ރަމަޟާން މަހަށް ފަހު ވެސް ހެޔޮއަމަލު ކުރުން މަތީ ދެމިތިބުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.
ހެޔޮއަމަލުތައް ކުރުން މަތީ ދެމިތިބުމަށް ނަސޭހަތްތެރިވަމުން މިއަދު ހުތުބާގައި ވިދާޅުވީ ރަމަޟާން މަސް އަހަރެމެންނާ އަލްވަދާއުކީ ނަމަވެސް އެ މަހުގެ ވެރި އިލާހު ދެމިވޮޑިގެންވާ ކަމަށާއި ފުރިހަމަ މުއުމިނަކު، ދުވަހަކު ވެސް ހެޔޮ އަމަލުކުރުމަކަށް އަލްވަދާއު ނުކިޔާނެއެވެ.
"އަޅުކަންކުރުމަކީ، ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނާންވާނޭ ކަމެއް ނޫން. ރަމަޟާންމަހުގެ ވެރި ﷲ އަކީ، އެހެނިހެން މަސްތަކުގެ ވެސް ވެރި ﷲ. މުއުމިނުންނަކީ، ވަކި މަހެއްގައި، ނުވަތަ ވަކި މޫސުމެއްގައި، ﷲ އަށް އަޅުކަންކުރާން ޖެހޭ ބައެއް ނޫން. މުއުމިނުންގެ މުޅި ހަޔާތުގައި ވެސް އަޅުކަންކުރާން ޖެހޭނެ. ބައެއް މޫސުންތަކުގައި އަޅުކަންކުރުން ގިނަވޭ. ރަމަޟާން މަހަކީ އެ ފަދަ މޫސުމެއް. އެ މޫސުން ނިމުނީމާ ވެސް މުސްލިމުން އަޅުކަމުގައި ދެމިތިބޭނެ" ހުތުބާގައި ވެއެވެ.
ރަމަޟާން މަހަށް ފަހު އަންނަ ޝައްވާލު މަހުގެ ހަ ރޯދައިގެ މުހިންމުކަން ފާހަގަ ކުރައްވައި ހުތުބާގައި ގެންނަވާފައިވާ ހަދީޘްގެ މާނާގައިވަނީ "ރަމަޟާންމަހު ރޯދަ ހިފައި އެއާ ވިދިގެން ޝައްވާލު މަހުން ހަ ދުވަހު ރޯދަ ހިފި މީހާ މުޅި އަހަރު ރޯދަހިފި ފަދައެވެ." (ރަވާހް މުސްލިމް 1164)
ނިމިގެން މި ދާ ރަމަޟާން މަހު، އަޅުކަމުގައި ފަރުވާ ކުޑަކުރެވިފައިވާ ނަމަ، ތައުބާގެ ހިތަކާ އެކު ﷲގެ ޙަޟުރަތަށް ރުޖޫޢަވެ ޝައްވާލު މަހުގެ ހަ ރޯދަހުފުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
ރަމަޟާން މަހު ކުރެވުނު ހެޔޮ އަމަލުތައް ގިނަކަމަށް ދެކި އެކަމާއި ބޮޑާނުވުމަށް އިރުޝާދުދެއްވައި ހުތުބާގައި ވިދާޅުވީ އެފަދަ ގޮތަކަށް ހެޔޮ އަމަލުތަކާއިމެދު ދެކޭނަމަ އެ އަމަލުތައް ބާތިލިވެގެން ހިނގައިދާނެ ކަމަށެވެ.
ރަމަޟާން މަހާއި ވިދިގެން އަދާކުރުމަށް އަމުރު ކުރައްވާފައިވާ ފިތުރު ޒަކާތުގެ މާތްކަން ފާހަގަ ކުރައްވައި ހުތުބާގައި ވިދާޅުވީ ފިތުރު ޒަކާތުގެ ސަބަބުން ރަމަޟާން މަހު ކުރެވިފައިވާ އުނި ކަންކަން ފޫބައްދައި ދިނުމަށް އެހީތެރިވެދޭ ކަމަށެވެ. ފިތުރު ޒަކާތް ދެއްކުމުގެ މުއްދަތު ކުޑަތަންވަމުން އަންނައިރު އެކަމަށް އަވަސްވެ ގަތުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!