ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގައި ދެ ޤައުމުގެ ފައިސާ ބޭނުންކުރުމުގެ ހުއްދަ އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން ދީފިއެވެ.
މި ނިންމުމަށް އަމަލުކުރަން ފަށާފައިވަނީ އިއްޔެ އިން ފެށިގެންނެވެ.
ރިޒާވް ބޭންކް އޮފް އިންޑިއާއިން ހޯމަ ދުވަހު ނެރުނު ސަރކިއުލާއެއްގައި ބުނެފައިވަނީ ދެ ގައުމުގެ މެދުގައި އިންޑިއާ ރުޕީސްއާއި ދިވެހި ރުފިޔާއިން މުއާމަލާތު ކުރެވޭނެ ގޮތް ހަދަން ނިންމައިފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ދެ ޤައުމުގެ މެދުގައި ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުން އަމަލީ ސިފަ ގެނެވުނު ކަމެކެވެ.
މި އެއްބަސްވުމަކީ އިންޑިއާ ރުޕީސް އާއި ދިވެހި ރުފިޔާ ދެ ޤައުމުގެ ދެމެދުގައި ބޭނުންކުރުމަށް އޮނިގަނޑެއް އެކުލަވާލުމުގެ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް ފަސޭހަވެ، އަވަސްވެގެންދާނެއެވެ.
މި ނިޒާމަކީ އޭސިއަން ކްލިއަރިންގ ޔޫނިއަން (އޭސީޔޫ) މެކޭނިޒަމްގެ ބައެކެވެ. އޭސީޔޫ މެކޭނިޒަމަކީ ސަރަހައްދީ ޤައުމުތަކުގެ މަރުކަޒީ ބޭންކުތަކުގެ ތެރެއިން އޭސީޔޫގައި ބައިވެރިވާ ޤައުމުތަކުން މާލީ މުއާމަލާތްތައް ހިންގާ ނިޒާމެކެވެ. އޭސީޔޫގައި ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބެލަރޫސް، ބޫޓާން، އިންޑިއާ، އީރާން، މިޔަންމާ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާ ހިމެނެއެވެ.
ރާއްޖެ އާއި އިންޑިއާގެ ފައިސާ ދެ ޤައުމުގައި ބޭނުންކުރުމުގެ އެއްބަސްވުމެއް
މި ނިޒާމުގެ ސަބަބުން ދެ ޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގައި ތިންވަނަ ފައިސާއެއް ބޭނުންކުރުމުގެ ބަދަލުގައި ސީދާ ދެ ޤައުމުގެ ފައިސާ ބޭނުންކުރެވޭނެއެވެ. މީގެ ސަބަބުން ވިޔަފާރިވެރިންނަށް ޚަރަދު ކުޑަވެ، މުއާމަލާތްތައް އަވަސްވެގެންދާނެއެވެ.
ދިވެހިރާއްޖެ އާއި އިންޑިއާގެ ފައިސާ ދެ ޤައުމުގެ ދެމެދު ބޭނުންކުރުވޭގޮތް ހަމަޖެހިގެން ދިޔައިރު، 7 އޮކްޓޯބަރު 2024 ގައި ވަނީ އިންޑިއާގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް، ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި) ގެ ދަށުން ރުޕޭ ކާޑު ރާއްޖެއަށް ތައާރަފްކޮށްފައެވެ. ރުޕޭ ކާޑު މަސައްކަތްކުރަނީ ބޭނުންކުރާ ވިސާ، މާސްޓާކާޑް ފަދައިންނެވެ. ރުޕޭއަކީ މިހާރު ދުނިޔޭގައި 300 މިލިއަނަށްވުރެ ގިނަމީހުން ބޭނުންކުރަމުންދާ އިންޑިއާގެ ފުރަތަމަ ގްލޯބަލް ކާޑު ޕޭމެންޓް ނެޓްވޯކެވެ. މި ޚިދުމަތް ސިންގަޕޫރާއި ޔޫއޭއީ ފަދަ ގައުމުތަކާ އެކު ޖުމްލަ 185 ގައުމެއްގައި ބޭނުން ކުރެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!