯޑަރަށް އަމަލުކުރަން ފަށާނީ މެއި 2 ގައެވެ.
މި މައްސަލައާ ގުޅޭ ގޮތުން އިތުރު ކޮމެންޓަކަށް އެދުމުން ޓެމޫ އަދި ޝީން އިން ވަގުތުން ޖަވާބެއް ދީފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!