ޗިޕް އުފެއްދުމުގައި މަޝްހޫރު އެމެރިކާގެ ކުންފުނި އެންވީޑިއާއިން މިދިޔަ އަންގާރަ ދުވަހު ޕްރޮޖެކްޓް ޖީ-އެސިސްޓް ނަމުގައި އާ އެއައި އެސިސްޓެންޓެއް ތަޢާރަފުކޮށްފިއެވެ.

މި އާ ފީޗަރަކީ ޖިއޯފޯސް އާރްޓީއެކްސް ޖީޕީޔޫ ހަރުކޮށްފައިވާ ޑެސްކްޓޮޕް ޕީސީތަކުގައި ލޯކަލްކޮށް ރަން ކުރެވޭ އާޓިފިޝަލް އިންޓެލިޖެންސް އެސިސްޓެންޓެކެވެ.

Ad
rt

މިހާރު ނެރެފައިވާ ވަރޝަނަކީ މި ޗެޓްބޮޓްގެ ތަޖުރިބާކުރާ ވަރޝަނެކެވެ. އަދި މިވަގުތު އާރްޓީއެކްސް ޖީޕީޔޫ ހަރުކޮށްފައިވާ ލެޕްޓޮޕްތަކަށް މި އެސިސްޓެންޓް ސަޕޯޓް ނުކުރެއެވެ. ގޭމިންގއަށް އަމާޒުކޮށްފައިވާ މި އެއައި އެސިސްޓެންޓަށް ޓެކްސްޓް އަދި އަޑުގެ ޒަރީއާއިން ގޭމް އަދި ސިސްޓަމް ސެޓިންގްސް އޮޕްޓިމައިޒް ކުރުމާއި، ފްރޭމް ރޭޓްސް ޗާޓުކުރުމާއި، ޕެރިފެރަލް ސެޓިންގްސް ކޮންޓްރޯލް ކުރުން ފަދަ ގިނަ ކަންތައްތަކެއް ކުރެވޭނެއެވެ.

ޖޫން މަހު ބޭއްވުނު ކޮމްޕިއުޓެކްސް 2024 ގައި ފުރަތަމަ ފަހަރަށް މި އެސިސްޓެންޓް ޓެކް ޑެމޯއެއްގެ ގޮތުގައި ދައްކާލާފައިވެއެވެ. އެންވީޑިއާގެ ނިއުސްރޫމް ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި ޖީ-އެސިސްޓަކީ ޖިއޯފޯސް އާރްޓީއެކްސް އެއައި ޕީސީތަކަށް ޚާއްޞަކޮށްފައިވާ ޕަރސަނަލައިޒްޑް ގޭމިންގ އެސިސްޓެންޓެކެވެ. އަދި މި އެސިސްޓެންޓް ލޯކަލްކޮށް ރަން ކުރެވޭތީ ޔޫސަރުގެ ޑޭޓާ ޑިވައިސްއިން ބޭރަކަށް ނުދެއެވެ.

ޖީ-އެސިސްޓަށް ވީޑިއޯ ގޭމްތަކާ ބެހޭ ސުވާލުތަކަށް ޖަވާބު ދެވޭނެއެވެ. އަދި ގޭމިންގ ސްޓްރެޓެޖީތަކުގެ މަޢުލޫމާތު ހިއްސާކުރެވޭނެއެވެ. މީގެ އިތުރުން މަލްޓިޕްލެޔަރ ގޭމްތަކުގެ ރީޕްލޭތައް އެނަލައިޒްކޮށް ޔޫސަރަށް ފީޑްބެކް ދެވޭނެއެވެ.

މި އެސިސްޓެންޓް ރަންކުރަނީ ޚާއްޞަކޮށް ޓިއުން ކޮށްފައިވާ ސްމޯލް ލޭންގުއޭޖް މޮޑެލް (އެސްއެލްއެމް) އަކުންނެވެ. މި މޮޑެލަށް ޢާންމު ބަހުރުވައިން ދޭ އަމުރުތައް މާނަކުރެވޭނެއެވެ. އަދި އެންވީޑިއާ އަދި ތިންވަނަ ފަރާތްތަކުގެ ޕީސީ އެޕްލިކޭޝަން ޕްރޮގްރާމިންގ އިންޓަރފޭސްތައް (އޭޕީއައި) ބޭނުންކޮށްގެން ވެސް ޔޫސަރުގެ ފަރާތުން ވަކި ކަންތައްތަކެއް ކުރެވޭނެއެވެ.