ދިވެހިރާއްޖެ އާއި އިންޑިއާގެ ފައިސާ ދެ ޤައުމުގެ ދެމެދު ބޭނުންކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ރިޒާވް ބޭންކް އޮފް އިންޑިއާ(އާރުބީއައި) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ބޭންކާއި ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އާއި އެކު ދެ ޤައުމުގެ އަމިއްލަ ފައިސާ އެއްގައުމުން އަނެއް ގައުމުގައި މާލީ މުއާމަލާތްތަކުގައި ބޭނުންކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށެވެ.
މި އެއްބަސްވުމަކީ އިންޑިއާ ރުޕީސް އާއި ދިވެހި ރުފިޔާ ދެ ޤައުމުގެ ދެމެދުގައި ބޭނުންކުރުމަށް އޮނިގަނޑެއް އެކުލަވާލުމުގެ އެއްބަސްވުމެއްކަމަށް އިންޑިއާގެ ރިޒާވް ބޭންކުން ބުނެފަވެއެވެ.
އިންޑިއާގެ މުމްބާއީގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ މަރުކަޒީ ބޭންކުގެ ފަރާތުން ސޮއިކުރެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރެވެ. އާރުބީއައިގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކްގެ ގަވަރުނަރު ޝްރީ ޝަކްތިކަންތާ ދާސް އެވެ.
މި އެއްބަސްވުމުގެ ދަށުން ކަރަންޓް އެކައުންޓް މުއާމަލާތްތަކުގައި އަދި ހުއްދަކުރެވޭ ކެޕިޓަލް އެކައުންޓު މުއާމަލާތްތަކާއި އެހެނިހެން ވެސް އިގްތިސާދީ މާލީ މުއާމަލާތްތައް ދެ ގައުމުން އެއްބަސްވާ ގޮތެއްގެ މަތިން ދިވެހި ރުފިޔާ އާއި އިންޑިއަން ރުޕީގެ މުއާމަލާތް ކުރެވޭނެއެވެ. އަދި އިންޑިއާގެ މުދަލާއި ހިދުމަތް އިމްޕޯޓުކޮށް އެކްސްޕޯޓު ކުރުމުގައި ދިވެހި ރުފިޔާ އަދި އިންޑިއަން ރުފީ ބޭނުން ކުރެވޭނެ އެވެ.
މިއާއިއެކު ފޮރިން އެކްސްޗޭންޖް މާކެޓުގައި ދިވެހި ރުފިޔާ އާއު އިންޑިއާ ރުޕީސް އިން ވިޔަފާރިކުރުމުގެ ފުރުޞާތު ހުޅުވިގެންދާއިރު، އަދި އެ ގައުމެއްގެ އަމިއްލަ ފައިސާ ބޭނުންކުރެވޭ ގޮތްވުމުން ޚަރަދުކުޑަވެ ސެޓްލްމަންޓަށް ހިނގާ ވަގުތު އަވަސް ވެގެންދާނެއެވެ.
ދިވެހިރާއްޖެ އާއި އިންޑިއާގެ ފައިސާ ދެ ޤައުމުގެ ދެމެދު ބޭނުންކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، 7 އޮކްޓޯބަރު 2024 ގައި ވަނީ އިންޑިއާގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް، ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި) ގެ ދަށުން ރުޕޭ ކާޑު ރާއްޖެއަށް ތައާރަފްކޮށްފައެވެ. ރުޕޭ ކާޑު މަސައްކަތްކުރަނީ ބޭނުންކުރާ ވިސާ، މާސްޓާކާޑް ފަދައިންނެވެ. ރުޕޭއަކީ މިހާރު ދުނިޔޭގައި 300 މިލިއަނަށްވުރެ ގިނަމީހުން ބޭނުންކުރަމުންދާ އިންޑިއާގެ ފުރަތަމަ ގްލޯބަލް ކާޑު ޕޭމެންޓް ނެޓްވޯކެވެ. މި ޚިދުމަތް ސިންގަޕޫރާއި ޔޫއޭއީ ފަދަ ގައުމުތަކާ އެކު ޖުމްލަ 185 ގައުމެއްގައި ބޭނުން ކުރެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!