އިސްލާމްދީނުގައި ސަވާބާއި ދަރުމަ ހޯދުމަށް ހުންނަ ކަންކަމަށް މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް އަދި ފަޚުރެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

"ރައްޔިތުންނާ އެކު" މި ނަމުގައި ރައީސް އޮފީހުން ކުރިއަށްގެންދާ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރަމަޟާން މަހުގެ ފަހު ދިހައެއް ސަރުކާރުން ބަންދުކުރެއްވީ، އިސްލާމްދީނުގައި ސަވާބާއި ދަރުމަ ހޯދުމަށް ހުންނަ ކަންކަމަށް ރައްޔިތުންނަށް މަގުފަހިކޮށްދެއްވުމަށްކަމަށެވެ.

Ad
rt

"ސަތޭކަ ޕަސެންޓް އިސްލާމުން އުޅޭ ޤައުމެއްގައި، ޚާއްޞަކޮށް ރަމަޟާން މަހު، ސަރުކާރުން ރައްޔިތުންނަށް ވީހާވެސް ބޮޑަށް ކަންކަން ފަހިކޮށްދީ ލުއިކޮށްދިނުމަށް ވަރަށް އިސްކަންދޭންޖެހޭނެކަމަށް އަޅުގަނޑު ޤަބޫލުކުރަން," ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރަމަޟާން މަހަށް ޚާއްޞަކޮށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ މިދިޔަ ރޯދަމަހު ފުރަތަމަ ފަހަރަށް ކަރަންޓު ބިލާއި ފެން ބިލުން ޚާއްޞަ ލުއިތަކެއް ދެއްވާފައިވާ ކަމަށެވެ. އަދި މިއަހަރުވެސް މިކަން ކުރެއްވިކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރައީސް މުޢިއްޒު ވިދާޅުވީ މިދިޔަ އަހަރު ކޮންމެ ގޭބިސީއަކަށް ހަނޑޫ ބަސްތާއެއް ދެއްވުމަށް މަސައްކަތް ކުރައްވާފައިވާ ކަމަށާއި މިއަހަރު މަސްދަޅު ކޭސް ދެއްވުމަށް މަސައްކަތް ކުރެއްވިކަމުގައެވެ.

ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ވަނީ ، މި ސަރުކާރުން ދަނީ ދީނީ ކަންކަމަށް މުޅި ރާއްޖޭގެ އެންމެހާ ރައްޔިތުން މިހާރަށް ވުރެ ބޮޑަށް ލޯބިޖައްސައި އަހުލުވެރިކުރުވުމަށް، ފުޅާދާއިރާއެއްގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަަން ވެސް ފާހަގަކުރަށްވާފައެވެ.