ކުޅުދުއްފުށީ ސިޓީގައި ޓެކްނިކަލް ވޮކޭޝަނަލް (ޓިވެޓް) ސެންޓަރަކާއި ދަރިވަރުންގެ ދަނާލެއް އިމާރާތް ކުރުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި އިއްޔެ ހަވާލުކޮށްފިއެވެ.
ކުޅުދުއްފުށީ ސިޓީގައި ޓިވެޓް ސެންޓަރަކާއި ދަރިވަރުންގެ ދަނާލެއް އެޅުމުގެ އިތުރުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން އިއްޔެ ވަނީ ރ. ދުވާފަރުގައިވެސް ޓްރެއިނިންގ އޭރިއާއަކާއެކު ދަނާލެއް ގާޢިމުކުރުމަށް ހަވާލުކޮށްފައެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.
މި ތަންތަނަކީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤިކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން ދިވެހިރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ މަޝްރޫޢުތަކުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫޢުތަކެއްކަމަށް އެ ވުޒާރާއިން ބުންޏެވެ.
ކުޅުދުއްފުށި ސިޓީގައި ބިނާ ކުރާ ޓިވެޓް ސެންޓަރާއި ދަނާލު އެޅާނީ 35،777.88 އަކަފޫޓްގެ ބިމެއްގައެވެ. މި ސެންޓަރުގައި މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން 7 ކްލާސް ރޫމާއި އައި.ސީ.ޓީ ލެބޯޓަރީއަކާއި، އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީވެސް ގާއިމުކުރާނެއެވެ.
މީގެ އިތުރުން ދަރިވަރުންނަށް އެ ސިޓީގައި ފަސޭހަކަމާއެކު ގާއިމުވެ ތިބެވޭނޭ ދަނާލެއް ގާއިމުކުރާއިރު، މިތަނުގައި ޝެއަރިންގ 32 ރޫމް ހުންނާނެއެވެ. އަދި ދަރިވަރުންގެ ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށް ކިޗަން އަދި ޑައިނިންގ އޭރިއާއަކާއި، ލޯންޑަރީ ފަދަ ޚިދުމަތްތަކުގެ އިތުރުން ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ އޭރިއާއަކާއެކު ޖިމެއްވެސް ހުންނާނެއެވެ. މީގެ އިތުރުން ނަމާދުކުރާނެ ތަނަކާއި ފާޚާނާއެއް ހަދައި، ލިފްޓް ވެސް ބަހައްޓާނެއެވެ.
އެ ވުޒާރާއިން ބުނެފައިވާގޮތުގައި މިފަދަ މަޝްރުޢޫތަކުގެ ސަބަބުން، ރަޢީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެގޮތަށް، ދަނާލުގެ ޚިދުމަތާއެކު ތަރައްޤީ ކުރެވޭ މިފަދަ އިންސްޓިޓިއުޓަކުން ރަށުން ބޭރުން އަންނަ ދަރިވަރުންނަށް އަތޮޅުތެރޭގައި ތިބެގެން ފަސޭހަކަމާއެކު، ފެންވަރު ރަގަޅު ޓެކްނިކަލް ޓްރެއިނިންގ އަދި މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!