ކ. ގުޅީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަންސް ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
ބިން ހިއްކަން ފެށުން ފާހަގަ ކުރަން ރޭ ގުޅީގައި ބޭއްވުނު މި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިންގ ޑައިރެކްޓަރ ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީއާއ،ި ކ.ގުޅި ކައުންސިލްގެ ރައީސް މޫސާ ސަފީލްގެ އިތުރުނ،ް އެމްޓީސީސީ އާއި ގުޅީގެ ކައުންސިލްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވ.ެ ގުޅީ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ޢަމަލީ ގޮތުން ފައްޓަވައި ދެއްވީ އެމްޓީސީސީގެ މެނޭޖިންގ ޑައިރެކްޓަރ ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ.
ސައުދީ ވިދާޅުވީ މިދިޔަ ސަރުކާރުގައި ދައުރު ނިމެން ގާތްވެފައިވަނިކޮށް އެމްޓީސީސީއަށް މަސައްކަތް ހަވާލުކުރި ނަމަވެސް، މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ އެއްވެސް ކަމެއްކޮށްފައިނުވާ ކަމަށެވެ. އެގޮތުން ބަޖެޓު ހަމަޖެއްސުމާއި ވަޞީލަތްތައް ހޯދުމުގެ އެއްވެސް ކަމެއްކޮށްފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް މިހާރު އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސް ޑރ. މުއިއްޒުގެ ޚާއްސަ އިސްނެންގެވުމާއި އިރުޝާދުގެ ދަށުންކަން އޭނާ ފާހަގަކުރެއްވިއެވެ.
ގުޅީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެ ރަށުން 10.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. މި މަސައްކަތާއެކު ގުޅީގެ ބިން ދެ ގުނައަށް އިތުރުވާނެއެވެ. އަދި 940 މީޓަރުގެ ހިލަ ރިވެޓްމަންޓް ޖެހުމާއި 362 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ޖެހުން ކުރިއަށްދާނެއެވެ. އަދި 88 މީޓަރުގެ ގޮރޮއިން ޖެހުމުގެ މަސައްކަތްވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.
ގުޅިއަކީ ބިމުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާ ރަށެކެވެ. ގޯތި ބޭނުންވާ އެތައް ބަޔަކު މި ރަށުގައި ދިރިއުޅޭއިރު، އެންމެ ފަހުން މި ރަށުން ބިން ދޫކުރީ 2003 ވަނަ އަހަރުއެވެ. އެއީ އެންމެ 13 ބިމެވެ. އޭގެ ފަހުން ބިން ދޫކޮށްފައިނުވާއިރު، ބޯހިޔާވަހިކަމުގެ މައްސަލަ ގުޅިއަށް ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.
ގުޅީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2023 ވަނަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހުއެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ.
814 މީހުންގެ އާބާދީއެއް އޮންނަ މާލެއަތޮޅު ގުޅިއަކީ ބިމުގެ ޖާގައިގެގޮތުން ކުޑަނަމަވެސް ވަރަށް ރީތި ހިތްގައިމު ރަށެކެވެ. މާލެއަތޮޅުގެ ގިނަ ރަށްތައް ފަދައިން ގުޅިއަކީވެސް ފަތުރުވެރިކަން ކުރިއަށްއަރަމުން އަންނަ ރަށެކެވެ. އެގޮތުން މިހާރުވެސް ރަށުގައި 15 ވަރަކަށް ގެސްޓްހައުސް އަންނަނީ އެކި ފަންތީގައި ހިންގަމުންނެވެ. ރަށުގެ ގިނަ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ދައްޗަކީ ރަށުގެ ބިންކޮޅު ކުޑަވުމުން ރަށުގައި ދިރިއުޅުމަށާއި އަދި ވިޔަފާރިކުރުމަށް އިތުރު ޖާގަ ނެތުމުގެ މައްސަލައެވެ.
މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ފެށުމާއެކު، ރައްޔިތުންގެ ހުވަފެންތަކުގައި ކުލަޖެހިގެންދާތަން ކުރިއަށް އޮތް މުސްތަޤްބަލުގައި ފެނިގެންދާނެކަމަށާއި އަދި މުޅި މަޝްރޫޢު ނިމުމާއެކ،ު ރަށުގެ ރައްޔިތުންގެ އޮތް ބޯހިޔާވަހިކަމާއި އިޤްތިޞޯދު ފުޅާކުރުމަށް އޮތް ދަތިކަމަށް ބޮޑުތަނުން ހައްލު ލިބިގެންދާނެކަމަށް އެމްޓީސީސީން އިން ބުނެއެވެ،
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!