ދިވެހި މުޖުތަމަޢު އިޞްލާޙު ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ އިލްތިމާސްކުރައްވައިފިއެވެ.

ރައީސް މި އިލްތިމާސް ކުރެއްވީ ދ.އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ އެއަތޮޅު ކުޑަހުވަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވި ރޭ ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ސަރުކާރުން ރައްޔިތުންނަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދޮގު ވާހަކަތަކަށް ފަތުރަމުންދާކަން ފާހަގަކުރަށްވައި، ރައީސް މުޢިއްޒު ވަނީ ދޮގު ޚަބަރު ފެތުރުމުގެ ނުބައިކަމާއި، ދޮގު ޚަބަރު ރައްދުވެއްޖެ މީހާގެ ޢަމަލުތައް ބަހައްޓަންވީ ގޮތާމެދު، ކީރިތި ޤުރުއާނާއި ޙަދީޘްފުޅުން ހެކި ދައްކަވައި ވާހަކަފުޅު ދައްކަވާފައެވެ.

"ތިމާ ވާން ޖެހޭނީ ތިމާއަށް އިވޭ ވާހަކަތައް ކަނުލައި އަޑުއަހައި، އެކަމުގެ ތެދު ދޮގު ބަލާ މީހަކަށް" ކަމުގައި ރައީސް ވަނީ ވިދާޅުވެފަވެއެވެ.

ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވީ ދޮގުހެދުމާއި، ޣީބަ ބުނުމާއި، ނެތިމޮށުމާއި، މީހުންގެ ޢަބުރަށް އަރައިގަތުން ފަދަ ވިހަ އާދަތައް މި އިސްލާމީ މުޖުތަމަޢުގައި ފެތުރިފައިވާކަމެވެ. އެހެންކަމުން، މި ރަމަޟާން މަހު، އަމިއްލަ ނަފުސުތައް މިކަމުން ޠާހިރުކުރުމަށް ޢަޒުމު ކަނޑައެޅުމަށާއި ހުރިހާ މަންސައެއްގައިވެސް ދޫ ރައްކާތެރިކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ ޤައުމީ ތަރައްޤީއަކީ، ފިކުރީ ތަރައްޤީ އާއި ހިތާއި ސިކުނޑީގެ އަދި ނަފުސުގެ ތަރައްޤީކަމުގައެވެ. އަދި މުޖުތަމަޢު އިޞްލާޙު ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވެދިނުމަށް އެންމެހާ ރައްޔިތުންނަށް ގޮވާލެއްވިއެވެ.