ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) ކައިރީ ބައްޓާފައި ހުރި ދެ އޭޓީއެމް ރިލޮކޭޓް ކުރުމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލިބެންޖެހޭ މައުލޫމާތުގެ ތަފްސީލް ލިބުނުހާ އަވަހަކަށް އޭޓީއެމް ރިލޮކޭޓް ކުރުމަށް ބޭނުންވާ ބިން ހަމަޖައްސަވާނެކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުހައްމަދު އާތިފް މިއަދު ވިދާޅުވެއްޖެއެވެ.
މޭޔަރު މިހެން ވިދާޅުވީ، ކޭއާރުއެޗު ކައިރީ ބަހައްޓާފައި ހުރި ބީއެމްއެލް ގެ 2 އޭޓީއެމް ނަގާފައިވާތީ ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި މޭޔަރ އާތިފް ވިދާޅުވީ ބީއެމްއެލްގެ ފަރާތުން އޭޓީއެމް ރިލޮކޭޓް ކުރުމަށް ބޭނުންވާ ބިމުގެ މަޝްވަރާތައް މިހާރުވެސް ކުރިއަށް ދާކަމަށެވެ. އަދި އޭޓީއެމް އާއި އިންވެގެން މީޓިން ރޫމެއް ނުވަތަ އޮފީސް ޖާގައެއް ވެސް ބޭނުންވާކަމަށް އެ ބޭންކުން ދަންނަވާފައިވާތީ، އެކަންތައްތަކަށް ބޭނުންވާ ބިމުގެ ސައިޒު އެނގޭނެގޮތަށް ރަސްމީކޮށް ލިއުމުން ކައުންސިލުން ހުށަހެޅުމަށް ދަންނަވާފައިވާނެކަމަށެވެ.
އެގޮތުން ބީއެމްއެލްގެ ފަރާތުން އެ ތަފްސީލު ލިބުމުން އެންމެ އަވަހަށް ދެން ބާއްވާ ކައުންސިލްގެ އާންމު ބައްދަލުވުމުގައި އެޖެންޑާކޮށް ބިން ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ވާހަަކަވެސް މޭޔަރ ވިދާޅުވެފަވެއެވެ.
''ބީ.އެމް.އެލްގެ ފަރާތުން އެ ތަފްސީލު ލިބުމުން އެންމެ އަވަހަށް އޮންނަ ކައުންސިލްގެ އާންމު ބައްދަލުވުމަކަށް އެޖެންޑާކޮށް ބިން ހަމަޖެއްސުމުގެެ މަސައްކަތް ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން.'' މޭޔަރ އާތިފް
މީގެ އިތުރުން މޭޔަރ ވިދާޅުވީ، 2024 ވަނަ އަހަރު ބީއެމްއެލްގެ ފަރާތުން އޭޓީއެމް ބެހެއްޓުމަށް ހޮސްޕިޓަލް ސަރަހައްދުން ބިމެއް ބޭނުންވާކަމަށް އެދިފައިވާކަމަށެވެ. އަދި އެއިރު ކައުންސިލުން ރައްދުގައި ދީފައިވާނެ ޖަވާބަކީ ލޭންޑް ޔޫސް ޕްލޭނެއް އެޕްރޫވްވިހާ އަވަހަށް ބިން ހަމަޖައްސާނެކަމަށެވެ. ނަމަވެސް 27 ޖެނުއަރީ 2025 ގައި ލޭންޑް ޔޫސް ޕްލޭން އްޕްރޫވް ވުމުގެ ކުރިން 21 ޖެނުއަރީ 2025 ގައި ބޭންކުގެ ފަރާތުން ބުނެފައިވަނީ ހޮސްޕިޓަލް ސަރަހައްދުން އޭޓީއެމް ބެހެއްޓުމަށް މިހާރު ބިން ބޭނުން ނުވާކަމަށެވެ.
އޭޓީއެމްތައް ރިލޮކޭޓް ކުރުމަށް އަނެއްކާވެެސް މި ފަހުން ބިން ބޭނުންވާކަމަށް ބުނުމުން އެކަމަށް ސިޓީ ކައުންސިލުން ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދާ ވާހަކަ މޭޔަރ ދަންނަވާފައިވެއެވެ.
މިވަގުތު ކުޅުދުއްފުށީގައި ޑޮލަރުގެ އޭޓީއެމްގެ އިތުރުން 2 އޭޓީއެމް އަކުން ޙިދުމަތް ލިބެން ހުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!