ސަލްޓަން ޕާކު އަލުން ތަރައްޤީކުރެވިގެންދާއިރު ތަފާތު ފީޗަރސްތަކާއި ކުޅިވަރުތަކާއި ތަންތަން އިތުރުކުރަށްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި މާލޭގެ ސަލްޓަން ޕާކަށް އިޝާރާތް ކުރަށްވާ ވިދާޅުވީ، އެތަނުގެ ޙާލަތުވެސް ހުރީ ޢިއްޒުއްދީން ފާލަން ބަންދުކުރުމާ ހަމަޔަށް ހުރި ޙާލަތުގައި ކަމަށެވެ.
''މިދިޔަ ފަސްވަރަކަށް އަހަރު ދުވަހު، މިދިޔަ ދެތިން އަހަރު ދުވަހު ޚާއްޞަކޮށް އެއްވެސްވަރަކަށް އަޅުގަނޑު މޭޔަރަކަށް ހުރިއިރުގައިވެސް ކަންތައްތައް ކުރަން ބޭނުންވިވަރަށް ނުކުރެވި އަދި އޭގެފަހުން މިދިޔަ ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި ހަމަ އެއްގޮތަކަށްވެސް ނުބެލެހެއްޓިދިޔަ ތަނެއް. ސަރުކާރުން މިހާރު އެތަނާވެސް އެވަނީ އިރާދަކުރެއްވީތީ ހަވާލުވެފައި. ތަން ތަރައްޤީ ކުރުމަށް. އިރާދަކުރެއްވީތީ މި ޢިއްޒުއްދީން ފާލަމުގައި މި ދައްކައިދޭ ރަމްޒު، ނޫނީވިއްޔާ މިއިން މި ދޭހަކޮށްދޭ މެސެޖް، "ރަސްރަނި ބަގީޗާ" ކުރިން ކިޔާގޮތުން ނުވަތަ ސަލްޓަން ޕާކު އަލުން ތަރައްޤީވެގެން އަންނައިރުގައި ފެނިގެންދާނެ.'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން އެތަން ތަރައްޤީކުރާނީވެސް ޢިއްޒުންދީން ފާލަމެކޭ އެއްގޮތަށް ދިވެހިންގެ އައިޑެންޓިޓީ ދައްކައިދޭ ގޮތަށް، މިހާރުގެ ބަވަނަވެފައިވާ ދުނިޔޭގެ ޒަމާނީ ޓެކްނޯލޮޖީ ބޭނުންކޮށްގެން، ޅަދަރިންނާއި ޒުވާނުންނާއި، ހިތްހަމަޖެހޭ ޝައުޤުކުރުވާ، ރާއްޖޭގެ ތާރީޚު އެތަނުން ދަސްވާނެގޮތަށް ކަމަށެވެ.
މީގެ އިތުރުން ސަލްޓަން ޕާކު ތަރައްގީކުރަށްވާނީ، ކުޑަކުދިންނާއި ޢާއިލާތަކުން ހިތްގައިމުކަމާ އެކީގައި ވަގުތު ހޭދަކޮށްލެވޭނެ ތަފާތު ފީޗަރސްތައް އިތުރުކޮށް، އޭގެއިތުރަށް ވެސް ބޯލިންގ އެލީފަދަ މާލޭގައި މިވަގުތު ނެތް ކުޅިވަރުތަކާއި ތަންތަންވެސް އިތުރުކޮށް އަދި މި ނޫންވެސް އިތުރު ފީޗަރސްތައް އިތުރުކޮށްގެންކަމަށް ރައީސް ވިދާޅުވިއެވެ.
''އެހެންވީމާ، ކުރިއަށް މިއޮތް ހައެއްކަމަސް ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ސަލްޓަން ޕާކު އަޅުގަނޑުމެން ތަރައްޤީކުރާއިރުގައި، ތަރައްޤީވެގެންދާއިރު މުޅި މި ހިސާބަކީ މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލުމުގައި ބޭނުންހިފޭނެ އެންމެ ގިނަ ކަންކަން ހިމެނޭ، އެންމެބޮޑު ސަރަޙައްދަށް ވާނެ. އެއީ، އަޅުގަނޑުމެންގެ ވިސްނުމަކީ.'' ރައީސް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!