ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ހުންނަ "މަސްޖިދުއް ތަޢާވުން" މިސްކިތުގެ އިމާމް، ހުސެއިން ރަޝީދަކީ ކުދީން މިސްކިތައް އައުމަށް ބާރުއެޅުމަށާއި ދީނީ ކަންކަމަށް ލޯބިޖެއްސުމަށް އަމިއްލަ އިސްނެންގެވުމާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއިއެކު ތަފާތު ޕްރޮގްރާމް ހިންގަމުން އަންނަ ފަރާތެކެވެ.
އެގޮތުން މި އަހަރުގެ ރަމަޟާން މަހު އެ މިސްކިތަށް ތަރާވީހަށް އައިސް ތަރާވީހް ނިމެންދެން ދެމިތިބޭ ކުދިންނަށް އިމާމް ހުސެއިން ރަޝީދު އަންނަނީ އައިސްކްރީމް ފޯރުކޮށްދެމުންނެވެ.
މި ޕްރޮގްރާމާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ހިއްސާކުރަމުން ހުސއިން ބުނީ އެ މިސްކިތަށް ތަރާވީހަށް އަންނަ ފަރާތްތަކުގެ ތެރެއިން ތަރާވީހް ނަމާދު ނިމެންދެން ދެމިތިބޭ ފަރާތްތަކަށް، ނަމާދު ނިމުމުން އައިސްކްރީމް ބެހުމުގެ ޕްރޮގްރާމަކީ ރަމަޟާން މަހުގެ ފުރަތަމަ ތަރާވީހާއިއެކު ފަށަން ޓާގެޓްކުރި ކަމެއް ނަމަވެސް ދިމާވި ބައެއް ގޮންޖެހުންތަކާއިއެކު ޕްރޮގްރާމް ފެށިފައިވަނީ މީގެ ހަތަރި ފަސްރޭ ކުރިން ކަމަށެވެ.
ކުދިން ތަރާވީހަށް އައުމަށް ބާރު އެޅުމަށް އިހަވަންދޫ އިމާމް ހުސެއިން އައިސްކްރީމް ބަހަނީ،
އޭނާ އިތުރަށް ބުނީ ކޮންމެ ރެއަކުވެސް އައިސްކްރީމް މެޝިން އިޝާނަމާދު ވަގުތުގެ ކުރިން ބަގީގައި ގެންގޮސް މިސްކިތްކައިރީގައި ބެހެއްޓުމަށް ފަހު އިޝާނަމާދަށް މިސްކިތަށް އަރަނީ މެޝިން ޖައްސާފައިކަމަށެވެ. ތަރާވީހުން އަވަދިވެގެން، ތަރާވީހް ނަމާދަށް އަންނަ އެންމެންނަށް އައިސްކްރީމް ބަހާ ނިންމުމަށް ފަހު އަނެއްކާ ވެސް މެޝިން ގެއައް ގެންދާ ކަމަށެވެ.
ތަރާވީހަށް އަންނަ ކުދިން އިތުރުވަމުން އަންނަކަން ފާހަގަ ކުރަމުން އޭނާ ބުނީ ﷲ އިރާދަފުޅާއިއެކު ރޯދަމަސް ނިމެންދެން ހަމަ ކޮންމެ ރެއަކު ވެސް އައިސްކްރީމް ބެހުން ކުރިއަށް ގެންދާނެ ކަމަށެވެ.
ކުދިން ތަރާވީހަށް އައުމަށް ބާރު އެޅުމަށް އިހަވަންދޫ އިމާމް ހުސެއިން އައިސްކްރީމް ބަހަނީ،
އޭނާ އިތުރަށް ބުނީ މެދުކެނޑުމެއްނެތި ހުރިހާ ތަރާވީހެއްގައި ބައިވެރިވެ، ނަމާދު ނިމެންދެން މަޑުކުރި ކުދިންނަށް އެންމެ ފަހު ތަރާވީހަށްފަހު އީދު ހަދިޔާ ދިނުން ވެސް އޮންނާނެ ކަމަށެވެ.
އިމާމް ހުސެއިން އަންނަނީ ދަރިވަރުން މިސްކިތަށް ގެނައުމަށާއި ދީނީ ކަންކަމަށް ލޯބިޖެއްސުމަށް، އަމިއްލަ އިސްނެންގެވުމުގެ މަތީން އަބަދުވެސް ތަފާތު ޕްރޮގްރާމް ހިންގަމުންނެވެ.
މިގޮތުން ފާއިތުވި އަހަރު އެ މިސްކިތަށް ޖެހިޖެހިގެން 40 ރޭ ފަތިސް ނަމާދުގެ ޖަމާއަތަށް ހާޒިރުވި 38 ދަރިވަރަކަށް ވަނީ ބައިސްކަލް ހަދިޔާކޮށްފައެވެ.
ކުދިން ތަރާވީހަށް އައުމަށް ބާރު އެޅުމަށް އިހަވަންދޫ އިމާމް ހުސެއިން އައިސްކްރީމް ބަހަނީ،
މީގެއިތުރުން މީގެކުރިން ވަނީ ނަމާދުގައި ކިޔާތަކެތި ދަސްކޮށް ކިޔައިދިން ކުދިންނަށް 500 ރުފިޔާގެ އިނާމް ދިނުމާއި، ޤުރުއާންގެ 30 ވަނަ ފޮތް (އަންމާ ފޮތް) ހިތުދަސްކޮށް ކިޔައިދިން ކުދިންނަށް 500 ރުފިޔާގެ ފައިސާގެ އިނާމް ދިނުންފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައެވެ.
ހުސެއިން ވަނީ މި ރަމަޟާން މަހަށް ފަހު ހިންގަން ނިންމާފައިވާ ޕްރޮގްރާމާއި ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައެވެ. އެ ރަށު ސްކޫލްގެ ގްރޭޑް 6-10 ދެމެދު ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުންނަށް ބަންގި ގޮވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ރޯދަ ފަހުން ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. މި ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންނަށް ނަމާދުގައި ހެދޭ ގޯސްތައް ބުނެދިނުމާއި އެކަންކަން ރަނގަޅު ކުރާނެ ގޮތް ބުނެދިނުމާއި، ޝެއިހުން ގެނެސް ދީނީ ނަސޭހަތް ދިނުންފަދަ ކަންކަން ވަނީ ކުރިއަށް ގެންދަން ނިންމާފައެވެ. ތިން މަސްދުވަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ތެރެއިން ރީތިކޮށް ބަންގިގޮވާ ކުދިންނަށް މިސްކިތުގައި ބަންގި ގޮވުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމުގައި ހުސެއިން ބުންޏެވެ.
ހުސެއިން އިތުރަށް ބުނީ ހުރިހާ ޕްރޮގްރާމްތަކެއްގެ ވެސް މަގުސަދަކީ ކުދީން މިސްކިތައް އައުމަށް ބާރު އެޅުމާއި ދީނީ ކަންކަމަށް ކުދިންގެ ހިތުގައި ލޯބި އިތުރު ކުރުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!