މިދިޔަ ހުކުރުދުވަހު މިޔަންމާ އައި ބިން ހެލުމުގައި މިސްކިތްތައް ވެއްޓި ހުކުރު ނަމާދަށް ތިބި 700 އެއްހާ މުސްލިމުން މަރުވިކަމަށް މިޔަންމާގެ މުސްލިމް ނެޓްވޯކުން ބުނެފިއެވެ.

ރިކްޓަރ ސްކޭލްގައި 7.7 ގެ ބާރުމިނުގައި ބިންހެލުން އައީ ހުކުރު ދުވަހުގެ މެންދުރުގައެވެ. މި ބިންހެލުމުގެ ސަބަބުން ވެރިރަށް ނައިޕިޑޯ އަދި ދެވަނައަށް އެންމެ ބޮޑު ސިޓީ މަންޑަލޭ ހިމެނޭ ގޮތަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

Ad
rt

މިއީ ރަމަޟާން މަހުގައި ޤައުމުގެ މުސްލިމް މައިނޯރިޓީގެ ހުކުރު ނަމާދުގެ ވަގުތުކަމަށްވާތީ، މިސްކިތްތައް ވެއްޓުމުގެ ސަބަބުން 700 އެއްހާ ނަމާދަށްތިބި މުސްލިމުން މަރުވެފައިވާ ކަމަށް ސްޕްރިންގ ރެވޮލިއުޝަން މިޔަންމާ މުސްލިމް ނެޓްވޯކްގެ ސްޓިއަރިންގ ކޮމިޓީގެ މެންބަރު ޓުން ކީ ވަނީ ވިދާޅުވެފައެވެ. މި އަދަދު މި ބިންހެލުމުގައި އެ ގައުމުން މަރުވި މީހުންގެ ރަސްމީ މަރުގެ އަދަދުގައި ހިމެނިފައިވާކަމެއް އަދި ނޭނގެއެވެ.

ބިންހެލުން އައި ވަގުތު 60 އެއްހާ މިސްކިތަށް ގެއްލުން ލިބި ނުވަތަ ހަލާކުވެފައިވާ ކަމަށް ޓުން ކީ ވިދާޅުވިއެވެ. އަދި ދަ އިރަވަޑީ އޮންލައިން ނިއުސް ސައިޓުގައި ޕޯސްޓުކޮށްފައިވާ ވީޑިއޯތަކުން ދައްކާ ގޮތުގައި ބިންހެލުމުގެ ތެރޭގައި އެތައް މިސްކިތެއް ވެއްޓި، މީހުން އެ ސަރަޙައްދުތަށް ދޫކޮށް ދިޔައެވެ.

މިޔަންމާގެ ސަރުކާރުގެ ޚަބަރު ފަތުރާ އެމްއާރްޓީވީއަށް ސަރުކާރުގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ޒޯ މިން ޓުން ވިދާޅުވި ގޮތުގައި އިތުރު 3,400 މީހުންނަށް އަނިޔާވެ، 300 އަށްވުރެ ގިނަ މީހުން ގެއްލިފައިވެއެވެ. ކުރިން ސިފައިން ރިޕޯޓުކޮށްފައިވަނީ 1,644 މީހުން މަރުވެފައިވާ ކަމަށެވެ. ނަމަވެސް އެންމެ ފަހުގެ އަޕްޑޭޓުގައި ވަކި އަދަދެއް ހާމަކޮށްފައެއް ނުވެއެވެ.