ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގެ ލޭންޑް ޔޫސް ޕްލޭނުގައި ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ ބިމުން، ފަތުރުވެރިކަމުގެ ވިޔަފާރި ކުރުމަށް ބިޑް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގެ ދަށުން 10000 (ދިހަހާސް) އަކަފޫޓޫގެ ހަތަރު ބިން ކާމިޔާބުކުރި ފަރާތަށް އެ ބިންތައް ހަވާލުކޮށްފިއެވެ.
10000 އަކަފޫޓުގެ ހަތަރު ބިން ކާމިޔާބު ކޮށްފައިވަނީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ކުންފުންޏެއްކަމަށްވާ "އޯސަމް ޕްރޮޕަޓީސް ޕލޑ" އިންނެވެ.
މި ބިންތައް ހަވާލުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޯސަމް ޕްރޮޕަޓީސްގެ ފަރާތުން އެބަސްވުމުގައި ސޮއިކުރެއްވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. ހަނިމާދޫ ކައުންސިލް ފަރާތުން ސޮއި ކުރެއްވީ، ކައުންސިލްގެ ރައީސް އަބުދުލް ސައްތާރު ހަސަން އެވެ.
ހަނިމާދޫ ކައުންސިލުން ބިޑް ކާމިޔާބުކުރި ފަރާތްތަކަށް ބިން ހަވާލުކޮށްފައި މިވަނީ އެޑްވާންސް ފައިސާގެ ގޮތުގައި އަހަރު ދުވަހަށްވާ ކުލި ކައުންސިލަށް ދައްކައި ހަލާސް ކުރުމުންނެވެ.
މި ހަތަރު ބިމުގެ ތެރެއިން ކޮންމެ ބިމެއްގެ ވެސް އެއް އަހަރު ދުވަހުގެ ކުއްޔަކީ 56000 އެމެރިކާ ޑޮލަރެވެ. ވުމާއިއެކު ހަތަރު ބިމަށްވާ 224000 އެމެރިކާ ޑޮލަރު (3.4 މިލިއަން ރުފިޔާ) އެ ކުންފުނިން ވަނީ ހަނިމާދޫ ކައުންސިލުގެ ޑޮލަރު އެކައުންޓަށް މިހާރު ޖަމާކޮށްފައެވެ.
ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގު މުހައްމަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ މި ކޮންމެ ބިމަކުން ކުއާޓަރަކަށް 14000 އެމެރިކާ ޑޮލަރު، އަދި 4 ބިމުން ޖުމްލަ 56000 އެމެރިކާ ޑޮލަރު ކޮންމެ ކުއާޓަރެއްގައި ހަނިމާދޫ ރައްޔިތުންގެ މާލިއްޔަތަށް ވަންނާނެ ކަމަށާއި މިއީ އަހަރަކަށް މި 4 ބިމުން އެކަނިވެސް 224،000 އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ކަމަށެވެ.
ފިރާގު އިތުރަށް ވިދާޅުވީ މިހާރު އޮތް ކައުންސިލްގެ ދައުރު ނިމޭއިރު ހަނިމާދޫ ރައްޔިތުންގެ މާލިއްޔަތަށް އެތައް މިލިއަން ރުފިޔާގެ އާމުދަނީ ލިބިގެންދާނެ ކަމަށާއި އަދި ރައްޔިތުންގެ މާލިއްޔަތަށް ޑޮލަރުން އާމްދަނީ ވަންނަން ފަށާފައި މިވަނީ މުޅިން އަލަށް ކަމަށެވެ.
ހަނިމާދޫގެ ޓުއަރިޒަމް ޒޯނުން، ގެސްޓްހައުސް ވިޔަފާރިއަށް ދޫކުރަން ނިންމާފައިވާ ބިންތަކުގެ ތެރެއިން 5000 އަކަފޫޓުގެ ހަތަރު ބިމެއް ވެސް އެޑްވާންސް ފައިސާ ދެއްކުމުން ބިޑް ކާމިޔާބުކުރި ކުންފުނިތަކަށް މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު ކައުންސިލުން ވަނީ ހަވާލުކޮށްފައެވެ. މި ބިންތައް ދޫކުރަނީ 50 އަހަރު ދުވަހުގެ މުއްދަތަށެވެ.
ހަނިމާދޫއަކީ މިހާރު ވަރަށް ބޮޑަށް ފަތުރުވެރިކަން ކުރިއަރަމުން އަންނަ ރަށެކެވެ. މިގޮތުން އެ ރަށުގައި މިހާރު ވެސް ސިޓީ ހޮޓަލެއް އަންނަނީ ހިންގަމުންނެވެ. އަމިއްލަ ފަރުދުންނާއި ބައެއް ކުންފުނިތަކުން ގެސްޓްހައުސްތައް ހަދައި މިހާރު އެ ރަށުގައި ހިންގަމުން އަންނައިރު، އިމާރާތްކުރެވި ހުޅުވުމުގެ މަރުހަލާގައި ވެސް ބައެއް ގެސްޓް ހައުސްތައް އެބަހުއްޓެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑު ކުރުމުގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް ނިމުމަކާއި ކައިރިވެފައިވާއިރު، އެއާޕޯޓް ނިމި ސީދާ ބޭރުގެ ގައުމުތަކަށް ހަނިމާދޫއިން ދަތުރުކުރެވެން ފެށުމުން އެ ރަށުގެ ޓޫރިޒަމް ވިޔަފާރިއަށް ފަސޭހަ ފަހި ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ. މަޝްރޫއުއާއި ގުޅިގެން ހަނިމާދޫގެ ބިމުގެ ޑިމާންޑް މިހާރު ވެސް ވަނީ މައްޗަށް ދާން ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!