ކުޅުދުއްފުށި މަށި ކުޅީގައި އަޅަން ފަށާފައިވާ ވިއުވިންގް ޕްލެޓްފޯރމްގެ ބޭސް ފައުންޑޭޝަން މަސައްކަތް ނިންމާލައިފިއެވެ.

މި ޕްލެޓްފޯމް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އެރަށު ކޮރަލް ފުޓްބޯޅަ ދަނޑުގެ އިރުމަތީ އޮންނަ ދަނޑުމަގުގެ އިރުމަތީ ފަރާތު، ކުޅީގެ ސަރަހައްދުގައެވެ.

Ad
rt

މި ޕްލެޓްފޯމުގައި ޖެޓީއަކާއިއެކު ހަޓެއް ތަރައްގީކުރާނެއެވެ. ޖެޓީގެ އަރިމަތީ ފެންސްސުޖެހުމުގެ އިތުރުން ޖެޓީއަށް އަރާފޭބުމަށް ރޭމްޕެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ކުޅީގައި ކެނޯ ދުއްވުމުގެ އިންތިޒާމް ފަސޭހައިން ހަމަޖެއްސުމަށް އެ ފަދަ އުޅަނދުތަކަށް ފަސޭހައިން އަރާފޭބޭނޭ އިންތިޒާމް ހަމަޖައްސާނެއެވެ.

މި މަސައްކަތް މިހާރު ކުރިއަށް ގޮސްއޮތް ހިސާބު ހިއްސާކުރަމުން ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ ސިކުޅީގައި އަޅަންފަށާފައިވާ ވިއުވިންގް ޕްލެޓްފޯރމްގެ ބޭސް ފައުންޑޭޝަން މަސައްކަތް ނިމިފައިވާ ކަމަށާއި ޕްރީ ކާސްޓެޑް ބީމް، އަދި ކޮލަމްތަށް ގުޅުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

މި ޕްލެޓްފޯމް ތަރައްގީ ކުރަމުން އަންނަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ޒިގްޒެގް ފޯ ޔޫތް ލިންކޭޖް ޖަމިއްޔާގެ ބައިވެރިވުމާއިއެކުއެވެ.

ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި ކުޅީގެ އެއްބައި ހިއްކައި ވަނީ އެއާޕޯޓް ތަރައްގީ ކޮށްފައެވެ. ހިއްކުމާއިއެކު ކުޅީގައި ފެން ދައުރުވުން ހުއްޓު އެތަނުގެ ދިރުންތައް މަރުވެ، ކުޅީގައި ނުބައި ވަސް ދުވަން ފެށުމުން އެތަނުގެ ބާކީބައި ހިއްކުމުގެ ހިޔާލެއް އެ ރަށު ބައެއް މީހުންގެ މެދުގައި އެ ދުވަސްވަރު އޮތެވެ.

ނަމަވެސް 2021 ވަނަ އަހަރު "މިހާރު" ނޫހަށް ދިން އިންޓަވިއުއެއްގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު އާތިފް ބުނީ ކުޅި ހިއްކުމުގެ ވިސްނުމަކީ އެއްވެސް ވަރަކަށް ކައުންސިލުން ގެންގުޅޭ ވިސްނުމެއް ނޫންކަމަށާއި، އެ ކައުންސިލުގެ ވިސްނުމަކީ އެތަނުގައި ނޭޗާ ޕާކެއްފަދަ ތަނެއް ތަރައްގީ ކުރުން ކަމަށެވެ.