ފަލަސްތީނުގެ މުސްލިމުންނަށް އިސްރާއީލުން ދެމުންދާ އަނިޔާވެރި އަމަލުތައް ހުއްޓަންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ތަސްދީގު ކުރަށްވައިފިއެވެ.
މިއީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ.
ރައީސް މި ބިލު ތަސްދީގުކުރަށްވާފައި މި ވަނީ މަޖިލީހުގެ ތަޅުމުން ބިލު ފާސްކުރިތާ މަދު ގަޑިތަކެއްގެ ތެރޭގައެވެ.
މި ބިލަކީ، އިސްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، ދިވެހިރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމަށް އެކަން ބަޔާންކޮށް ފާސްކޮށްފައިވާ ބިލެކެވެ.
ދިވެހި ސަރުކާރުން ދަނީ ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ފަލަސްޠީނުގެ އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާގޮތުގެ މަތީން، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ ތަކުރާރުކޮށް ގޮވައިލައްވައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!