ދަރީންނަށް ތައުލީމާއި ތަރުބިއްޔަތު ދިނުމުގައި މައިންބަފައިންނާއި މުދައްރިސުން ހިމެނޭހެން އެ މަސައްކަތުގައި ޝާމިލުވާ އެންމެހާ ފަރާތްތަކުން އެއްގަލަކަށް އަރައިގެން މަސައްކަތް ކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.
މާތް ﷲ ގެ މި އަމުރުފުޅާ އެއްގޮތްވާ ގޮތުގެ މަތީން، ރަސޫލާ (ސއވ) އިލްމު ފެތުރުއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވިކަން ފާހަގަ ކުރައްވައި ހުތުބާގައި ވިދާޅުވީ މުސްލިމުންގެ ހިތްތަކުގައި އެކަލޭގެފާނު އިންދަވައިދެއްވި އިލްމުގެ އޮށްތަކުން ފެޅި ގަސްތައް ބިޔަވެ، ޒަމާނާއި، ހާލަތާ ފައިހަމަވާ ބަޔަކު ބިނާކުރި، އުފެއްދުންތެރި އުއްމަތަކަށް އިސްލާމީ އުއްމަތް ވިކަމަށެވެ. އަދި ޔޫނާނީ ބަހުންނާއި ފާރިސީ ބަހުން ހުރި އިލްމުތައް، އަރަބި ބަހަށް ތަރުޖަމާކުރުމާއި، އިލްމާއި ފަންނުގައި، އައު އެތައް އީޖާދެއް ކޮށް، ފޮތްތައް ލިޔެ ޝާއިއުކުރި ވަރުގަދަ ހަޟާރަތެއް މި އުންމަތް ބިނާކުރިއެވެ މި އީޖާދުތަކުގެ ސަބަބުން ދުނިޔޭގެ ލައިބްރަރީތައް މުއްސަނދިވެ، ސިކުނޑިތައް ހުޅުވި، އިސްލާމީ ތަޢުލީމު ޢާންމުވުމުގެ ސަބަބުން ދުނިޔޭގެ ކަންކޮޅުތަކުގައި ސުލްޙަމަސަލަސްކަން ގާއިމްވެގެން ގޮސްފައިވާ ކަމުގައި ހުތުބާގައި ވަނީ ވިދާޅުވެފައެވެ.
މިއަދުގެ ހުތުބާގައި ވަނީ އިސްލާމްދީނާއި ދުނިޔަވީ ރޮނގުތަކުން އިތުރު ކުރިއެރުންތަކެއް ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމަށް ކިޔަވާ ކުދިންނަށް ގޮވާލައްވާފައެވެ. އަދި އެކަން ކުރެވޭނީ މައިންބަފައިންނަށާއި މުދައްރިސުންނަށް ހައްގުވާ ގަދަރާއި އިހްތިރާމުއަދާކޮށްގެން ކަންވެސް ހުތުބާގައި ވަނީ ފާހަގަކުރައްވާފައިވެއެވެ.
ހުތުބާގައި ވަނީ ދުނިޔެއާއި އާހިރަތަށް ފައިދާހުރި އިލްމީ ހަރަކާތްތަކުގައި ދަރިވަރުންގެ ހުސްވަގުތު ހޭދަކުރުމަށް ގޮވާލާފައެވެ. އެގޮތުން ލިބޭ ހުސްވަގުތުތައް ކުތުބުހާނާތަކާއި ލެބޯޓްރީތަކުގައި ހޭދަކޮށް ބޭނުންތެރި ގޮތުގައި އެ ވަގުތުތައް ހޭދަކުރުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.
ތަރުބިއްޔަތު ކުރުމުގައި މުދައްރިސުންގެ ދައުރުގެ މުހިންމުކަން ފާހަގަ ކުރައްވައި ހުތުބާގައި ވިދާޅުވީ ކުދިން، ނަމޫނާއަކަށް ބަލާނީ މުދައްރިސުން ކަމަށާއި، އެ ކުދިންނަށް ރަނގަޅު ކަމުގައި ފެންނާނީ މުދައްރިސުން އެ ކުދިންނަށް ރަނގަޅު ކަމުގައި ދެއްކި ކަމެއް ކަމުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
ހުތުބާގައި ވިދާޅުވީ ސްކޫލަކީ ދަރިންގެ ދެވަނަ ހިޔާވަހި ކަމަށާއި، އެ ކުދިންގެ ހިތްތަކުގައި އިސްލާމީ އަގީދާ ހަރުދަނާކޮށް އިސްލާމީ އުސޫލުތައް ބިނާކުރާ ތަނަކަށް ސްކޫލުތައްވާއިރު، އެ ތަންތަނުން މި ދައުރު ފުރިހަމައަށް އަދާކޮށްފި ނަމަ، މުޅި އުންމަތުގެ މުސްތަގުބަލު އުޖާލާވެ އަމާންވާނެ ކަމަށެވެ
މިއަދުގެ ހުތުބާގައި ވަނީ އިސްލާމްދީނަށް ލޯބިކުރާ، އިސްލާމީ އުސޫލުތަކުގައި ހިފަހައްޓާ ދަރީންތަކަކަށް އެ ކުދިން ހެދުމަށް މުދައްރިސުންނާއި ބެލެނިވެރިން ގުޅިގެން މަސައްކަތްކުރަން ޖެހޭކަން ތަކުރާރުކޮށް ފާހަގަ ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!