ސަރުކާރު ހިންގުމުގައި އަންހެނުންގެ ހިއްސާ އިތުރުކޮށް، ބާރުވެރިކޮށް ފުރުސަތު އިތުރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މި ފަދައިން ވިދާޅުވީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ޚާއްޞަ ޚިޠާބުގައެވެ.

Ad
rt

ރައީސްގެ ޚިޠާބުގައި ތަޢުލީމާއި، ޞިއްޙަތާއި، އިޖުތިމާޢީ މި ނޫން ޚިދުމަތްތަކާއި، ވެރިކަން ހިންގުމާއި، ވިޔަފާރިއާއި އިޤްތިޞާދީ މަސައްކަތްތަކާއި އަދި މި ނޫނަސް މުޖުތަމަޢެއްގެ ދިރުމާއި ކުރިއެރުމާ ގުޅިފައިވާ ކޮންމެ ކަމެއްވެސް ހިނގަމުންދާނީ އަދި ކާމިޔާބުވެ ކުރިއަރާނީ އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި އެކުގައި ކަމަށް ވިދާޅުވެފަވެއެވެ.

ރައީސް ވިދާޅުވިގޮތުގައި، އަންހެނުންނަކީ މުޖުތަމަޢުގެ ދެބައިކުޅަ އެއްބައެވެ. ސީނުކަރައިގެ ބުއްދިވެރި ބަހެއްގައި "އުދަރެހުގެ ދެބައިކުޅަ އެއްބައި އުފުލައި ނަގަހައްޓައިދޭ ބަޔަކީ އަންހެނުންނެވެ." ކަމަށް ބުނާބުނުން ފާހަގަކުރަށްވައި، އަންހެނުންގެ ދައުރާއި ވާގިވެރިކަން ނެތި އެއްވެސް ޤައުމެއް، ވަޠަނެއް، ދެމިއެއް ނޯންނާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

''ދިވެހި ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތަކީ، މުޖުމަތަޢުގައި އަންހެން ދަރީންނަށް އޮތް ފުރުޞަތުތައް އިތުރަށް ފަހިކޮށް ދިނުމެވެ. ސަރުކާރު ހިންގުމުގައި އަންހެނުންގެ ޙިއްޞާ އިތުރުކުރުމެވެ. އަންހެނުންނަކީ ފުދުންތެރި ބާރުވެރި ބަޔަކަށް ހެދުމެވެ.'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގައި ޞިއްޙީ ޚިދުމަތް ފަދަ، ތަޢުލީމީ ދާއިރާ ފަދަ، މުޖްތަމަޢުގެ ދެމިއޮތުމާއި ކުރިމަގަށް މުހިންމު މައިދާންތަކުގައި ގިނައީ އަންހެން ޚިދުމަތްތެރީންނެވެ. ކުޅިވަރުގެ މައިދާނުގައި ދިވެހި އަންހެން ކުޅުންތެރީން ހާސިލުކުރާ އަރުތަ ގިނަގުނަކަމަށާއި، ޘާނަވީއާއި މަތީ ޘާނަވީ އަދި ޔުނިވަރސިޓީ ތަޢުލީމުގެ މަރުޙަލާގައިވެސް ދިވެހި އަންހެން ކުދީން ގިނައިން އުނގެނޭއިރު، މަތީ ނަތީޖާ ހޯދުން ގިނައީވެސް އަންހެން ދަރީންކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

"އަންހެނަކަށް އުނގަންނައިދިނުމަކީ ޖީލަކަށް އުނގަންނައިދިނުން" ކަމަށް ބުއްދިވެރި ބަހެއްގައި ބުނާކަން ފާހަގަކުރަށްވައި، އެހެންކަމުން، މިއީ ދިވެހި ޤައުމުގެ ކުރިމަގަށް އޮތް ހެޔޮ ފާލެއްކަމުގައި ދެންނެވިދާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

''ދިވެހި އަންހެނުންނަކީ، ދިވެހި އުންމަތް ސިލްމާ ސަލާމަތުގައި އެތައް ހާސް އަހަރަކު ދެމެހެއްޓި ދަރިކޮޅުތަކުގެ މަންމައިންނެވެ. އަނބީންގެ ގޮތުގައި އަދި ދައްތައިންނާއި ބޮޑުދައިތައިންގެ ގޮތުގައި ދިވެހި ޢާއިލާތަކަށް އޯގާތެރިކަމާއެކު ހޭހަންކުރާ މަދަދުގާރުންނެވެ. ދިވެހި އުންމަތުގެ ތަރައްޤީއާއި ތަމައްދުނަށްޓަކައި މިހާތަނަށް ކުރެވުނު ކާމިޔާބު ކޮންމެ މަސައްކަތެއްގައިވެސް ދިވެހި އަންހެނުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ވަނީ ލިބިފައެވެ. ދިވެހި އަންހެން ދަރީންނަށްޓަކައި ދިވެހި ޤައުމު އަބަދުވެސް ފަޚުރުވެރިވާނެއެވެ.'' ޚިޠާބު ނިންމާލައްވަމުން ރައީސް ވިދާޅުވެފަވެއެވެ.