ވައިޓް ހައުސްއަށް އެނބުރި ވަޑައިގެންނެވި ފަހުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ބޭރު ދަތުރުފުޅު މެއި މަހުގެ މެދުތެރޭގައި ސައޫދީ އަރަބިއްޔާއަށް ކުރައްވާނެ ކަމަށް އެކްސިއޯސް އިން ރިޕޯޓުކޮށްފައިވެއެވެ.
އެމެރިކާގެ ދެ އޮފިޝަލުންނާއި ހަވާލާދީ އެކްސިއޯސް އިން ބުނީ މި ދަތުރުފުޅުން ހާމަވަނީ ޓްރަމްޕް ސަރުކާރާއި ސައޫދީ އަރަބިއްޔާއާ ދެމެދު އޮތް ވަރުގަދަ ގުޅުމެވެ. ޚާއްޞަކޮށް އިޤްތިޞާދީ އެއްބާރުލުމާއި އިންވެސްޓްމަންޓްގެ ދާއިރާތަކުގައެވެ.
އެކްސިއޯސްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މި ދަތުރުފުޅުގެ ތައްޔާރީތައް ދަނީ ކުރެވެމުންނެވެ. އަދި މި ވަގުތު ޓްރަމްޕް ސަރުކާރުން މަސައްކަތް ކުރަމުންދަނީ ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށާއި ހަމާސްއިން ހިފަހައްޓާފައިވާ ރަހީނުން ދޫކޮށްލުމަށް ބާރު އެޅުމަށެވެ.
2017 ވަނަ އަހަރު ރައީސްކަމަށް އިންތިޚާބުވެ ވަޑައިގެންނެވި ފަހުން ޓްރަމްޕްގެ ފުރަތަމަ ރަސްމީ ދަތުރުފުޅުވެސް ކުރެއްވީ ސައޫދީ އަރަބިއްޔާއަށެވެ. މިއީ ޓްރަމްޕް ސަރުކާރުން ރިޔާދަށް ދެއްވާ ރަމްޒީ އަދި އިސްތިރާޖީ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ.
މާރޗް 6 ގައި ވައިޓް ހައުސްގައި ދެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ ކުރިއަށް އޮތް 6 ހަފްތާގެ ތެރޭގައި ސައޫދީ އަރަބިއްޔާއަށް ދަތުރުފުޅެއް ކުރައްވާނެ ކަމަށެވެ. "އަޅުގަނޑު ސައޫދީ އަރަބިއްޔާއަށް ދާނަން. އާންމު ގޮތެއްގައި ފުރަތަމަ ދާނީ ޔޫކޭއަށް. ފަހުން އަޅުގަނޑު ދާނީ ސައޫދީ އަރަބިއްޔާއަށް،" އެމަނިކުފާނު ވިދާޅުވިއެވެ.
އެކްސިއޯސްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި ދަތުރުފުޅާ ގުޅޭ ގޮތުން އެމެރިކާގެ އިސް އޮފިޝަލުންނާއި ސައޫދީ އޮފިޝަލުންނާ ދެމެދު މަޝްވަރާތައް ކުރެވިފައިވެއެވެ. މީގެ ތެރޭގައި ޔުކްރެއިންގެ ހަނގުރާމައާ ގުޅޭ ގޮތުން ފަހަކަށް އައިސް ސައޫދީ އަރަބިއްޔާގައި ބޭއްވުނު މަޝްވަރާތައްވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!