އިސްލާމްދީނުގެ ދަންމަރު ނެގެހެއްޓުމުގައި ޒުވާނުންގެ ދައުރު އިންތިހާއަށް މުހިންމު ކަމުގައި، މިއަދު ހުތުބާގައި ވިދާޅުވެއްޖެއެވެ.

ބަދުރުގެ ދުވަހުގައި މުސްލިމުންގެ ތެރެއިން ޝަހީދުވި 14 ބޭކަލުންގެ ތެރޭގައި ޒުވާން ސަހާބީން ހިމެނެއެވެ. އޭގެތެރޭގައި އުމުރުން އެންމެ ސޯޅަ އަހަރުގެ އުމައިރު ބުނު އަބީ ވައްގާސް ހިމެނެއެވެ. އެއީ އިސްލާމީ ދަންމަރު ނެގެހެއްޓުމުގައި، ޒުވާނުންގެ ދައުރު ބޮޑުކަން ސާބިތުކޮށްދޭ ހެއްކެއްކަމުގައި ހުތުބާގައި ވަނީ ވިދާޅުވެފައެވެ.

Ad
rt

މިއަދުގެ ހުތުބާގައި ވަނީ ހިޖުރައިން ދެވަނަ އަހަރު ރަމަޟާން މަހުގެ ސަތާރަވަނަ ދުވަހު މުޝްރިކުންނާއި ދެކޮޅަށް މުސްލިމުންކުރި ބަދުރު ހަނގުރާމައިން ލިބިދޭ ފިލާވަޅުތަކުގެ މައްޗަށް ވަރަށް ތަފްސީލްކޮށް އަލިއަޅުވާލާފައެވެ. ބަދުރު ހަނގުރާމައަކީ އިސްލާމް ދީނަށްޓަކައި މުސްލިމުން ކުރި ފުރަތަމަ ހަނގުރާމައެވެ.

އެއް ފިލާވަޅަކީ ބަދުރު ހަނގުރާމަ ފެއްޓެވުމުގެ ކުރިން، ކަންކަމުގައި މަޝްވަރާގެ ރިވެތި އުސޫލު ބޭނުންކުރެއްވުމެވެ. ހަނގުރާމައާއި ބެހޭ އެންމެހާ މަޝްވަރާތައް ރަސޫލާ (ސއވ) ވަނީ އަބޫބަކުރުގެ ފާނާއި އުމަރުގެ ފާނާއި ކުރައްވާފައެވެ. އަދި އޭގެއިތުރުން މުހާޖިރުންނާއި އަންޞާރިއްޔަ ބޭކަލުންނާއި ވަނީ މަޝްވަރާކުރައްވާފައެވެ.

ބަދުރު ހަނގުރާމައިން ލިބުނު ދެވަނަ ފިލާވަޅަކީ ވެރީންނަށް ކިޔަމަންގަތުމުގެ މާތް ސިފައެވެ. މުހާޖިރުންނާއި އަންޞާރުންގެ ފަރާތްޕުޅުން ފެނުނު ކިޔަމަންތެރިކަމަކީ މި ކަމުގެ ރިވެތި މިސާލެކެވެ. ޖިހާދުކުރުމުގެ އިޒުނަ އައުމުން އެ ބޭކަލުން އެ ކަމަށް އިޖާބަ ދެއްވި ގޮތުން އެނގި ހާމަވީ އެ ބޭކަލުންގެ ކިޔަމަންތެރިކަމެވެ.

ބަދުރު ހަނގުރާމައިން ލިބުނު ތިންވަނަ ފިލާވަޅަކީ އަސްހާބު ބޭކަލުންގެ ގުރުބާނީއެވެ. އެ ދުވަހު ބަދުރުގެ މައިދާނުގައި ރަސޫލާ (ސއވ) ހުއްޓިވަޑައިގެން ހުންނެވުމަށް ހާއްސަ ކުރެވިފައިވާ ޢަރީޝްކޮޅުގައި އެކަލޭގެފާނު ހުއްޓިވަޑައިގެން ހުންނެވި އިރު، އެކަލޭގެފާނުގެ ހަށިފާރައަށް އަބޫބަކުރުގެފާނާއި ސަޢުދުބުން މުޢާޛުގެފާނު މަޑުކުރެއްވިއެވެ.

ބަދުރު ހަނގުރާމައިން ލިބުނު ހަތަރުވަނަ ފިލާވަޅަކީ މާތް ﷲއަށް ވަކީލުކުރުމާއި ދުޢާކުރުމުގެ މުހިއްމުކަމެވެ. ކަންކަމުގައި ﷲއަށް ވަކީލު ކުރުމަކީ ނަސްރާއި ކާމިޔާބަށް ވާސިލުކޮށްދޭ ކަމެކެވެ. ބަދުރު ހަނގުރާމައިގެ ދުވަހު ރަސޫލާ (ސއވ) އިސްލާމީ އުންމަތަށް ދެއްކެވީ ކެތްތެރިކަމާއި ސާބިތުކަމާއި، ވަކީލުކޮށްގެން ﷲއަށް ދުއާ ދެންނެވުމުގައި ގެންގުޅޭންޖެހޭނޭ އެންމެ ފުރިހަމަ ނަމޫނާއެވެ.